މާފުށީގައި އީދު | ޓޫރިސްޓުންނާއި ދިވެހިން ގުޅިގެން

މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން މި ރަަށުގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ. މި ހަރަކާތްތަކަށް ހާހެއްހާ މީހުން ރަަށަށް އަރާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

މާފުށީ އީދު ހަރަކާތުގައި އޮތް ހެނދުނުގެ ސައިގައި ބޭރު މީހަކު ބައިވެރިވަނީ -- މުހައްމަދު އަފްރާހް

ރަށަށް ކައިރި ކުރިއިރު ފުލުފުލުގައި ލޯންޗްތައް ގާތް ކުރަމުން ދިޔަ އެވެ. މި ރަށުގެ ބަނދަރު ގާތްގަނޑަކަށް އޮތީ ފުރިފަ އެވެ. މިއީ ރާއްޖޭގެ ގެސްޓްހައުސް ރަސްގެފާނުގެ ގޮތުގައި އޮތް ކ. މާފުއްޓެވެ. މި އަހަރުގެ އޮފް ސީޒަން ދެމި އޮތަސް މި ރަށަށް ސީޒަން އޮފެނުވެ އެވެ. އެހެންވެ ގިނަ ކޮޓަރިތައް ހުރީ ވިކިފަ އެވެ. ޖާގަ އޮތް މިންވަރަކުން މި ރަށަށް ދިވެހިން ވެސް ވަނީ އަރާފަ އެވެ. ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް މި އަހަރުގެ އީދު މި ރަށުގައިވެސް ކުލަގަދަކޮށް ފާހަގަ ކުރުން ވަނީ ފެށިފަ އެވެ. ހަތަރު ދުވަހަށް ދެމިގެންދާ އީދުގެ ހަރަކާތްތަށް ހިންގައި އިންތިޒާމު ކުރަނީ އަލަށް އުފެއްދި ކައުންސިލް ކުންފުނިންނެވެ.

މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ސަލްމާން ރަޝީދު ވިދާޅުވި ގޮތުގައި މި އަހަރުގެ އީދުގެ ހަރަކާތްތައް އިންތިޒާމު ކުރިގޮތަށް ފެށިގެން ގޮސްފައިވެ އެވެ. ހަރަކާތްތައް ކުރިއަށްދަނީ ރަށަށް އަރައިތިބި މެހުމާނުންނާއި ރައްޔިތުން ގުޅިގެނެވެ. 

"އެންމެންގެ ބައިވެރިވުމާއެކު ހަރަކާތްތައް ކުރިއަށްދަނީ. ހިތްހަމަ ޖެހޭ ހަރަކާތްތަކާމެދު،" ސަލްމާން ވިދާޅުވި އެވެ. 

މާފުށީ އީދު ހަރަކާތުގައި އޮތް ހެނދުނުގެ ސައިގައި މި ރަށު ބައެއް މީހުން -- މުހައްމަދު އަފްރާހް

އީދަކީ ސަގާފަތް ފެންނާނެ ފެސްޓިވަލެއް

މާފުށީގައި ދެހާހާ ގާތްކުރާ އަދަދަކަށް ޓޫރިސްޓް އެނދު އެބަ ހުއްޓެވެ. މި އަހަރުގެ އީދުގެ ހަރަކާތްތަކުގައި ރަށުގައި ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ދަނީ ބައިވެރިވަމުންނެވެ. އީދު ފަށަން ރޭ ބޭއްވި އީދުބަޑި ރޯކުރުމާއި ސަގާފީ ހަރަކާތްތަކުގައި ދިވެހިންނެކޭ އެއްގޮތަށް ޓޫރިސްޓުން ވެސް ބައިވެރިވި އެވެ. މި ހަރަކާތްތައް ވެގެން ގޮސްފައިވަނީ ޓޫރިސްޓުންނަށް ވެސް ރާއްޖޭން ލިބިގެން ދިޔަ ތަފާތު ތަޖުރިބާ އަކަށެވެ. 

މާފުށީ ނަމާދު ކުރިއަށް ދިޔައިރު ބޭރު ކުއްޖެއް ބޮޑު ޖަމާއަތް ކުރިއަށްދިޔަ ސަރަހައްދުގައި -- މުހައްމަދު އަފްރާހް

އީދު ނަމާދުގައި ވެސް މި ރަށަށް ގޮސްތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ބައިވެރިވި އެވެ. އަދި މުސްލިމް ނޫން ޓޫރިސްޓުން ވެސް އީދު ނަމާދު ހިނގަމުން ދިޔަ ވަގުތު ދުރުގައި ޝައުގުވެރިކަމައެކު ބަލަން ތިއްބެވެ. އަދި ބައެއް ޓޫރިސްޓުން ވަނީ އީދު ނަމާދަށް ފަހު އޮތް ހެނދުނުގެ ސައިގައި ބައިވެރިވެފަ އެވެ.

މި ރަށު އީދުގެ ހަރަކާތުގައި ބައިވެރިވި އުޒްބެކިސްތާނުން އައިސްހުރި ޓޫރިސްޓަކު ބުނި ގޮތުގައި އޭނާ އީދު ފާހަގަ ކުރަން ރާއްޖެ އައީ މި މަންޒަރުތަކަށް އުންމީދު ކޮށްގެންނެވެ. 

"އަހަރެން ބޭނުންވީ އީދު ފާހަގަ ކުރާއިރު ހިންގާ ބައެއް ކަންކަން ދެކިލަން. އެހެންވެ މި ރަށަށް އައީ. އެހެން ރަށަކަށް ދާންވެސް ބެލިން. އެކަމަކު މި ރަށް ޗޫޒް ކުރެވުނީ ހަމަ ރަނގަޅަށް ކަން އެނގިއްޖެ. އެންމެ ޝައުގުވެރިވީ ހުރިހާ މީހުން އެއްކޮށް އީދުގެ ހަރަކާތްތަކުގައި އުޅޭތީ. އެންމެ ޝައުގުވެރިވީ އީދު ސައި،" އާއިލާއާއެކު އައިސްހުރި ޓޫރިސްޓު ބުންޏެވެ. 

މާފުށީ އީދު ބޮޑު ޖަމާއަތުގައި ބައިވެރިވި ދެ ޓޫރިސްޓުން -- މުހައްމަދު އަފްރާހް

އީދުގެ ހަރަކާތްތަކާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވި ގޮތުގައި ރަށް ގާތްގަނޑަކަށް ފުލްވެފައިވާއިރު މި އަހަރުވެސް ހާހެއްހާ މީހުން މި ރަށަށް އަރާފައިވާނެ ކަމަށް ބެލެވެ އެވެ. 

"ވަރަށް ފުލްކޮށް އޮތީ މުޅި ރަށް.  ލޯންޗް ޝެޑިއުލްއަށް ބަަލައިލީމަވެސް އެނގޭ. ވަރަށް ބާރުބޮޑުކޮށް ލޯންޗް ދަތުރުތައްވެސް އޮތީ،" ސޮލާހު ވިދާޅުވި އެވެ. 

މާފުށީގައި އީދު -  މި ރަށުގައި މިރޭ ޑީޓިއުންސް އާއި ސްމޯކް ބޭންޑް އަދި މާފުށީ ބޮޑު ބެރު ގްރޫޕް ހިމެނޭހެން ޝޯއެއް އޮންނާނެ އެވެ. މި ޝޯގައި ހަވާ އެރުވުން ވެސް އޮންނާނެ އެވެ. ހޯމަ ދުވަހު ކޯޑި ކެނޑުމާއި މަސް ރޭސް އަދި ބާކެކިއު އޮންނާނެ އެވެ. މީގެ އިތުރުން އީދުގެ އެންމެ ފަހު ދުވަހު ނަލަ ކޯޑި އާއި މާލި ޕެރޭޑާއި ބިދަބިން ބޮޑުބެރު ގްރޫޕް ހިމެނޭހެން ޝޯވްއެއް ބާއްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.