އިހުސާން ވިދާޅުވީ މިހާރު ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީންގެ ޑާޓާ އެއްކުރެވުމުން އެ ޑާޓާ ކައުންސިލުތަކާ ހިއްސާކުރާނެ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިންގެ ބިދޭސީންގެ ބައޮ-މެޓްރިކް ޑާޓާ އެއްކުރެވުމުން އެ ޑާޓާއަށް ލޯކަލް ކައުންސިލުތަކަށް އެކްސެސްވެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޮޕަރޭޝަން "ކުރަނގި" ނަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ބިދޭސީންގެ ބައޮ-މެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކ.ހިންމަފުށިން ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް ހިންމަފުށީގެ އިތުރަށް މާފުށީގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ބައޮމެޓްރިކް ޑާޓާ އެއްކޮށްފައިވެ އެވެ. މައުލޫމާތުތައް އެއްކުރުމުގެ އިތުރަށް ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގާނޫނުގެ އިމުގެ ތެރެއަށް ވަނުމަށް މި އޮޕަރޭޝަނުގެ ތެރެއިން މަގުފަހިކޮށްދެ އެވެ.
ޕީއެސްއެމްއަށް ދެެއްވި ބަސްދީގަތުމެއްގައި އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. ނަމަވެސް ރަށްރަށުގައި އުޅޭ ބިދޭސީންނަކީ ކޮން ބައެއްކަން ނޭނގި ކައުންސިލުތަކަށް އެފަދަ ދަފުތަރެއް ނުބެލެހެއްޓޭނެ ކަމަށެވެ.
އިތުރަށް އިހުސާން ވިދާޅުވީ މިހާރު ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީންގެ ޑާޓާ އެއްކުރެވުމުން އެ ޑާޓާ ކައުންސިލުތަކާ ހިއްސާކުރާނެ ކަމަށެވެ. އެއިރުން ކައުންސިލުތަކަށް ރަށްރަށުގައި ދިރިއުޅޭ ބިދޭސީންނަކީ ކޮން ކުންފުންޏެއްގެ ހަވާލުގައި އައިސް ތިބި ބައެއްކަމާއި، އެމީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ނުވަތަ ނޫންކަން އެނގޭނެ ކަމަށެވެ.
" ކައުންސިލުގައި އިންނަ މީހާވެސް ބިދޭސީއެއްގެ ފޮޓޯ ނަގައިލީމައި ދައްކައިދޭނެ މިއީ ކޮން ކުންފުންޏަކަށް ނިސްބަތްވާ، ގަވާއިދާ އެއްގޮތަށްތޯ ގަވާއިދާ ހިލާފަށްތޯ،" އިހުސާން ވިދާޅުވި އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީންނަށް ސަރުކާރުން ދޫކުރާ ހުއްދައިގެ އިތުރަށް ރަށެއްގައި މަސައްކަތް ކުރާނަމަ އެ ރަށަކުންވެސް އެމީހަކަށް ހުއްދަ ދޫކުރުން ލާޒިމުކުރާނެ ކަމަށެވެ. އެއިރުން ރަށު ކައުންސިލުތަކަށް އެކަށީގެންވާ ގޮތަށް ދަފުތަރު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ބިދޭސީން ރާއްޖެއިން ބޭރުކުރުމުގައި ހުރި ދަތިތައްވެސް ހައްލުކުރަމުންދާ ކަމަށާއި، އެގޮތުން ލިޔެކިޔުންތައް ހުރި ބިދޭސީއަކު ހައްޔަރުކޮށް ރާއްޖެއިން ބޭރުކުރަންޖެހިއްޖެނަމަ މިހާރު 48 ގަޑިއިރު ތެރޭ ރާއްޖެއިން ބޭރުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.