ޔޫކްރެއިންގެ ސުލްހައިގެ ސަމިޓުގައި ދުނިޔޭގެ ލީޑަރުން - ރަޝިއާ އާއި ޗައިނާ ބައިވެރިނުވޭ

ޗައިނާއިން ސަމިޓްގައި ބައިވެރި ނުވި ސަބަބެއް ކަމަށް ބުނެފައިވަނީ ރަޝިއާއިން ސަމިޓްގައި ބައިވެރި ނުވުމެވެ. ޗައިނާއިން ބުނީ ސުލުހައިގެ މަޝްވަރާގައި ރަޝިއާގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށެވެ.

ޔޫކްރެއިންގެ ސުލްހައިގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ލީޑަރުން ސްވިޒަލޭންޑްގައި

ސްވިޒަލޭންޑްގައި ކުރިއަށްދިޔަ ޔޫކްރެއިންގެ ސުލްހައިގެ ބޮޑު ސަމިޓުގައި ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއިރު ރަޝިއާ އާއި ޗައިނާ ބައިވެރި ނުވެއެވެ.

 ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރެވޭނެ ގޮތެއް ހޯދުމަށް ސްވިޒަލޭންޑްގައި ބާއްވާ ބޮޑު ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ ގައުމުތަކާއި ޖަމިއްޔާތައް ބައިވެރިވެއެވެ.

ސްވިޒްލޭންޑްގެ ލޫސާން ކައިރީގައި އޮންނަ ރިސޯޓެއްގައި މި ބައްދަލުވުން ޔޫކުރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ބޭނުންކުރައްވާނީ، 2022 ވަނަ އަހަރުގެ ފަހުކޮޅު އެންމެ ފުރަތަމަ އެކުލަވާލެއްވި 10 ނުކުތާގެ ސުލްހައިގެ ޕްލޭނަށް ތާއީދު ހޯދުމަށް ކަމަށްވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ހުށަހެޅުން ރަޝިއާއަށް ހުށަހަޅާނީ، ބައްދަލުވުމުގައި ބައިވެރިވާ އެހެން ގައުމުތަކުން އެކަމަށް އެއްބަސްވުމުން ކަމަށާއި، އެއަށްފަހު ދެވަނަ ސުލްހައިގެ ސަމިޓެއް އޮންނާނެ ކަމަށާއި އެ ސަމިޓުގައި ހަނގުރާމައިގެ ހަގީގީ ނިމުން ކަނޑައެޅިދާނެ ކަމަށެވެ.

އަދި ވީހާވެސް ބޮޑަށް މިކަމުގައި ގައުމުތަކުން ބައިވެރިވެ ހަރަކާތްތެރިވުމަށް އިލްތިމާސްކުރާ ކަމަށާއި ދުނިޔޭގެ ހުރިހާ ހިސާބެއް، ހުރިހާ ބައްރުތަކެއް ސުލްހައިގެ ސަމިޓުގައި ތަމްސީލުކުރަމުންދާތީ ފަޚުރުވެރިވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ މި ސަމިޓަށް އިސް ފަންތީގެ މަންދޫބުން ފޮނުވައިފަ އެވެ. އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، ވޮޝިންޓަނުން ކިއެވްއަށް 1.5 ބިލިއަން ޑޮލަރަށްވުރެ ބޮޑު އެހީގެ ޕެކޭޖެއް ފޯރުކޮށްދޭނެކަމަށް ވައިޓް ހައުސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައިވެއެވެ.

"މި ހަނގުރާމައަކީ ޕޫޓިންއަށް ވަރަށް ބޮޑު ނާކާމިޔާބީއެއް. އަޅުގަނޑުމެން ސްވިޒަލޭންޑްގައި މިތިބީ އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ތާއީދުކޮށް ޔޫކްރެއިން އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާ އެކު ތެދުވަން،" ކަމިލާ ވިދާޅުވި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާގެ އިތުރުން ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިންނާއި ސަރުކާރުތަކުގެ އިސްވެރިން ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ޒެލެންސްކީގެ ޕްލޭންގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމާއި، ޔޫކްރެއިންގެ ސަރަހައްދީ އެއްބައިވަންތަކަން އިއާދަކުރުމާއި، ޔޫކްރެއިންގެ ފަސްގަނޑުން ރަޝިޔާ ސިފައިން ބޭލުމާއި، ހަނގުރާމައިގެ ކުރިން ރަޝިޔާއާ އެކު އޮތް ޔޫކްރެއިންގެ ބޯޑަރުތައް އަލުން އިއާދަކުރުމެވެ. އަދި ރަޝިއާގެ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ދައުވާ ކުރުމަށް ހާއްސަ ޓްރައިބިއުނަލެއް އުފެއްދުމަށް ވެސް ވަނީ ހިމަނާފައެވެ.

އެ ޝަރުތުތަކަށް އެއްބަސްވުމަށް ރަޝިއާއިން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާއިރު ސަރަހައްދީ މައްސަލަތަކުގައި އެއްބަސްވުމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ސަމިޓް ފެށުމުގެ އެއް ދުވަސް ކުރިން ހުކުރު ދުވަހު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ކްރެމްލިންގެ އަމިއްލަ ސުލްހައިގެ ޕްލޭން އަލުން އެކުލަވާލާފަ އެވެ. މި ހުށަހެޅުއްވުމުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ދެކުނު އަދި އިރުމަތީގެ ހަތަރު ސަރަހައްދަކުން ޔޫކްރެއިން ސިފައިން ފޭބުމަށް ގޮވާލައި، ކިއެވް ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފަ އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާގެ ގާތްގަނޑަކަށް ހަތް ލައްކަ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ކަމަށާއި މިއީ 2023 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިއާއިން 617،000 ސިފައިން ތިބިކަމަށް ރިޕޯޓްކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ޗައިނާއިން ސަމިޓްގައި ބައިވެރި ނުވެ، ފަހުން ވަނީ ރަޝިއާއާއި ޔޫކްރޭނުން ވަކިން ސުލްހައިގެ މަޝްވަރާތައް ވީ އެންމެ އަވަހަކަށް ފެށުމަށް ގޮވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.