ހައްޖުގެ މައިދާނުގައި ސިޔާސީ ޝިއާރުތަކަށް ޖާގައެއް ނޯންނާނެ: ހައްޖު ހުތުބާ

ޝައިޚް އަލްމުޢައިޤިލީ މިއަދު އީދު ހުތުބާ ދެއްވަނީ، ފޮޓ: އަލްޢަރަބިއްޔާ

ހައްޖުގެ މަގާމަކީ ސިޔާސީ ޝިއާރުތަކަށް ޖާގަ އޮންނަ މަގާމެއް ނޫންކަމަށް ހައްޖު ހުތުބާގައި މަސްޖިދުލް ހަރާމުގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިޚް ޑޮކްޓަރު މާހިރު ބިން ޙަމަދު އަލްމުޢައިޤިލީ ވިދާޅުވެއްޖެ އެވެ. 

ޢަރަފާތުގައި ދެއްވި ހުތުބާގައި ޝައިޚު މުޢައިޤިލީ ވިދާޅުވެފައިވަނީ ސަލާމަތް އަޚުލާގު ރައްކާތެރިކޮށް، ހަޔާތުގައި ހަމަޖެހުން ގާއިމުކޮށް، އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. 

އަދި މީސްތަކުންނަށް އެމީހުންގެ ދީނީ އަދި ދުނިޔަވީ މަސްލަހަތުތައް ހާސިލުކުރުމުގައި އެހީތެރިވުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށް އޮތް ވާޖިބެއްކަން ފާހަގަކުރައްވަމުން ޝައިޚު ވިދާޅުވީ އެއީ މާތްﷲއާ ކުއްތަންވެވޭނެ މަގެއް ކަމަށެވެ. 

އިސްލާމްދީނުގެ މަަގުސަދުތަކުގެ ތެރެއިން ޒަރޫރީ ފަސް މަގުސަދު ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވައިލައްވައި ޝައިޚު ވިދާޅުވެފައިވަނީ އެ ޒަރޫރަތްތައް ނެތި ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ހިންގުވަން ބަޔަކު އުޅުނަސް އެފަދަ އަމަލުތަކުން ދުރުހެލިވުމަކީ މުއުމިނުންނަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. 

"މާތްﷲ ވަނީ ޒަރޫރީ ފަސްކަމަކަށް ރައްކާތެރިވުން ވާޖިބުވެގެންވާކަން ކަށަވަރުކޮށްދެއްވާފައި. އެއީ ދީނާައި ނަފްސާއި، ބުއްދިއާއި މުދަލާއި އަނބުރު ރައްކާތެރިކުރުން. އެއިން ކޮންމެ ކަމަކަށް އަރައިގަތުމަކީ ޝަރީއަތުގައި އުގޫބާތް ހައްގު ފާފައެއް އަދި ކުށެއް،" ޝައިޚު ވިދާޅުވި އެވެ.

އިތުރަށް ޝައިޚު ވިދާޅުވީ މި ޒަރޫރަތްތަކަށް އިހުތިރާމުކުރުމުގެ މައްޗަށް ނަފުސުތައް ހާނުވައި ތަރުތިބިއްޔަތު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން އެ ޒަރޫރީ މަގުސަދުތަކަަށް ހާނުވައި ހޭލުންތެރިކުރުވުމުގެ މުހިއްމުކަން ހުތުބާގައި ފާހަގަކުރެއްވި އެވެ. 

ކީރިތި ޤުރުއާން ބާވައިލެއްވީ ޚަލްޤުތަކުންނަށް ރަހުމަތެއް ކަމުގައި އެމީހުންގެ ހާލަތު ހެޔޮ މަގަށް ބަދަލުކުރާނެ ފޮތެއްގެ ގޮތުގައިކަން އަލްމުޢައިޤިލީ ފާހަގަކުރެއްވި އެވެ. 

އިތުރަށް ޝައިޚު ވިދާޅުވީ ހައްޖަކީ މާތްﷲ އަށް އިޚުލާސްތެރިވުން ފާޅުކޮށްދޭ ދީނުގެ ޝަޢީރާތްތަކަށް ރައްކާތެރިވުމުގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެއް ކަމަަށެވެ. އަދި އެފަދަ އަޅުކަމެއްގައި ސިޔާސީ ޝިއާރުތަކަށާއި، ބައިބައިވުންތަކަށް ޖާގައެއް ދީގެންނުވާނެ ކަމަށެވެ. 

"އިސްލާމީ ޝަރީއަތްވަނީ ދިރިއުޅުން ތަނަވަސްކޮށްދީ، ކުރިއެރުން ހޯދައިދޭނެ ހުރިހާ ކަމެއް ގެނެސްދީފައި. އެހެންމީހުންނަށް ގެއްލުން ދިނުމާއި، ތުރާތައް ކުރިމަތިކުރުން އެ ޝަރީއަތް މަނާކުރޭ. އެ ޝަރީއަތް އަމުރުކުރަނީ އަދުލުވެރިވުމަށާއި ރިވެތި އަހުލާގުގައި ހިފަހެއްޓުމަށާއި، މައިންބަފައިންނަށް ކިޔަމަންތެރިވެ، ރަހިމުގެ ގުޅުން ގާއިމުކުރުމަށް،" ޝައިހު ވިދާޅުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.