އަހުލީ ހަނގުރާމައަށް 15 އަހަރު | ލަންކާގެ ތަމަޅައިން އިންތިޒާރު ކުރަނީ އިންސާފަށް

ލަންކާގެ ތަމަޅައިންގެ ހަމައެކަނި އަޑަކީ އެލްޓީޓީއީ ކަމަށް އެ ޖަމާއަތުން ދައުވާ ކުރިޔަސް ތަމަޅައިންގެ ތެރޭގައި އެލްޓީޓީއާ ނުރުހޭ މީހުން މަދެއް ނޫނެވެ.

ތަމަޅަ އަންހެނަކު އޭނާގެ އާއިލާ މީހެއްގެ ގަބުރު ކައިރީ ހިތާމަ ފާޅުކުރަނީ، -- ފޮޓޯ: ރޮއިޓާސް

ސްރީލަންކާގެ ބައިމަދު ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމު ކުރުމަށް ލިބެރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން ހިންގި ލޭ އޮހޮރުވުން ގިނަ އަހުލީ ހަނގުރާމަ ނިމުނުތާ 15 އަހަރުވީ އެވެ. ތިރީހަކަށް އަހަރަށް ދެމިގެން ދިޔަ ހަނގުރާމަ އަށް ފަހު އެލްޓީޓީއީން ބަލި ގަބޫލުކޮށް ހަތިޔާރު ބަހައްޓަން މަޖުބު ވެގެން އަމާން ދިންތާ، އަދި ހަނަގުރާމަ ހުއްޓުވާލިތާ  15 އަހަރުވީ އެވެ. 

ނަމަވެސް ހަނގުރާމައިގެ އަނިޔާގެ ޒަހަމްތައް މުޅިން ފަސޭހަނުވެ އެވެ. ހަނގުރާމައިގެ އަނިޔާގެ އަސަރުތައް ލަންކާގެ ހުރިހާ ކަންކޮޅުތަކުން އަދިވެސް އިހުސާސް ވޭވެ އެބައޮތެވެ. 

ލަންކާގެ ސިންހަޅަ ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ސަރުކާރާއި ތަމަޅަ ހަނގުރާމަވެރިން ވަނީ އެތައްހާސް މަދަނީންނެއް ގަތުލުކޮށްފައެވެ. އެތައް އަހަރަކަށް ދެމިގެންދިޔަ ހަނގުރާމާގައި 100،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ހަނގުރާމަ ނިމެންދިޔަ ފަހު މަރުހަލާގައި 40،000 އަށްވުރެ ގިނަ އާންމުން މަރާލި ކަމަށް އދ. ގެ މާހިރުންގެ ޕެނަލަކުން އެކުލަވައިލި ރިޕޯޓެއްގައި ބުނެފައި ވެ އެވެ. 

ލަންކާގެ އެ ހަނގުރާމައިގެ ފަހު ދުވަސްކޮޅު މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން ގެންގުޅުނީ ހަމައެއްލަމައެއް ބެލުމެއް ނެތި ބޮން އަޅައި ސުންނާފަތި ކުރުމުގެ ސިޔާސަތެކެވެ. ހަމަލާ ބަދަލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް އަސްކަރިއްޔާއިން ބޮން އެޅީ ބަލައިލުމެއް ނެތި އެވެ. 

ހަނގުރާމަ ނިމުމަށް ފަހު ތަމަޅަ ހަނގުރާމަވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރާލެވުނެވެ. ނުވަތަ ވީނުވީއެއް ނޭނގި ގެއްލުވާލި އެވެ. އަދި ޝައްކުކުރެވޭ ހަނގުރާމަވެރިންނާ 225،000 އެއްހާ މަދަނީން ވަކިކޮށް އެމީހުންނަށް ވެސް އެކި ބާވަތުގެ އަނިޔާތަކާ ކުރިމަތިލާން ޖެހުނެވެ. 

ލަންކާގެ ތަމަޅައިންގެ ހަމައެކަނި އަޑަކީ އެލްޓީޓީއީ ކަމަށް އެ ޖަމާއަތުން ދައުވާ ކުރިޔަސް ތަމަޅައިންގެ ތެރޭގައި އެލްޓީޓީއާ ނުރުހޭ މީހުން މަދެއް ނޫނެވެ. ނަމަވެސް ހަނގުރާމައިގެ ފަހު ދުވަސްކޮޅު ލަންކާ އަސްކަރިއްޔާއިން އެލްޓީޓީއީ ހަނގުރާމަވެރިންނާއި އާންމުންގެ މެދުގައި ތަފާތެއް ނުކުރެ އެވެ. 

ހަނގުރާމައިގެ ޝިކާރައަކަށްވީ ވަރަށް ގިނަ މީހުންނަކީ އެ ހަމަނުޖެހުމާ ގުޅުމެއް ނެތް މީހުނެވެ. އަދި އެމީހުންނަކީ ހަނގުރާމައަށް ފަހު ލަންކާގެ އިސްތިގުލާލައި ގައުމުގެ ހަމަޖެހުމަށް މުހިއްމު ބައިވެރިން ކަމަށް ދުށުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބައިނަލްއަގުވާމީ މާހިރުން އެތައް ފަހަރަކު ލަންކާ ސަރުކާރަށް ލަފާދީފައި ވެއެވެ. 

އެކަހެރިކަމާއި ޖަވާބުދާރީވުން

ލަންކާގެ ބައިމަދު ތަމަޅައިންގެ ތެރެއިން އިންސާފު ހޯދަން ނުކުންނަ މީހުންނާމެދު އެ ގައުމުގެ ސަރުކާރުން ދެކެނީ ދުޝްމަނުންގެ ގޮތުގަ އެވެ. އދ. ގެ ހައިކޮމިޝަން ފޯރ ހިއުމަން ރައިޓްސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނަ، ވަރަށް ގިނަ އަންހެނުންނަށް، ލަންކާގެ ސިފައިންނާއި ފުލުހުން  ބިރުދައްކައި، އެމީހުންނަށް ޖާސޫސްކޮށް، އެއްވެސް އުސޫލަކަށް ނުފެތޭ ގޮތަށް ބަންދުކޮށް، ތަޅައި އަނިޔާ ކޮށްފަައިވެ އެވެ. 

ހަނގުރާމައަށް ފަހު ލަންކާ ސަރުކާރުން ހައްލު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮތީ ތަމަޅައިން އިހުސާސް ކުރަމުންދިޔަ އަނިޔާ ލިބެމުން ދިއުމުގެ އިހުސާސެވެ. އެލްޓީޓީއީއިން ތަމަޅައިންގެ ތާއީދު ހޯދީ އެތައް އަހަރަކަށް ދެމިގެންދިޔަ އަނިޔާވެރިކަމާއި ތަމަޅައިންނަށް ކުރިމަތި ކުރުވާފައި އޮތް އެކަހެރިކަމުގެ ތެރެއިންނެވެ. 

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ލޭ އޮހޮރުން ބޮޑު އަހުލީ ހަނގުރާމަތައް ނިމުމުން ދެން ފެށެނީ އިންތިގާލީ އަދާލަތުގެ މަރުހަލާ އެވެ. އަނިޔާ ލިބުނު މީހުންނާއި އަނިޔާވެރިވި މީހުންގެ މެދުގައި ހިނގާ "ރިކޮންސިލިއޭޝަން" ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް މައާފުކޮށް މުސްތަގުބަލަށް ނަޒަރު ކުރަން ފެށުމުގެ މަރުހަލާ އެވެ. 

ނަމަވެސް ސިޔާސީ އަޒުމެއް ނެތުމުގެ ސަބަބުން އެ މަރުހަލާ ލަންކާގައި ރަނގަޅަށް ހިނގައިނުގަނެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ގާއިމު ކުރި "އޮފީސް އޮން މިސިން ޕާސަންސް" އަކީ އިންތިގާލީ އަދުލުގެ އުންމީދު ލަންކާއިން ގެއްލިފައިވާ ކަމުގެ އެއް ނަމޫނާ އެވެ. އެ އޮފީހުގެ މެންޑޭޓު ފުރިހަމައަށް އަދާކޮށް، ގެއްލިފައިވާ މީހުން ވީ ތަނަކާ ގުޅޭ ހެއްކާއި ތަފުސީލަށް ރިއާޔަތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ. 

އޭގެ ނަތީޖާއަކީ ލަންކާއިން ބޭރުގައި ދިރިއުޅޭ ތަމަޅައިން ހަނގުރާމައިގެ ހަނދާންތައް އާކޮށް އިންސާފު ގާއިމު ކުރުމަށް ގޮވައިލާ ހިންގާ ހަރަކާތްތައް އިތުރު ވުމެވެ. އެންމެ ފަހުން ހަނގުރާމައިގެ ހަނދާނުގައި ލަންކާ ތަމަޅައިން ބޭއްވި ހަރަކާތެއްގއި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ވެރިޔާ އެގްނެސް ކަލަމާޑް އެވެ. އެ އެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަލަމާޑް ފާހަގަކުރެއްވި މައިގަނޑު އެއް ނުކުތާއަކީ ހަނގުރާމައިގެ ޝިކާރައަށްވީ މީހުނަށް އިންސާފު ގާއިމު ކުރުމުގައި ލަންކާގެ އިދާރާތައް ޖަމާއީ ގޮތެއްގައި ނާކާމިޔާބުވެފައިވުމެވެ.

ތަމަޅައިންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި، ކޮލަމްބޯއާއި ޖަފްނާއާއި ހަނގުރާމަ ހިނގި ސަރަހައްދުތަކުގައި ތަމަޅައިންނަށް ޖާސޫސު ކުރުން ސަރުކާރުން އިތުރު ކޮށްފައި ވުމަކީ ބޭރުގައި ދިރިއުޅޭ ތަމަޅައިން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުން އިތުރުވާނެ ސަބަބެކެވެ. އަދި އެ ހަރަކާތްތަކުގެ ސަބަބުން ލަންކާ ހަނގުރާމައަށް ނަޒަރު ހުއްޓި އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިންސާފު ގާއިމު ކުރަން ގޮވައިލާ ގޮވުމުގެ އަޑު ގަދަވާނެ އެވެ. 

ސިންހަޅަ ބުދިސްޓު ތައައްސުބު

ހަނގުރާމައިގެ ކުށްތަކަށް އިންސާފު ގާއިމު ކުރުމަކީ ހައްދުފަހަނައެޅި ހަރުކަށި ސިންހަޅަ ބުދިސްޓުން ރުހޭނެ ކަމެއް ނޫނެވެ. އެމީހުންނާ ސަރުކާރުގެ މެދުގައި ބަދަހި ގުޅުންތަކެއް އޮވެ އެވެ. އެ ގުޅުމުގެ އެއް ހެއްކަކީ ސަލާމަތީ ސަރަހައްދުތައް ކަނޑައަޅައިގެން ތަމަޅައިންނާއި މުސްލިމުންގެ އަތުން އެމީހުންގެ ބިންތައް ފޭރި ސިންހަޅަ ބުދިސްޓުންނަށް ދެމުންދާ ދިނުމެވެ. 

މިފަދަ އެތައް ކަމެއްގެ ފައިދާ ވަނީ ސިންހަޅަ ފާދިރީންނަށެވެ. އެމީހުން އަންނަނީ ވަރަށް ގިނަ ބިންތަކަކީ ދީނީ މުގައްދަސް ތަންތަން ކަމަށް ދައުވާކޮށް އެ ބިންތަކުގައި ފައްޅި އެޅުމަށް ސަރުކާރުގެ ތާއީދާއި މަދަދު ހޯދަމުންނެވެ. 

ބޮޑު ބަލަ ސެނަ (ބީބީއެސް) ފަދަ ލަންކާގައި މަގުބޫލު ހަރުކަށި ޖަމާއަތްތަކުން އަންނަނީ ހުއްޓުމެއް ނެތި ސިންހަޅައިން އެހެން މީހުންނަށް ވުރެ މޮޅުކަމަށް ބުނެ، ސިންހަޅައިން އިސްކުރާ ނިޒާމެއް ގާއިމު ކުރުމަށް ކެމްޕޭން ކުރަމުންނެވެ. ހަނގުރާމައަށް ފަހު ބީބީއެސްއިން ވަނީ މުސްލިމުންނާ ދެކޮޅު ބޮޑެތި ހަރަކާތްތަކެއް ހިންގާފަ އެވެ. 2014 ވަނަ އަހަރުގެ ޖޫން މަހާއި 2018 ވަނަ އަހަރުގެ މާޗުގައި ބޮޑު ބަލަ ސެނައިން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުތައް އޮތީ ނުބެލި ނުފެނި އެވެ. 

މިފަދަ ހަރުކަށި ޖަމާއަތްތަކާއި ލަންކާ ސަރުކާރު ލާމެހިފައި އޮތުމަކީ ލަންކާގެ ބައިމަދު ތަމަޅައިންނާއި މުސްލިމުންގެ މެދުގައި ލަންކާ ސަރުކާރުގެ މަގުބޫލުކަން ކުޑަވެ، ނުރުހުން އިތުރުވެ، ރުޅިވެރިކަމަށް ޖާގަ ފަހިވެދާނެ ކަމެއްކަމަށް މާހިރުން ވިދާޅުވެ އެވެ. 

އެތައް އަހަރަކަށް ދިގުލައިގެން ދިޔަ ހަނގުރާމައިން ފިލާވަޅު ލިބިގަނެ ނަސްލީ ނުތަނަވަސްކަން ކުޑަކުރުމުގެ ބަދަލުގައި ލަންކާ ސަރުކާރުގެ އިސްތިރާޖިއްޔާއަކަށް ވެފައިވަނީ ތަމަޅައިންގެ ހައްގުތައް ހަނިކުރުމެވެ. އިންސާފަށް އެދި ނުކުންނަ ތަމަޅައިންނާ ދެކޮޅަށް ބޯދާ "އެންޓި ޓެރަރިސްޓު" ގާނޫނުތައް ބޭނުން ކުރުމެވެ. 

ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނަމުންދަނީ މިގޮތަށް ލަންކާގެ ތަމަޅައިން އެކަހެރިކޮށް، އެމީހުންނަށް އިންސާފު ހޯދައިނުދީ އެމީހުންގެ އަޑު ކަނޑުވައިލަމުންދާނަމަ، ތަމަޅައިންގެ ތެރޭގައި އުފެދޭ ނުތަނަވަސްކަން ކެކި އުތުރިއަރައިގަނެފާނެ ކަމަށެވެ. އެއިރުން އަނެއްކާވެސް ފަނަރަ އަހަރު ފަހަތަށް ރުޖޫއަވެ ލަންކާގައި ހަމަނުޖެހުންތައް ހިނގުމުގެ އިހުތިމާލު ކުޑަނޫން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.