ޗައިނާއިން ރަޝިޔާއަށް އެހީތެރިވާކަމަށް ބުނެ ޖީ-7 އިން ދަތިކުރުމުގެ އިންޒާރު ދީފި

ރަޝިޔާގެ ދިފާއީ ސިނާއަތަށް ޗައިނާއިން އެހީތެރިވުމަކީ ޔޫކުރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާ ދިގު ދެމިގެން ދިއުމުގެ ސަބަބެއްކަމަށް ޖީ-7ގެ ލީޑަރުން ތުހުމަތު ކުރައްވަ އެވެ.

އިޓަލީގައި އޮތް ޖީ-7ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ޔޫކުރެއިނުގެ ރައީސް ޒެލެންސްކީ، ފޮޓޯ: ރޮއިޓާސް

ޔޫކުރެއިން ހަނގުރާމާގައި ރަޝިޔާއަށް ޗައިނާއިން މަދަދުވެރިވާކަމަށް ތުހުމަތުކޮށް އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ޖީ-7 ގައުމުތަކުގެ ވެރިން އިންޒރު ދެއްވައިފި އެވެ. 

ޖީ-7ގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާގެ އަސްކަރީ ސިނާއަތަށް ބޭނުންވާ އެކި މާއްދާތައް ޗައިނާއިން އަންނަނީ ރަޝިޔާއަށް ފޯރުކޮށްދެމުންނެވެ. އެ ގައުމުތަކުގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އެ މާއްދާތައް ފޯރުކޮށްދިނުން ޗައިނާއިން ހުއްޓާ ނުލައިފިނަމަ އެ ގައުމަށް އިތުރަށް ދަތިކުރަން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. 

އިޓަލީގައި ކުރިއަށްދިޔަ ޖީ-7 ގައުމުތަކުގެ ސަމިޓު ނިންމުމަށްފަހު ނެރުނު ބަޔާނުގައި މީގެ ކުރިން އެ ގައުމަތަކުން ޗައިނާއާ މެދު ގެންގުޅުން ވިސްނުމަށްވުރެ ހަރުކަށި ވިސްނުމެއްގެ އަސަރުތައް ފެނެ އެވެ. އެއީ ޗައިނާއިން ރަޝިޔާއަށް އެހީތެރިވާތީ އެމެރިކާއާއި ޔޫރަޕުގެ ނުރުހުން އިތުރުވަމުންދާކަމުގެ ހެއްކެކެވެ. 

ރަޝިޔާގެ ދިފާއީ ސިނާއަތަށް ޗައިނާއިން އެހީތެރިވުމަކީ ޔޫކުރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާ ދިގު ދެމިގެން ދިއުމުގެ ސަބަބެއްކަމަށް ޖީ-7ގެ ލީޑަރުން ތުހުމަތު ކުރައްވަ އެވެ. އަދި އެ މަދަދުވެރިކަމުގެ ސަބަބުން ސަލާމަތީ ނުރައްކާތަކެއް ކުރިމަތިވާކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ. 

ޖީ-7 ގައި ހިމެނޭ ޔޫރަޕުގެ ބައިވެރިންކަމަށްވާ ކަމަށްވާ އީޔޫއާއި ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތުން ޗައިނާއާ ދެކޮޅަށް ވަރުގަދަ ވިސްނުންތަކެއް އިސްކުރުމަށް އެމެރިކާއިން ފިއްތުންތައް ކުރިމަތިކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމެރިކާއިން ދެކޭ ގޮތުގައި ޗައިނާއިން ރަޝިޔާ-ޔޫކުރެއިން ހަނގުރާމާގައި ނަގާފައިވަނީ ރަޝިޔާ ފަޅި އެވެ. 

ހުކުރުދުވަހު އެމެރިކާގެ އޮފިޝަލެއް ވިދާޅުވެފައިވަނީ ޗައިނާއިން ރަޝިޔާއަށް މަދަދުވެރިވުމަކީ ޔޫރަޕުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އަދި ޖީ-7 ގެ ހުރިހާ މެންބަރު ގައުމުތައް ކަންބޮޑުވާ ކަމެކެވެ. 

މި ވިސްނުމާ އެއްގޮތަށް ޖީ-7 އިންވަނީ ޗައިނާއިން ރަޝިޔާއަށް މަދަދުވެރިވުން ހުއްޓާނުލާނަމަ އެ ގައުމާ ދެކޮޅަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް އިންޒާރު ދީފަ އެވެ. ހުޅަނގުން އަޅާފައިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ރަޝިޔާއަށް ވިއްކުން މަނާ ތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ޗައިނާގެ ބައެއް ކުންފުނިތަކަށް މިހާރުވެސް ޖީ-7 ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެ އެވެ. 

"ޗައިނާ ހިމެނޭހެން، ރަޝިޔާގެ ހަނގުރާމައަށް އެހީތެރިވާ ގައުމުތަކާމެދު ފިޔަވަޅުތައް އަޅާނަން. އެ ފިޔަވަޅުތަކުގެ ތެރޭގައި މާލީ އިދާރާތަކާމެދު އަޅާ ފިޔަވަޅުތައްވެސް ހިމެނޭނެ،" ޖީ-7ގެ ލީޑަރުން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.