މި އަހަރުގެ ފުރަތަމަ ކުއާޓާގައި މަސް ކާރުހާނާތަކަށް ކިރުވާފައިވަނީ 21،941.3 މެޓްރިކް ޓަނުގެ މަހެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކިރުވާފައިވާ އަދަދަށްވުރެ 11،069.2 މެޓްރިކް ޓަނު މަދު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާ (ޖެނުއަރީ، ފެބްރުއަރީ އަދި މާޗު)ގައި މަހުގެ އަގު މައްޗަށް ދިޔަ ނަމަވެސް މަސް ކިރުވި މިންވަރާއި ބޭރުކުރި މިންވަރުވެސް ފާއިތުވި އަހަރުގެ ފުރަތަ ކުއާޓާއާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.
ރާއްޖޭގެ ޖުމްލަ އިގުތިސާދާއި މުހިއްމު ސިނާއަތްތަކުގެ ހާލަތާ ގުޅޭ ގޮތުން އަހަރުގެ ކޮންމެ ތިން މަހަކުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކުރާ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި މަސްވެރިކަމުގެ ސިނާއަތް ހީނަރުވި ކަމަަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެ ބުލެޓިންގައި ފާހަގަކުރި ގޮތުގައި މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ކިރުވި މިންވަރާއި މަހުގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރުވެސް ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އަގު އިތުރުކޮށްގެން ބޭރުކުރި މަހުގެ އުފެއްދުންތަކުގެ އަދަދު ފާއިތުވި 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި 2022 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 16.8 އިންސައްތަ ދަށްވި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި މަސް ކާރުހާނާތަކަށް ކިރުވާފައިވަނީ 21،941.3 މެޓްރިކް ޓަނުގެ މަހެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކިރުވާފައިވާ އަދަދަށްވުރެ 11،069.2 މެޓްރިކް ޓަނު މަދު އަދަދެކެވެ. އެހެންކަމުން މި އަހަރު މަސް ކިރުވާފައިވަނީ ފާއިތުވި އަހަރަށްވުރެ 34 އިންސައްތަ މަދުންނެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ މި އަހަރުގެ ފުރަތަމަ ތިން މަހު ކަޅުބިލަ މަސް އަދި ބޮޑު ކަންނެލި ކިރުވި މިންވަރުވެސް މަދެވެ. އެގޮތުން ނިމުނު އަހަރަށްވުރެ ކަޅުބިލަމަސް ކިރުވި މިންވަރު 9089.9 މެޓްރިކް ޓަން މަދުވެ، 33 އިންސައްތަ ދަށްވެފައިވެ އެވެ. އަދި ބޮޑު ކަންނެލި ކިރުވި މިންވަރުވަނީ 36 އިންސައްތަ ދަށްވެފަ އެވެ.
ނަމަވެސް މަސް ގަންނަ އަގު ނިމުނު އަހަރަށްވުރެ މި އަހަރު ބޮޑެވެ. އެގޮތުން މި އަހަރު ފުރަތަމަ ކުއާޓާގައި ކަޅުބިލަމަސް ކިލޯއެއް ގަނެފައިވަނީ 19.7 ރުފިޔާ އަށެވެ. ފާއިތުވި އަހަރު ގަނެފައިވަނީ 15 ރުފިޔާ އަށެވެ.
ބޮޑު ކަންނެލި ކިރުވި އަގުވެސް މި އަހަރު އުފުލުނެވެ. އެގޮތުން ބޮޑުކަންނެލި ކިލޯއެއް ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާގައި އެވެރެޖުކޮށް ކިރުވީ 58.7 ރުފިޔާ އަށެވެ. މި އަހަރުގެ ފުރަތަަމަ ކުއާޓާގައި އެ އަގުވަނީ 63.4 ރުފިޔާއަށް މަތިވެފަ އެވެ.