އެމްއެމްއޭއިން އާންމުކުރި ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އިންފުލޭޝަން ރޭޓު ހުރީ 2.3 އިންސައްތައިގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތްވަނީ 0.6 އިންސައްތަށް ދަށްވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހުގައި މުދަލާއި ހިދުމަތުގެ އަގު ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަހަށްވުރެ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
އެމްއެމްއޭއިން އާންމުކުރި ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އިންފުލޭޝަން ރޭޓު ހުރީ 2.3 އިންސައްތައިގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތްވަނީ 0.6 އިންސައްތަށް ދަށްވެފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އިންފުލޭޝަން ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި ހަކަތައާ ގުޅުންހުރި ދާއިރާއާއި ކާބޯތަކެއްޗާއި އެކޮމަޑޭޝަން ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ އަގުތައް ހެޔޮވުމާ ގުޅިގެންނެވެ. ނަމަވެސް ކާބޯތަކެތީގެ އަގު ފުރަތަމަ ކުއާޓާގައި އިތުރުވެފައިވާ ކަމަށާއި، މުވާސަލާތީ ހިދުމަތްތަކުގެ އަގު ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ކާބޯތަކެތީގެ އަގު 5.4 އިންސައްތަށް އުފުލުނު ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދެއްކި އެވެ. އަހަރުން އަހަރަށް ކާބޯތަކެތީގެ އުފުލުނީ މައިގަނޑު ގޮތެއްގައި މަހުގެ ބާވަތްތަކުގެ އަގު 9.9 އިންސައްތައަށް އަދި ތަރުކާރީގެ އަގު 17.2 އިންސައްތައަށް އުފުލުމާ ގުޅިގެންނެވެ.
އޭގެ އިތުރަށް ބައެއް ހިދުމަތްތަކުގެ އަގުތައް އުފުލުނެވެ. އެގޮތުން ފަސިންޖަރުންގެ ދަތުރުފަތުރުގެ އަގު 0.2 އިންސައްތައިން، އަދި ސިއްހީ ހިދުމަތްތަކުގެ އަގުވެސް 0.2 އިންސައްތައިން އުފުލިފައިވާ ކަމަށެވެ.
ހަކަތައާ ގުޅުން ހުރި ހިދުމަތްތަކުގެ އަގު 3.8 އިންސައްތައިން ދަށްވިއިރު، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގެ އަގުތައްވަނީ 11.1 އިންސައްތައިން ދަށްވެފަ އެވެ. މުވާސަލާތީ ދާއިރާގެ އަގުހެޔޮވުމުގެ މައިގަނޑު ސަބަބަކީ އެ ހިދުމަތް ދޭ ކުންފުނިތަކުން ފޯރުކޮށްދޭ މޯބައިލް ބްރޯޑް ބޭންޑު ހިދުމަތުގެ އަގަށް ގެނައި ހެޔޮ ބަދަލެވެ.
ހަކަތައިގެ ދާއިރަގެ އަގުތައް ހެޔޮވީ ކަރަންޓުގެ ހިދުމަތުގެ އަގު 4.1 އިންސައްތައިން ދަށްވުމުގެ ސަބަބުންނެވެ. އެއީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ދިން ޑިސްކައުންޓާއެކު ކަރަންޓުގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ.
އަދި ނިމުނު ކުއާޓާގައި ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، ޕެޓުރޯލުގެ އަގު 8.4 އިންސައްތަ ދަށަށް ދިޔައެވެ. އެއީ އެސްޓީއޯއިން ޕެޓްރޯލު ވިއްކާ އަގަށް ގެނައި ބަދަލާއެކު އައި އަގު ހެޔޮވުމެކެވެ.
އޭގެ އިތުރަށް ރަމަޟާން މަހު ސަރުކާރުން ދިން ޑިސްކައުންޓާއެކު، ފެނުގެ ހިދުމަތްތަކުގެ އަގުވެސް ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ 2.5 އިންސައްތަ ދަށްވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.