ދުނިޔޭގެ މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށް: ނަޝީދު

ރައީސް ނަޝީދު މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ނުރައްކާތެރި އަލާމަތްތަކެވެ.

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްގެ ރެލީގައި ވާހަކަފުޅު ދައްކަވަނީ

ދުނިޔޭގެ މިސްރާބު މިހާރު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާލަށް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

މިހާރު ކްލައިމަޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ގާނާގައި ދިރިއުޅުއްވާ ރައީސް ނަޝީދު މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ނުރައްކާތެރި އަލާމަތްތަކެވެ. 

ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަސްކަރީ ޚިދުމަތް ލާޒިމުކުރަން ވިސްނަމުންދާ ކަމެވެ. ނަޝީދު އިޝާރާތް ކުރައްވާފައިވަނީ ނޭޓޯގެ ބައެއް ގައުމުތަކުން އަސްކަރި ހިދުމަތް ލާޒިމުކުރުމަށް ގޮވައިލުމުގެ މައްޗަށް ކަމުގައި ބެލެވެ އެވެ. 

ދެވަނައަށް ނަޝީދު ފާހަގަކުރެއްވި ނުކުތާއަކީ ގައުމުތަކުން އަސްކަރިއްޔާއަށް ކުރަމުންދާ ހަރަދުތައް ބޮޑުވަމުން ދިއުމެވެ. 2023 ވަނަ އަހަރު އަސްކަރިއްޔާއަށް ދުނިޔޭގެ ގައުމުތަކުން ކުރި ހަރަދު 2022 ވަނަ އަހަރަށްވުރެ 6.8 އިންސައްތައިން އިތުރުވެ 2.4 ޓްރިލިއަން ޑޮލަރަށްވަނީ އަރާފަ އެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ހަތިޔާރު އުފައްދައި އިތުރުކުރުމުގެ ވާދަވެރިކަމެއް މިހާރު ހިނގަމުންދާ ކަމަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު އަންނަނީ އައު ހަތިޔާރު އުފެއްދުމަށް ކުރާ ހޭދަ އިތުރުކުރަމުންކަމަށް ރިޕޯޓުތައް ބުނެއެވެ. 

ނަޝީދު ފާހަގަކުރެއްވި ނުރައްކަލުގެ އަނެއް އަލާމާތަކީ ޕޮޕިއުލިސްޓު ލީޑަރުން އިންތިހާބުތައް ކާމިޔާބުކުރުމާއި، ހިޖުރަކުރުމާއި ދެކޮޅު ފިކުރުތަކާއި ނަސްލީ ތައައްސުބު އިންތިހާއަށް އިތުރުވަމުން ދިއުމެވެ. 

މި ކަންކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ކަންކަމާ ހަމަޖެހިގެން ވިސްނާ ބަޔަކު އިސްސަފަށް ނުނުކުމެއްޖެނަމަ ދުނިޔޭގެ މިސްރާބު ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާލަށް އަމާޒު ހިފާފައި ހުރިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ދުނިޔެ ހޫނުވުމުގެ މައްސަލަ އެކަހެރިކޮށްފައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.