ތޮއްޑޫގައި އީދު ދުވަހުގެ ރޭ ހަވާ އެރުވުން އޮންނާނެ އެވެ. މީގެ އިތުރުންވެސް ގިނަ ކުޅިވަރުތަކެއް މި ރަށުގައި އޮންނާނެ އެވެ.
ތޮއްޑޫގައި މި އަހަރު ފާހަގަ ކުރާ އީދުގައި ސަގާފީ ކުޅިވަރުތަކާއެކު ސޯސަން ކްލަބާއި ބްރައިޓް ކްލަބް ނުކުންނާނެ އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި ބްރައިޓް ކްލަބާއި ސޯސަން ކްލަބް އީދު ފާހަގަކުރަން ނުކުތުމަކީ ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށާ މިއީ ތާރީހީ ބަދަލެއް ކަމަށެވެ. މި އަހަރުގެ އީދުގައި ކައުންސިލުން ހަވާއެރުވުގެ ހަރަކާތެއް ބާއްވާނެ އެވެ.
"އެހެން ކަންކަން އިންތިޒާމު ކުރަނީ ކްލަބުތަކުން،" ކަރަމް ވިދާޅުވި އެވެ.
ތޮއްޑޫ ސޯސަސް ކްލަބް އާއި ބްރައިޓް ކްލަބަކީ ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދި ދެ ކްލަބެވެ. މި ދެ ކްލަބުގެ ތާރު ޖެހުމާއި ބަނޑިޔާ ޖެހުމަކީ ރާއްޖެއަށް މަޝްހޫރު ކުޅިވަރުތަކެވެ. ނަމަވެސް ފަހުން މި ދެ ކްބަލުގެ ހަރަކާތްތައް ވަނީ ފަނޑުވެގެން ގޮސްފަ އެވެ. "އޭ ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާ ތޯ، ދޮންވެލި މިތުނޑިތައް ހުދުކޮށްލަމާތޯ" މި ލަވައަކީ ތޮއްޑޫ ސޯސަން ކްލަބް ނުވަތަ ބަނޑިޔާ ގްރޫޕުގެ ލަވަތަކުގެ ތެރެއިން މަޝްހޫރުވި އެއް ލައްވަ އެވެ.
ބޮޑު އީދު ފާހަގަކުރުމަށް ސޯސަން ކްލަބާއި ބްރައިޓް ކްލަބުން ތޮއްޑޫގައި ބާއްވާ ސަގާފީ ކުޅިވަރުތަކާއި އިތުރު ހަރަކާތްތަކުގެ އިތުރަށްވެސް، އީދު ސަޔާއި އެނޫންވެސް ކުޅިވަރު ހަރަކާތްތައް ބާއްވައި ކުލަ ގަދަކޮށް އީދު ދުވަސް ފާހަގަ ކުރާނެ އެވެ.