މިދިއަ އަހަރުގެ ޕީއެސްއައިޕީ ހަރަދުތައް ހަމައެއްލަމައެއް ނެތް، ގާނޫނީ އިމުން ބޭރު

ޕީއެސްއައިޕީ ބަޖެޓުގައި ހިމެނި ބައެއް މަޝްރޫއުތަކަށް އެއްވެސް ފައިސާއެއް ހަރަދުނުކުރާއިރު، ބަޖެޓުގައި ނެތް ބައެއް މަޝްރޫއުތަކަށް ހަރަދުކޮށް، ބައެއް މަޝްރޫއުތަކަށް ބަޖެޓުކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފާއިތުވި އަހަރު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ކުރި ހަރަދު ބޮޑުވި ނަމަވެސް މާނަހުރި ނަތީޖާ ނެރެވޭ ގޮތަށް ހަރަދު ކޮށްފައި ނެތްކަން ހާމަ ވެއްޖެ އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއު ކޮށްފައިވާ ފާއިތުވި އަހަރުގެ ބަޖެޓު ރިވީއު ރިޕޯޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ފާއިތުވި އަހަރު ހަރަދު ކޮށްފައިވާ ގޮތުގައި ހުރި އިސްރާފާއި އިހުމާލު ވަރަަށް ސާފުކޮށް ބަޔާން ކޮށްދީފައި ވެއެވެ. ބައެއް މަޝްރޫއުތަކަށް ހަރަދު ކޮށްފައި ހުރީ ހަރަދުކުރަން ބަޖެޓުގައި ހިމެނި މިންވަރަށްވުރެ އިތުރަށެވެ. އަނެއްބައި މަޝްރޫއުތަކަށް ހަރަދުކުރަން ކަނޑައެޅި މިންވަރަށް ހަރަދު ނުކުރެ އެވެ. ދެން ހުރީ ބަޖެޓުގައި ނުހިމަނައި ހިންގި މަޝްރޫއުތަކެވެ.  

އެ ރިޕޯޓުގައި ބަޔާންކުރި ގޮތުގައި މުޅި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރަން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތީ 8.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށް 9.2 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ހަރަދުކުރި އެވެ. އެއީ ޕީއެސްއައިޕީ ބަޖެޓަށްވުރެ 8 އިންސައްތަ އިތުރު މިންވަރެކެވެ. 

ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު އިތުރުވިއިރު ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް 501 މަޝްރޫއަކަށް ހަރަދު ކޮށްފައިވެ އެވެ. އެ މަޝްރޫއުތަކަށް ބަޖެޓުކުރި މިންވަރަށް ވުރެ އިތުރަށް 4.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. 

ބެޖެޓުގެ ބޭރުން ހަރަދުކުރި ބައެއް މަޝްރޫއުތަކުގެ ތަފުސީލު

  •  ބިން ހިއްކުމާއި މަގު ހެދުން: ބަޖެޓުކުރީ 547 މިލިއަން | ހަރަދުކުރީ 1.9 ބިލިއަން
  •  ފެނާއި ނަރުދަމާގެ މަޝްރޫއުތައް: ބަޖެޓުކުރީ 442 މިލިއަން | ހަރަދުކުރީ 1.09 ބިލިއަން
  •  ބަނދަރު ހެދުމާއި ދަތުރުފަތުރު: ބަޖެޓުކުރީ 298 މިލިއަން | ހަރަދުކުރީ 1.4 ބިލއިަން
  •  ތިމާވެށީގެ ރައްކާތެރިކަމަށް: ބަޖެޓުކުރީ 145 | ހަރަދުކުރީ 580 މިލިއަން

ބަޖެޓުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން 672 މަޝްރޫއަކަށް ހަރަދުކުރަން ބަޖެޓުކުރި ފައިސާއިން އެއްވެސް މިންވަރެއް ހަރަދު ކޮށްފައި ނުވާކަން އޮޑިޓު އޮފީހުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ސިއްހީ ދާއިރާގެ 98 މަޝްރޫއަކަށް 531 މިލިއަން ބަޖެޓްކުރި ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް ހަރަދު ކޮށްފައެއް ނެތެވެ. މި 672 މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް އެއްވެސް މިންވަރެއް ހަރަދު ކޮށްފައެއް ނެތެވެ. 

ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަޝްރޫއަށް ހަރަދުކޮށްފައިނުވާއިރު، ބަޖެޓުގައި ހަރަދުކުރަން އެއްވެސް މިންވަރަކަށް ކަނޑައަޅާފައި ނެތް 98 މަޝްރޫއަކަށް 333 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ޤާނޫނު އަސާސީއާ ހިލާފު - ދައުލަތުގެ ބަޖެޓަކީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ފިނޭންސް މިނިސްޓްރީން ހުށަހަޅައި، މަޖިލީހުން ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ފާސްކުރާ ބަޖެޓެކެވެ. އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށް ވުރެ ޚަރަދު އިތުރު ކޮށްގެން ނުވާނެ ކަމަށާއި، އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރާން ވާނީ އެކަމަކަށް އެކަނި ކަމަށެވެ.

އެހެން ކަމުން ފާއިތުވި އަހަރު ޕީއެސްއައިޕީއަށް ހަރަދުކުރަން ކަނޑައެޅި ފައިސާ ހޭދަކޮށްފައި ހުރީ މުޅިންހެން ގާނޫނުއަސާސީއާ ހިލާފަށެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަމައެއްލަމައެއް ނެތި ހަރަދުކުރުމުގެ ސަބަބުން ބަޖެޓުގެ ދަރަނި ބޮޑުވެ ދައުލަތަށް ގިނަގުނަ މާލީ ބުރަތައް ކުރިމަތިވާކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަ ކުރެ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.