ގައުމީ ފެންވަރުގައި ބާއްވާ އަދަބީ ތިން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ.
ދިވެހިބަހުގެ އެކެޑަމީން ފުރުސަތު ހުޅުވާލާފައިވަނީ ލިޔުމުގެ ފަންނުގެ ތިން މުބާރާތެއްގއި ބައިވެރިވުމަށެވެ. މި ތިން މުބާރާތަކީވެސް އެ އެކެޑަމީން ކޮންމެ އަހަރަކު ބާއްވާ މުބާރާތްތަކެވެ.
އެގޮތުން ޅެން ހެދުމުގެ 27 ވަނަ ގައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތައި، މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެކެޑަމީން ހުޅުވާލާފައިވެ އެވެ.
އަމިއްލަ ފަރުދުންނާއި ސުކޫލުތަކުގެ ދަރިވަރުންނަށް މި މުބާރާތްތަކުގައި ބައިވެރިވެވޭނެ އެވެ. ސުކޫލުތަކުގެ ދަރިވަރުންގެ ބައި ތިން ގިންތިއަކަށް ބަހާލާފައިވެ އެވެ. އެއީ ދށު ސާނަވީއާއި ސާނަަވީއާއި މަތީ ސާނަވީ އެވެ.
ދަށު ސާނަވީގައި ހިމެނެނީ ކީ ސްޓޭޖް 7 އަދި 8ގެ ދަރިވަރުންނެވެ. ސާނަވީ އުމުރުފުރާގެ ގިންތިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކީ ސްޓޭޖް 9 އަދި 10ގެ ދަރިވަރުންނަށެވެ. މަތީ ސަނަވީ ގިންތިއަކީ ކީ ސްޓޭޖް 11 އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންގެ އުމުރުފުރާއެވެ.
އަމިއްލަ ފަރުދުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 18 އަހަރުން މައްޗާއި 18 އަހަރުން ދަށެވެ.
އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ބާއްވާ މި ތިން މުބާރާތާކުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 09 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
މުބާރާތްތަކުގެ ގަވާއިދާއި، އެ މުބާރާތްތަކުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތަކުގެ ތަފުސީލު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ އެވެ.