އީދުގެ އިހުތިފާލުތައް ދީނުގެ އިމުގެ ތެރޭގައި ކުރިއަށް ގެންދަން އަންގައިފި

މިނިސްޓްރީން ބުނެފައިވަނީ އީދުގެ ހުރިހައި ހަރަކާތްތަކެއް ހިންގުމުގައި އެ ގާނޫނަށް ރިއާޔަތް ކުރުމަށް އެދޭ ކަމަށެވެ.

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް

އަޟްޙާ އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް އިސްލާމްދީނުގެ އަސާސްތަކާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާނެހެން ކުރިއަށް ގެންދިއުމަށް ސަރުކާރުން އަންގައިފި އެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރީން މިއަދު ލޯކަލް ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި، ކައުންސިލުތަކާއި އެހެނިހެން ފަރާތްތަކުން އިންތިޒާމުކޮށްގެން އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ އިންތައް ބަޔާންކޮށްދީފައިވެ އެވެ. އަދި އެ އިންތައް ފަހަނައަޅައި ނުދާނެހެން ހަރަކާތްތައް އިންތިޒާމުކުރަން އެ މިނިސްޓަރީން އިލްތިމާސްކުރި އެވެ. 

އެ ސާކިއުލާގައި ބުނެފައިވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ އެއްވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ކަމަށެވެ. 

އެ މާއްދާއާ ހަވާލާދީ މިނިސްޓްރީން ބުނެފައިވަނީ އީދުގެ ހުރިހައި ހަރަކާތްތަކެއް ހިންގުމުގައި އެ ގާނޫނަށް ރިއާޔަތްކުރުމަށް އެދޭ ކަމަށެވެ. 

އޭގެ އިތުރަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ އަމަލެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭޏުންކުރުމަކީ މަނާ ކަމެއްކަން އެ ސާކިއުލާގައި ފާހަގަކުރި އެވެ. 

އަދި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ސާކިއުލާގައި ވަނީ އެފަދަ ކަންކަމަށް މަގުފަހިނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.