ކުރީ ސަރުކާރުގެ މާލީ އަމާޒުތައް އަތުނުވެ ބައިތުލްމާލު ނުރައްކަލަށް

ކުރީ ސަރުކާރުން އެކުލަވައިލި މެދުރާސްތާ މާލީ އިސްތިރާޖިއްޔާގައި ބަޖެޓު ދަރަންޏާ ގުޅޭ ގޮތުން ކަނޑައެޅި އަމާޒުތައް ހާސިލުނުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި އިތުރުވެ، ފައިނޭންސިން ހަރުދުތައް އުފުލި، މާލީ ނުރައްކާތައް ބޮޑުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފިނޭންސް މިނިސްޓަރު އަމީރު

ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުން ދައުލަތުުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ހާސިލު ކުރަން ކަނޑައެޅި އަމާޒުތައް ހާސިލު ނުވިކަން ހާމަވެއްޖެ އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ ފާއިތުވި 2023 ވަނަ އަހަރުގެ ބަޖެޓު ރިވީއު ރިޕޯޓުގައި ފާހަގަކުރި ގޮތުަގއި ބަޖެޓު ޑެފިސިޓް ގޯހުން ގޯހަށް ދިޔައީ 2020 ވަނަ އަހަރު ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެންނެވެ. ނަމަވެސް އިގުތިސާދު އަލުން ކޮޅަށް ޖަހައިލާ ހަށިފޮޅައިލާން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ބަޖެޓުގެ ދަރަނި އެމްޑީޕީއަށް ކުޑައެއް ނުކުރެވުނެވެ. 

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކޮވިޑުގެ ކުރިއާ އަޅާބަލާއިރު 2022 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވި އެވެ. ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 22.4 ބިލިއަން ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރު 28.5 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންކަމުން 2019 ވަނަ އަހަރާ އަޅާބަލާއިރު ގާތް ގަނަޑަކަށް ހަ ބިލިއަން ރުފިޔާ އިތުރަށް 2022 ގައި ލިބުނެވެ. 

އަދި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 5.5 ބިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 14.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2019 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރުގެ ބަޖެޓު ދަރަނިވަނީ %158 އިތުރުވެފަ އެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވީ ގާތްގަނޑަކަށް %27.5 އެވެ. 

މާލީ ހިސާބުތަކުން ފެންނަ ކަންކަން

  •  2019 ވަނަ އަހަރުގެ އާމްދަނީ: 22.4 ބިލިއަން ރުފިޔާ | ބަޖެޓުގެ ދަރަނި 5.5 ބިލިއަން
  •  2022 ވަނަ އަހަރުގެ އާމްދަނީ: 28.5 ބިލިއަން ރުފިޔާ | ބަޖެޓުގެ ދަރަނި 14.2 ބިލިއަން ރުފިޔާ

އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ބަޖެޓުގެ ދަރަނި ކޮވިޑުގެ ކުރިއާ އަޅާބަލާއިރު އިންތިހާއަށް އިތުރުވީ ސަރުކާރަށް ހަރަދުތައް ހަންމަތަނުކުރެވިގެންނެވެ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވި މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ސަރުކާރުގެ ހަރަދުތައް ބޮޑުވުމުންނެވެ. ނަތީޖާއަކީ އިގުތިސާދުގައި ތަޅުއެޅުވި އާމްދަނީ ލިބޭނެ ހުރިހާ މަގެއް ބަންދުވެފައި އޮތް 2020 ވަނަ އަހަރަށްވުރެ 2022  އަދި 2023 ގައި ބަޖެޓު ޑެފިސިޓު ބޮޑުވުމެވެ. 

ފާއިތުވި އަހަރުގެ ބަޖެޓު ރިވީއު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި ސަރުކާރަށް ދައުލަތުގެ ހަރަދުތައް ބަޖެޓުގެ އިމުގައި ނުހިފެހެއްޓުނެވެ. ނަތީޖާއަކީ ކޮންމެ އަހަރަކުވެސް ސަޕްލިމަންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ޖެހުމެވެ. 

އޮޑިޓު އޮފީހުން ފާހަގަކުރި އެންމެ މުހިއްމު ނުކުތާއަކީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން އެކުލަވައިލި މެދުރާސްތާގެ ފިސްކަލް އިސްތިރާޖިއްޔާގައި ބަޔާންކޮށްފައިވާ މިންގަނޑުގައި ދައުލަތުގެ ބަޖެޓު ދަރަނި އެންމެ އަހަރަކުވެސް ހިފަހައްޓައި ނުލެވުމެވެ. މި އިސްތިރާޖިއްޔާއަކީ މެދު ރާސްތާއި ދައުލަތުގެ ދަރަންޏާއި ހަރަދުގެ ދެމެހެެއްޓެނެވިކަން ކަށަވަރުކުރުމަށް އެކުލަވައިލާ އިސްތިރާޖިއްޔާއެކެވެ. 

މި އިސްތިރާޖިއްޔާގައި ކަނޑައަޅާ ބަޖެޓުގެ އިންތައް ފަހަނައަޅައި ހަރަދުތައް އުތުރިއަރައިގެން ދިއުމުން ނުކުންނަ ނަތީޖާއަކީ މެދުރާސްތާ މާލީ އިސްތިރާޖިއްޔާގައި ބަޖެޓު ޑެފިސިޓުތައް އަންދާޒާކުރާ މިންވަރަށްވުރެ އިތުރުވެގެން ދިއުމެވެ. 

  •  މެދުރާސްތާ އިސްތިރާޖިއްޔާގައި 2022 ވަނަ އަހަރަށް ލަފާކުރި ޑެފިސިޓު: 10.1 ބިލިއަން
  •  އަހަރު ނިމުނުއިރު 2022 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓު: 15.6 ބިލިއަން ރުފިޔާ
  •  އަސްލު ޑެފިސިޓާއި މެދުރާސްތާ އިސްތިރާޖިއްޔާގައި އަންދާޒާކުރި ޑެފިސިޓުގެ ފަރަގު: 5.4 ބިލިއަން
  •  މެދުރާސްތާ އިސްތިރާޖިއްޔާގައި 2023 ވަނަ އަރަށް ލަފާކުރި ޑެފިސިޓު 8.2 ބިލިއަން
  •  އަހަރު ނިމުނުއިރު 2022 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓު: 14.6
  •  އަސްލު ޑެފިސިޓާއި މެދުރާސްތާ އިސްތިރާޖިއްޔާގައި އަންދާޒާކުރި ޑެފިސިޓުގެ ފަރަގު: 6.4 ބިލިއަން

މިފަދައިން މާލީ ސިޔާސަތާއި ހާސިލުކުރަން ކަނޑައަޅާ އަމާޒުތަކާއި ތަންފީޒުކުރި ސިޔާސަތުތަކުގެ ފަރަގު ބޮޑުވުމުގެ ނުރައްކާތަކާއި ހިރާސްތައް ފާހަގަކޮށް އޮޑިޓު އޮފީހުން ބުނެފައިވަނީ އެކަމުގެ ސަބަބުން ދަރަނި ފައިނޭންސް ކުރުން އިތުރުވެ، ދަރަނީގެ ޕޯޓްފޯލިއޯއަސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ނުރައްކާތެރި ފައްތަރަކަށް ހުށަހެޅިފައިވާ ކަމަށެވެ. 

ސަރުކާރުގެ މި ނާކާމިޔާބީގެ ނަތީޖއަކީ ދައުލަތުގެ ދަރަނި ފައިނޭންސް ކުރުމުގެ ހަރަދުތައް ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށްވުރެ ބޮޑުތަނުން އިތުރުވަމުން ދިއުންކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ. 

ވެރިކަން ބަދަލުވުމަށްފަހު ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ބަޖެޓު ޑެފިސިޓު ކުރިއަށްވުރެ ބޮޑުތަނުން ކުޑަކުރަމުންނެވެ. އެގޮތުން ފާއިތުވި މޭ މަހުގެ ނިޔަލަށް ބަޖެޓުގެ ދަރަނި 5 ބިލިއަނަށް އެރި ނަމަވެސް މި އަހަރު އެ އަދަދު 2.4 ބިލިއަނުގައިވަނީ ހިފަހެއްޓިފަ އެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުމެވެ. 

އެ އަމާޒު ހާސިލުކުރުމަށް ސަރުކާރުންވަނީ މުހިއްމު މާލީ އިސްލާހުތަކެއް ތަންފީޒުކުރަން ފަށާނެކަން އިއުލާނުކޮށްފަ އެވެ. ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމާއެކު، ސަބްސިޑީގެ ނިޒާމު ހަރުދަނާކޮށް ލީކުވާ ލޯވަޅުތައް ބައްދައި، އާސަންދައިން އިސްރާފުވާ މިންވަރު ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކެއްވަނީ ރާވާފަ އެވެ. އަހަރުގެ މެދެއްހައި ހިސާބުގައި އެ ސިޔާސަތުތައް ތަންފީޒުކުރަން ފަށާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.