މިއީ ރާއްޖޭގެ ރަށެއްގައި މިފަދަ މޮނިއުމަންޓެއް ހަދާ ހުޅުވި ފުރަތަމަ ފަހަރެވެ. އިސްލާމީ ބޮޑެތި ގައުމުތަކުގައި މިފަދަ ރީތި / ހިތްގައިމު މޮނިއުމަންޓްތައް ވަރަށް ގިނައިން ހުރެ އެވެ.
ގދ. ތިނަދޫ ސިޓީގެ ބަނދަރުމަތީ ހެދި ހިތްގައިމު / ރީތި މޮނިއުމަންޓް ހުޅުވައި އެ ސިޓީގެ މަލަމަތި ނަލަކޮށްލައިފި އެވެ.
ތިނަދޫ ބަނދަރު ސަރަހައްދުގައި ދެ މޮނިއުމަންޓެއް ހަދާފައިވެ އެވެ. އެއީ މާތްﷲ ސުބުހާނަހޫވަތައާލާގެ އިސްމުފުޅު ހިމެނޭ މޮނިއުމަންޓަކާއި ނަބިއްޔާ މުހައްމަދުގެފާނުގެ ނަންފުޅު ހިމެނޭ މޮނިއުމަންޓެކެވެ.
ރަސްމީ ޖެޓީ ހިމެނޭ ސަރަހައްދު ގައި ހެދި މި ދެ މޮނިއުމަންޓް ރޭ ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ. އެ ކަމަށްޓަކައި ހާއްސަ ހަފްލާއެއް ވެސް ބޭއްވި އެވެ. އީދާއި ގުޅުވައި މި ދެ މޮނިއުމަންޓް ހުޅުވައި ދެއްވީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ.
ކައުންސިލުން ބުނި ގޮތުގަައި މިއީ ސީދާ މޭޔަރުގެ ވިސްނުމަށް ކައުންސިލުން ކުރި މަސައްކަތެކެވެ. އެ މަސައްކަތަށް ހަރަދު ކުރީ ކައުންސިލުގެ ބަޖެޓުންނެވެ.
މި ދެ މޮނިއުމަންޓަކީ ވެސް 12 ފޫޓްގެ އުުސް ދެ މޮނިއުމަންޓެވެ. މި މަސައްކަތަށް ތިން މަހެއްހާ ދުވަސް ހޭދަ ވި ކަމަށް ކައުންސިލުން ބުންޏެވެ.
މިއީ ރާއްޖޭގެ ރަށެއްގައި މިފަދަ މޮނިއުމަންޓެއް ހަދާ ހުޅުވި ފުރަތަމަ ފަހަރެވެ. އިސްލާމީ ބޮޑެތި ގައުމުތަކުގައި މިފަދަ ރީތި / ހިތްގައިމު މޮނިއުމަންޓްތައް ވަރަށް ގިނައިން ހުރެ އެވެ. ނަމަވެސް ރާއްޖޭގައި މިފަދަ މޮނިއުމަންޓް މިހާތަނަށް ހަދާފައެއް ނުވެ އެވެ.
ތިނަދޫ ސިޓީ އިން ތައާރަފު ކުރި މި މަސައްކަތަށް ދިވެހީންގެ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ހުއްޓިފަ އެވެ. ވަރަށް ގިނަ ބަޔަކު އެ މަސައްކަތަށް ތައުރީފުކޮށްފައިވެ އެވެ. މި މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ.
މިފަދަ މުހިންމު މަސައްކަތެއް ތިނަދޫ ސިޓީ ކައުންސިލުން ކުރިކަން ފާހަގަކޮށް ގިނަ ބަޔަކު އެ ކައުންސިލަށް ތައުރީފު ވެސް ކޮށްފައިވެ އެވެ.
ތިނަދޫ ސިޓީގެ ރައްޔިތުންނަށް ވެސް މި މޮނިއުމަންޓުތަކުން ބޮޑު އުފަލާ ހިތްހަމަޖެހުމެއް ލިބިފައިވާކަން އެ ރައްޔިތުންގެ ޝުއޫރުތަކުން ހާމަވެ އެވެ.