ދ. ކުޑަހުވަދޫ ގޮނޑި ލިބުނީ ކޮންގްރެސް އަަށެވެ. ލ. ގަމު ގޮނޑި ލިބުނީ އެމްޑީޕީއަށެވެ. މ. މުލަކު ގޮނޑި ހޯދީ އަމިއްލަ ކެންޑިޑޭޓެކެވެ.
ތިން ރަށެއްގައި މިއަދު ބޭއްވި ބައި އިލެކްޝަންތައް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ކާމިޔާބު ކޮށްފި އެވެ.
މިއަދު ވޯޓުލުން ބާއްވަނީ ދ. ކުޑަހުވަދޫ އާއި ލ.ގަމާއި މ. މުލަކުގަ އެވެ. މި ބައި-އިލެކްޝަންތަކަކީ އެ ރަށްރަށުގެ ކައުންސިލުތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަންތަކެވެ.
ދ. ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންް ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ޖާދުﷲ ހަމީދެވެ. އޭނާ ވަނީ 826 ވޯޓް ހޯދާފަ އެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖަމީލަށް ލިބުނީ 624 ވޯޓެވެ.
ލ. ގަމު ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން 894 ވޯޓު ހޯދައިގެން ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަފްޒަލް ޖައުފަރެވެ. އޭނާއާ ވާދަކުރި ކޮންގްރެސްގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބުނީ 644 ވޯޓެވެ.
މ. މުލަކު ކައުންސިލުގެ އަންހެން މެންބަރު ކަމަށް އިންތިހާބުވީ އަމިއްލަ ގޮތުން ވާދަކުރި ރީމާ ހުސައިންނެވެ. އޭނާ ވަނީ 336 ވޯޓް ހޯދާފަ އެވެ. ކޮންގްރެސްގެ މިޒްނާ ތައުފީގަަށް ލިބުނީ 282 ވޯޓެވެ.