އީދަށް ކުޑަހުވަދޫ ފުރިއްޖެ، ސަގާފީ ގިނަ ހަރަކާތްތަކެއް

"ގައުމީ ފެންވަރުގަ އީދު ފާހަގަކުރާތީ ރަށް އޮތީ ފުރިފަ. އަޅުގަނޑަކަށް އަދަދުން ބުނާކަށް ނޭންގެ، އެކަމަކު ފުލް ނުވާ އެންމެ ގެސްޓުހައުސްއެއް ވެސް މިހާރު ނެތް،"

ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަނީ: ސަގާފީ ގިނަ ކުޅިވަރުތަކެއް ކުޅޭނެ --

ގައުމީ ފެންވަރުގައި މިއަހަރު ބޮޑު އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައިވާ އެއް ރަށަކީ ދ. ކުޑަހުވަދޫ އެވެ. އީދު އައުމުގެ ކުރިން އެރަށް އޮތީ އީދު ފާހަގަކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެރަށުގައި އީދުގެ ހަރަކާތްތައް ފަށާފައި ވަނީ ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދަށް ފަހު އެވެ. އީދު ނަމާދަށްފަހު އީދު ސައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރަން ހަމަޖެހިފައިވާތީ އެރަށުގައި މިފަހަރު އޮތީ ހުސް ސަގާފީ ކުޅިވަރުތަކެވެ. ޒަމާނާއެއްގޮތަށް، ރަށްރަށުގައި އީދު ފާހަގަކުރާ ގޮތް ބަދަލުވެފައި އޮތް ނަމަވެސް، ސަރުކާރުން ބާރު އަޅައިގެން އެފަދަ އެއްވެސް ހަރަކާތެއް މިފަހަރު އެރަށުގައި ނުހިންގާނެ އެވެ.

އީދުގެ ހަރަކާތްތަކާ ގުޅޭ ގޮތުން "މިރާ" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލް މެންބަރު އައިޝަތު ނަޝީދާ ވިދާޅުވެފައި ވަނީ މިއަހަރު ނޫނަސް އެރަށުގައި އަބަދުވެސް އީދު ފާހަގަކުރަނީ ސަގާފީ ކުޅިވަރުތަކާ އެކުގައި ކަމަށެވެ. އެރަށަކީ ޒަމާނާ އެއްގޮތަށް މިއުޒިކް ޝޯތައް ބާއްވާ ރަށެއް ނޫން ކަމަށެވެ.

ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަނީ: ސަގާފީ ގިނަ ކުޅިވަރުތަކެއް ކުޅޭނެ --

"އެއްވެސް މިއުޒިކް އަދި ސްޓޭޖް ޝޯއެއް އަޅުގަނޑުމެން ރާވާފައެއް ނެތް. މިރަށަކީ މިފަހަރު ނޫނަސް ލިމިޓެއްގެ ތެރޭ އީދު ފާހަގަކުރާ ރަށެއް. އީދު ފާހަގަކުރާއިރު ލަވަޔާ މިއުޒިކް ކުޅޭ ރަށެއް ނޫން. އަބަދުވެސް ކުރިއަށް ގެންދާނީ ސަގާފީ ހަރަކާތްތައް،" ނަޝީދާ ވިދާޅުވި އެވެ.

ކުޑަހުވަދޫގައި މިއަދު އީދު ނަމާދަށްފަހު އޮތް އީދު ސައި --

އީދު ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އުލުހިޔާ ކަތިލުމާއި ދަފިނެގުމާއި ލަނގިރި ޖެހުމާއި ބޮޑުބެރުގެ ހަރަކާތްތައް ހިމެނެ އެވެ. އޭގެ އިތުރުން މާދަމާ މެންދުރުގެ ކޭމެއް މުޅި ރަށު ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ކޭމުގައި އޮންނާނީ މުޅިން ވެސް ދިވެހި ކެއުންތަކެވެ.

"ގައުމީ ފެންވަރުގަ އީދު ފާހަގަކުރާތީ ރަށް އޮތީ ފުރިފަ. އަޅުގަނޑަކަށް އަދަދުން ބުނާކަށް ނޭންގެ، އެކަމަކު ފުލް ނުވާ އެންމެ ގެސްޓުހައުސްއެއް ވެސް މިހާރު ނެތް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ނަސީރު އަދި މިނިސްޓަރު ޑރ. ހައިދަރު ބޮޑު އީދު ފާހަގަކުރަން ކުޑަހުވަދޫގައި --

ކުޑަހުވަދޫގައި މިފަހަރު ބޮޑުމަސް ބޭނުމާއި ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ. މިރޭ ހަވާ އެރުވުން ވެސް އޮންނާނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވެސް ހުންނެވީ އެރަށުގަ އެވެ. ރޭ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް އެރަށަށް ވަނީ ވަޑައިގެންފަ އެވެ.

ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިއްޔާއި ރ. އުނގޫފާރުގައި ވެސް މިފަހަރު ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާނެ އެވެ. ދައުލަތުގެ މީޑިއާއިން މި ހަރަކާތްތައް ލައިވް ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.