"ކުރަނގި" އޮޕަރޭޝަންގައި މާފުށިން 800 ބިދޭސީންގެ ޑާޓާ އެއްކޮށްފި

މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފެށި އޮޕަރޭޝަނުގައި މާފުށީ އުޅޭ 805 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގާފައިވާ ކަމަށެވެ.

ބިދޭސީއަކު މަސައްކަތް ކުރަނީ: ބިދޭސީންގެ ޑާޓާ ނަގަން ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައި -- ފޮޓޯ: ދަ މިރާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގަވާއިދަށް ފައްތައި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "ކުރަނގި" ނަމުގައި ފެށި އޮޕަރޭޝަން ގައި ކ. މާފުށިން 800 ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން މިދިޔަ މަހުގެ ދެވަނަ ދުވަހު ފެށި އޮޕަރޭޝަނާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ފެށި އޮޕަރޭޝަނުގައި އެ ރަށުގައި އުޅޭ 805 ބިދޭސީ މަސައްކަތްތެރިއެއްގެ ބަޔޮމެޓްރިކް ޑާޓާ ނަގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ފަށާފައި ވަނީ ކ. ހިންމަފުށިންނެވެ. އޮޕަރޭޝަން ފެށި ދުވަހު މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މަސައްކަތް ފެށީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ދެކިގެން ކަމަށެވެ. އަދި، ވޭތުވެ ދިޔަ ފަސް އަހަރު މި އޮޕަރޭޝަން އެކުލަވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފެށުނީ އޭގެ އަމަލީ މަސައްކަތުގެ ފުރަތަމަ ބައި ކަމަށެވެ.

"ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބީ ކިތައް ބިދޭސީންތޯ، އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ، މިހާރު އެމީހުން މަސައްކަތް ކުރަނީ ކާކު އެމީހުންނަށް ސްޕޮންސާ ދީގެންތޯ ނުވަތަ ކޮން ދިމާލެއްގަތޯ އޭނާ މަސައްކަތް ކުރަނީ މިހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް އެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ދެން ޖެހިގެން އަންނަ ދެ އަހަރު ކުރާނެ ކަމަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް ނުވަތަ ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން އެއީ ކާކުކަން ސާބިތު ނުވާ މީހުންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ހަދައި އެމީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭނުންވާނަމަ ވަގުތުން އެމީހުން ގަވާއިދުތެ ތެރެއަށް ވެއްދުމުގެ މަސައްކަތް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ކުރާނެ ކަމަށެވެ. އެމީހުން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކޮށްލުމަކީ އެއްވެސް ހާލަތެއްގައި މި އޮޕަރޭޝަނުގެ މަގުސަދެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.