މުންދު، ޔޫއޭއީގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަފީރުކަމުގެ ފަތްކޮޅާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔޫއޭއީގެ ރައީސްވަނީ ރާއްޖެއާ އެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ޔޫއޭއީގެ ރައީސަށް މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒާއިދް އައްނަހްޔާނަށް އަރުވައިފި އެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވީ އެކަމށް ހާއްސަކޮށް ޔޫއޭއީގެ ރިޔާސީ ގަނޑުވަރު ގަސްރުލް ވަތަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަތްކޮޅު އެރުވުމުގެ އިތުރަށް އެ ރަސްމިއްޔަތުގައި ދިވެހި ދިދަަ ނެގުންވެސް އޮތެވެ. 

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ޔޫއޭއީގެ ރައީސްވަނީ މުންދުއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މުންދުގެ ސަފީރުކަމުގެ ދައުރު ފެށުމާ ގުޅިގެން އޭނާއަށް މުބާރަކުބާދީ އަރިސްކުރެއްވި އެވެ. އަދި މުންދުގެ މަސައްކަތްޕުޅުގައި ކާމިޔާބަށް އެދިވަޑައިގެންނެވި އެވެ. 

ޔޫއޭއީގެ ރައީސަށް މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫއޭއީގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާއި އެ ގައުމާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުވައިލައްވައި، ސަފީރާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެހީތެރިވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. 

ސަފީރު ދެއްކެވި ވާހަކަފުޅުގައި ޔޫއޭއީގެ ރައީސަށް ޝުކުރު އަދާކުރައްވައި، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހާލިސް ހެޔޮ އެދުންތައް ޔޫއޭއީގެ ރައީސާއި އެ ގައުމުގެ ރައްޔިތުންނަށް ރައްދު ކުރެއްވި އެވެ. 

އަދި މުންދުގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ކައިރިން ގުޅިގެން މަސައްކަތްކުރުން އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. 

ރާއްޖެއާއި ޔޫއޭއީގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1978 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. ޔޫއޭއީއަކީ ރާއްޖެއަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއަށް އެ ގައުމުން ބޮޑެތި އެހީތެރިކަން ލިބިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.