އީދު އުފަލުގެ ތެރެއިން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުޑަހުވަދޫގައި ބޮޑު ހިނގާލުމެއް

މި ހިނގާލުން ކުރިއަށްގެންދާނީ މާދަމާ ހަވީރު 4:30 އިން 5:30 އަށެވެ. ހިނގާލުން ފެށޭނީ ކުޑަހުވަދޫގެ މެހެމާން ސަރާ ސަރަހައްދުންނެވެ.

ކުޑަހުވަދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން -

ގައުމީ ފެންވަރުގައި މިއަހަރު ބޮޑު އީދު ފާހަގަކުރާ ދ. ކުޑަހުވަދޫގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން ނިންމާފައި ވާތީ، އެރަށުގައި ސަގާފީ ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރު ފަލަސްތީނުގެ ލޮބިވެތި ރައްޔިތުންގެ ހައްގުގައި "ފަލަސްތީނާއެކު ކުޑަހުވަދޫ" ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މި ހިނގާލުން ކުރިއަށްގެންދާނީ މާދަމާ ހަވީރު 4:30 އިން 5:30 އަށެވެ. ހިނގާލުން ފެށޭނީ ކުޑަހުވަދޫގެ މެހެމާން ސަރާ ސަރަހައްދުންނެވެ.

އީދުގެ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލް މެންބަރު އައިޝަތު ނަޝީދާ "މިރާ" އަށް ވިދާޅުވީ، މި ހަރަކާތް ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ފަލަސްތީނުގެ ހައްގުގައި ބާއްވާނެ އެންމެ ބޮޑު ހަރަކާތް ކަމަށެވެ. މި އިވެންޓްގެ ތެރެއިން ފަންޑް ރެއިޒިން ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިރަށުގަ ބޮޑުކޮށް އީދު ފާހަގަކޮށް މަޖާކޮށް ކަންކަން ކުރިޔަސް އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުން މަތިން ހަނދާން ނައްތާލާކަށް. އީދަކަސް އަޅުގަނޑުމެން މިތިބީ ފަލަސްތީނު ރައްޔިތުންނާ އެކުގައި،" ނަޝީދާ ވިދާޅުވި އެވެ.

ނަޝީދާ ވިދާޅުވީ ބޮޑު އީދަށް އެރަށަށް އެކި ރަށްރަށުން ވަރަށް ގިނަ މީހުން އައިސް އުޅޭ ކަމަށެވެ. އެރަށުގެ ގެސްޓްހައުސްތައް ވެސް ފުރިފައިވާ ކަމަށެވެ. އެހެންކަމުން މި ހިނގާލުމުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އޭނާ ވަނީ ލަފާކުރައްވާފަ އެވެ.

ގާތްގަނޑަކަށް 3100 އެއްހާ މީހުން ދިރިއުޅޭ ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަމުން ދަނީ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގަ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް އެރަށަށް ވަނީ ވަޑައިގެންފަ އެވެ. މި ދެ މިނިސްޓަރުން ވެސް މިހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ ކުރިން ވެސް އެކި ރަށްރަށުގައި ވަނީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލާ ބޮޑެތި އެއްވުންތަކެއް ބާއްވާފަ އެވެ. އަދި ގިނަ ފަންޑްރެއިޒިން އިވެންޓްތަކެއް ވެސް ބާއްވާފައިވެ އެވެ. ދިވެހިން ތިބީ ފަލަސްތީނާއެކުގައި ކަން ހާމަކުރުމަށް އީދު އުފަލުގެ ތެރެއިން ކުޑަހުވަދޫގައި މިފަދަ ހަރަކާތެއް އިންތިޒާމް ކުރުމުން ގިނަ ބަޔަކު ދަނީ އެރަށަށް ތައުރީފު ކުރަމުންނެވެ.

ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިއްޔާއި ރ. އުނގޫފާރުގައި ވެސް މިފަހަރު ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާނެ އެވެ. ދައުލަތުގެ މީޑިއާއިން މި ހަރަކާތްތައް ލައިވް ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.