ސެންޓުފުޅުތަކެއް ވަގަށް ނަގައިގެން އެމްއޭސީއެލްގެ މުވައްޒަފަކު ވަކިކުރީ ރަނގަޅަށް

2014 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްގައި މަސައްކަތްކުރި މުވައްޒަފަކު 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ، 5 ސެންޓުފުޅިއެއް ވަގަށް ގެއަށް ގެންދިޔަ މައްސަލައެއްގަ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

ސެންޓުފުޅިތަކެއް ވަގަށް ނަގައިގެން އެމްއޭސީއެލްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ނިންމައިފި އެވެ. 

2014 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްގައި މަސައްކަތްކުރި މުވައްޒަފަކު 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ، 5 ސެންޓުފުޅިއެއް ވަގަށް ގެއަށް ގެންދިޔަ މައްސަލައެއްގަ އެވެ. އެ މައްސަލާގައި ވަޒީފާއިން ވަކިކުރުމުން އޭނާވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. 

ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މައްސަލާގައި ހެކިބަސްދިން ހެކިވެރިންގެ ހެކިބަހަށާއި، މައްސަލާގައި އެމްއޭސީއެލުން ހިންގި އިދާރީ ތަހުގީގަށާއި، ކުންފުނީގެ އުސޫލުތަކަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ. 

ޓްރައިބުއުނަލުގެ ނިންމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ އިސްތިއުނާފުގައި އޭނާވަނީ އެ މައްސަލާގައި ޓްރައިބިއުނަލުގައި ހެކިބަސް ދިން ހެކިވެރިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށާއި، އެއިން އެއް ހެކިވެރިއެއްގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ޓްރައިބިއުނަލުން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށް ކަމުގައިވެސްް އޭނާ އިސްތިއުނާފުގައި ބުނެފައިވެ އެވެ. 

އަދި އޭނާ ވަޒީފާއިން ވަކިކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާއެއް ނަގައިގެންކަމަށް އެމްއޭސީއެލުން ބުނާ ބުނުން ސާބިތުވާކަމަށް ޓްރައިބިއުނަލުން ނިންމީ ހެއްކާ ބެހޭ ގާނޫނާ ހިލާފަށް ކަމުގައިވެސް އޭނާ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. 

ހައިކޯޓުން މައްސަލާގައި ނިންމާފައިވަނީ ޓްރައިބިއުނަލުގެ ނިންމުމުގައި އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅާފައިވަނީ ތަހުގީގު ރިޕޯޓަށާއި ހެކިވެރިންގެ ހެކިބަހަށާއި، ތަހުގީގުގައި ހޯދާފައިވާ އިދާރީ ހެއްކަށް ބަލާއިރު، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަން މަދަނީ މިންގަނޑުން ސާބިތުކުރުމަށްފަހު ކަމަށް ކަމުގަ އެވެ. 

އަދި ހެކިވެރިންގެ ހެކިބަސް ފުށުއަރާކަމަށް އިސްތިއުނާފުގައި ބުނެފައިވީ ނަމަވެސް ހެކިވެރިންގެ ހެކިބަސް ބެލުމުން އެ ހެކިބަހުގައި ފުށުއަރާ ކަމެއް ނެތްކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދެވަނަ ހެކިވެރިޔާ އިސްތިއުނާފުކުރި މީހާގެ މަސައްކަތުގެ ފެންވަރާމެދު އޭނާގެ ސުޕަވައިޒަރުގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކަކީ ހެކިވެރިޔާގެ އަދުލުވެރިކަމަށް އެއިން އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުން ބުނެފައިވެ އެވެ. 

ހައިކޯޓުގައި މައްސަލަ ބެއްލެވީ  ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފާތިމަރު ފަރުހީޒާއާއި ފަނޑިޔާރު ހުސައިން ޝަފީއު އެވެ. އެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.