2006 ވަނަ އަހަރު އޮންލައިންކޮށް ބައްދަލުވި މި ދެމަފިރިންގެ ވާހަކަތަކާއެކު ގިނަބައެއްގެ ތައުރީފުވަނީ އޮއްސާލާފައި
ބްރެޒިލްގެ ދެމަފިރިއަކު އެންމެ ކުރު ދެމަފިރިންގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ. އަލަށް ކައިވެނިކުރި މި ދެމަފިރިންނަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ލޯބި އޮއްސާލައިފަ އެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ޖަމިއްޔާއިން އަބަދުވެސް އިންސާނުންގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރަމުން އަންނައިރު، ދާދި ފަހުން އިތުރު ކުރި ރިކޯޑަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ބްރެޒިލްގެ ދެމަފިރިން ކަމަށްވާ ޕައުލޯ ގެބްރިއެލް ޑަ ސިލްވާ ބަރޮސް އާއި ކެޓިއުސިއާ ލައި ހޯޝިނޯ ރަސްމީކޮށް ކައިވެނިކޮށް ވަނީ ދުނިޔޭގެ އެންމެ ކުރު ޖޯޑުގެ ކައިވެނީގެ ގޮތުގައި ރިކޯޑް ފޮތުގައި ހިމެނިފައެވެ.
މި ދެމަފިރިންގެ ވާހަކައަކީ ކެތްތެރިކަމާއި ލޯބީގެ ހިތްގައިމު ވާހަކައެކެވެ. އިޖުތިމާއީ ޕްރެޝަރުތަކަށް ބެލުމެއް ނެތި ބަރޮސް އާއި މިސް ހޯޝިނޯ ވަނީ އެމީހުންގެ ތަފާތު ޖިސްމާނީ ސިފަތައް ގަބޫލުކޮށް ދެމެހެއްޓެނިވި ގުޅުމެއް އުފައްދައިފަ އެވެ. އެ މީހުންވަނީ މިފަދަ ހާއްސަ ސިފަތައް ހުންނަ އަޅާލުން ބޭނުންވާ މީހުން އެމީހުންގެ ގޮތުގައި މުޖުތަމައުން ބަލައިގަނެ ރީތި މިސާލު ދެއްކުމަށް ނަސޭހަތްތެރިވެފައެވެ.
2006 ވަނަ އަހަރު އޮންލައިންކޮށް ބައްދަލުވި މި ދެމަފިރިން ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވަރުގަދަ ގުޅުމެއް އުފައްދައި، އެ މީހުންގެ ކައިވެނި ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އުމުރުން 31 އަހަރާއި 28 އަހަރުގައި އެ ދެމަފިރިން ވެގެން ގޮސްފައިވަނީ އެންމެ ކުރު ދެމަފިރިންނަށެވެ. ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި އިއުލާނުކުރި މި ޚަބަރަށް ވަރަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނެވެ.
"އަހަރެމެން ކުރުވެދާނެ، އެކަމަކު އަހަރެމެންގެ ބޮޑު ހިތުގައި އެކަކު އަނެކަކާއި އަދި ދިރިއުޅުމުގެ އެންމެންނަށް ލޯތްބާއި އިހްތިރާމުވޭ. އެންމެ އުފާވަނީ ދިރިއުޅުމުގައި ހުރި ގޮންޖެހުން ތަކާއެކުވެސް އުޅެވޭނެކަން ދުނިޔެއަށް އަދި އަހަރެމެން ފަދަ އެންމެނަށް ދައްކާލެވޭތީ" އެ ދެމަފިރިން ބުނެފައިވެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ދައްކާ ގޮތުގައި މި ދެމަފިރިންގެ ޖުމްލަ ދިގުމިނަކީ 181.41 ސެންޓިމީޓަރު (71.42 އިންޗި) އެވެ. ޕައުލޯގެ އިސްކޮޅުގައި 90.28 ސެންޓިމީޓަރު (35.54 އިންޗި) ހުންނައިރު ކަޓިއުސިއާގެ އިސްކޮޅުގައި 91.13 ސެންޓިމީޓަރު (35.88 އިންޗި) ހުރެ އެވެ.