ތާރީހުގެ ތެރޭން ނިއުކުލިއާ ބޮން ޓެސްޓުކުރި ގައުމުތަކާއި ބޮމުގެ އަދަދު

މިހާތަނަށް ގޮއްވައިލި އެންމެ ބާރުގަދަ ނިއުކުލިއާ ގޮވުމަކީ 1961 ވަނަ އަހަރު އާކްޓިކް ސާކަލް ކައިރީ ސޯވިއެޓުން ގޮއްވައިލި ޒާ ބޮމެވެ.

ނިއުކުލިއާ ގޮވުމެއްގެ މަންޒަރު، ފޮޓޯ: ގޫގުލް

މީގެ 78 އަހަރު ކުރިން އެމެރިކާގެ ނިއު-މެކްސިކޯގެ ލޮސް އަލާމޯސް ސިޓީއާ 340 އެއްހައި ކިލޯމީޓަރު ދުރުގައި އޮންނަ ޖޮނާޑާ ޑެލް މުއާޓޯ ސަހަރާގައި ދުނިޔޭގެ ފުރަތަމަ ނިއުކުލިއާ ގޮވުން އެމެރިކާއިން ޓެސްޓުކުރި އެވެ. 

ޓްރިނިޓީ ޓެސްޓުގެ ނަމުން މަޝްހޫރު މި ޓެސްޓުގައި އެމެރިކާއިންވަނީ ނިއު-މެކްސިކޯގެ ސަހަރާގެ ސަތަހައިގެ މަތީގައި ޕްލުޓޯނިއުމް ބޮމެއް ގޮއްވާލާފަ އެވެ. އެ ގޮއްވާލުމާއެކު ސިލްސިލާ ރިއެކްޝަނެއް ވުޖޫދުވެ 18.6 ކިލޯޓަނުގެ ހަކަތަ ބޭރުވި އެވެ. މިއީ އެޓޮމިކް ޒަމާނަށް އަލިވުލުމެވެ. 

މި ޓެސްޓަށް މަސްދުވަސް ނުވަނީސް އެމެރިކާއިން ދެ ނިއުކުލިއާ ބޮން ޖަޕާނުގެ ދެ ސިޓީކަމަށްވާ ހީރޯޝިމާއާއި ނަގަސާކީއަށް ވައްޓައިލި އެވެ. އެ ބޮންތައް ވައްޓައިލުމާއެކު ހިނދުކޮޅެއްގެ ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. 

އެ ބޮންތަކުން ކުރި ނޭދެވޭ އަސަރާއި ރޭޑިއޭޝަން ވިހައިގެ ސަބަބުން އިތުރު އެތައް ހާސް ބަޔަކު ދުނިޔެ އަޅައިދިޔަ އެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެނާޖީން ބަލަހައްޓާ މެންހަޓަން ޕްރޮޖެކްޓުގެ ތާރީހީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ދެ ބޮމުން ކުރި އަސަރުގެ ސަބަބުން މަރުވި މީހުންގެ އަދަދު 200،000 އަށް އަރާނެ އެވެ. 

ނިއުކުލިއާ ޓެސްޓުތަކުން ކުރާ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނިއުކުލިއާ ހަތިޔާރުން މިންޖުވެފައިވާ ދުނިޔެއަކަށް ވާސިލުވުމުގެ އުންމީދުގައި ކޮންމެ އަހަރަކު އޮގަސްޓު މަހުގެ 29 ވަނަ ދުވަސް އދއިން ފާހަގަކުރަނީ ނިއުކުލިއާ ޓެސްޓުތަކާ ދެކޮޅަށް ދުވަހުގެ ގޮތުގަ އެވެ. 

ނިއުކުލިއާ ޓެސްޓުތައް ހެދި ގައުމުތަކާއި ހެދި ޓެސްޓުތަކުގެ އަދަދު

އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުގެ ޑޭޓާއަށް ބަލާއިރު 1945 ވަނަ އަހަރުގެ ފަހުން މަދުވެގެން އަށް ގައުމަކުން 2،056 ނިއުކުލިއާ ޓެސްޓު ކުރިއަށް ގެންގޮސްފައިވެ އެވެ. 

މި ޓެސްޓުތަކުގެ ތެރެއިން 507 ޓެސްޓަކީ ބިމުގެ ސަތަހައިން މަތީގައި ހެދި ޓެސްޓެވެ. މިފަދަ ޓެސްޓުތަކުގައި ނިއުކުލިއާ ބޮން ގޮއްވައިލުމުގެ ބޮމުގައި އެކުލެވޭ ރޭޑިއޯ-އެކްޓިވް ވިހަ މާއްދާތައް ދުނިޔޭގެ ފަޒާގައި ދައުރުވެ ފެތުރެ އެވެ. 1963 ވަނަ އަހަރު ސޮއިކޮށް އަމަލުކުރަން ފެށި "ދި ލިމިޓެޑް ޓެސްޓް ބޭން ޓްރީޓީ"އާއެކު ސަަތަހައިން މަތީގައި ނިއުކުލިއާ ޓެސްޓުތައް ހެދުން ވަރަށް ބޮޑަށް މަދުވި އެވެ. 

1945 ވަނަ އަހަރުގެ ފަހުން ހެދި ނިއުކުލިއާ ޓެސްޓުތަކުގެ ދެ ބައިކުޅަ އެއްބަޔަކީ އެއް ގައުމުން ހެދި ޓެސްޓުތަކެވެ. 1945 ވަނަ އަހަރާއި 1992 ވަނަ އަހަރާ ދެމެދު އެމެރިކާއިންވަނީ 1،030 ނިއުކުލިއާ ބޮން ޓެސްޓުކޮށްފަ އެވެ. 

ދެން އެންމެ ގިނަ ނިއުކުލިއާ ޓެސްޓު ކުރިއަށްގެންދިޔައީ ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. ސޯވިއެޓުންވަނީ 1949 ވަނަ އަހަރާއި 1990 ވަނަ އަހަރާ ދެމެދު 715 ނިއުކުލިއާ ޓެސްޓު ހަދާފަ އެވެ. ސޯވިއެޓު ޔޫނިއަނުން ފުރަތަމަ ފަހަރަށް ނިއުކުލިއާ ބޮމެއް ޓެސްޓުކުރީ 1949 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. ކަޒަކިސްތާނުގެ ސަރަހައްދެއްގައި ހެދި މި ޓެސްޓަށް ދީފައި އޮތް ސިއްރު ނަމަކީ އާރްޑީއެސް-1 އެވެ. 

ކަޒަކިސްތާނުގައި ނިއުކުލިއާ ބޮން ޓެސްޓުކުރުމަށް ސޯވިއެޓު ޔޫނިއަނުން ބޭނުންކުރި ސަރަހައްދުގައި ޖުމްލަ 456 ބޮން ޓެސްޓުކުރި ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ. އަދި އެ ޓެސްޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދާއިމީ ބޮޑެތި ބަލިތަކާއި ނުކުޅެދުންތެރިކަމައި އައިބުވުމުގެ މައްސަލަތައް ކުރިމަތިވި އެވެ. 

ކަަޒަކިސްތާނުގައި ސޯވިއެޓުން ނިއުކުލިއާ ޓެސްޓުތައް ކުރިއަށް ގެންދިޔަ ސެމައިޕަލަޓިންސްކް ސަރަހައްދު ބަންދުކުރަން އެ ގައުމުން ނިންމީ 1991 ވަނަ އަހަރުގެ އޯގަސްޓު 29 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ނިއުކުލިއާ ޓެސްޓު ހެދުމާ ދެކޮޅު ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަން އދއިން ނިންމި އެވެ. 

ފަރަންސޭސިވިލާތުން 210 ނިއުކުލިއާ ޓެސްޓު ހެދިއެވެ. އެއިން ބޮޑު ބައެއް ކުރިއަށްގެންދިޔައީ އަލްޖީރިއާގެ ދެ ސަރަހައްދެއްގަ އެވެ. އެ ޓެސްޓުތަކުގެ ސަބަބުން އެ ސަރަހައްދުތައް ވަށައިގެން ހުރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ގެއްލުން މިއަދުވެސް ފޯރާކަމަށް އަލްޖީރިއާއިން ބުނެ އެވެ. 

އިނގިރޭސިވިލާތާއި ޗައިނާއިން 45 ނިއުކުލިއާ ބޮން ޓެސްޓުކޮށްފައިވާއިރު، އިންޑިއާއިން ތިން ބޮން އަދި ޕާކިސްތާނުން ދެ ބޮން ޓެސްޓުކޮށްފައިވެ އެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ފަހުން ނިއުކުލިއާ ބޮމެއް ޓެސްޓުކުރީ އުތުރު ކޮރެއާއިންނެވެ. އެއީ 2017 ވަނަ އަހަރު އެވެ. އެ ގައުމުންވަނީ ހަ ނިއުކުލިއާ ޓެސްޓު ކުރިއަށް ގެންގޮސްފަ އެވެ. 

މިހާތަނަށް ގޮއްވައިލި އެންމެ ބާރުގަދަ ނިއުކުލިއާ ގޮވުމަކީ 1961 ވަނަ އަހަރު އާކްޓިކް ސާކަލް ކައިރީ ސޯވިއެޓުން ގޮއްވައިލި ޒާ ބޮމެވެ. އެ ބޮމުގެ ގޮވުމުން 50 މެގަޓަނުގެ ހަކަތަ އުފެއްދި އެވެ. އެއީ ހީރޯޝިމާއާއި ނަގަސާކީއަށް އެމެރިކާއިން އަޅައިލި ދެ ބޮމުގެ ބާރަށްވުރެ 3،000 ގުނަ ބާރުގަދަ ގޮވުމެކެވެ. 

އެމެރިކާއިން ކުރިއަށްގެންދިޔަ އެންމެ ބޮޑު ނިއުކުލިއާ ޓެސްޓަކީ ޕެސިފިކް ކަނޑުގައި އޮންނަ ބިކިނީ އެޓޯލްގައި 1954 ވަނަ އަހަރުގެ މާޗު މަހުގައި ކުރިއަށްގެންދިޔަ ކެސުލް ބްރޭވޯ ޓެސްޓެވެ. 15 މެގަޓަނުގެ ހަކަތަ އުފެއްދި ގޮވުމުގައި 40 ކިލޯމީޓަރުގެ މަޝްރޫމް ވިލާގަނޑެއް އުފެދުނެވެ. 

މި ގޮވުމުގެ ބާރު ސައެންސްވެރިންނަށް ހިސާބުކުރެވުނު ގޮތް ގޯސްވުމުގެ ސަބަބުން ގޮވުމުން އުފެދުނު ރޭޑިއޯއެކްޓިވް ވިހައިގެން އަސަރު އެ އަތޮޅުގައި ދިރިއުޅުނު ރައްޔިތުންނާ ހަމައަށް ފޯރި އެވެ. ސައެންސްވެރިން ބުނި ގޮތުގައި އެ ގޮވުމުން އުފެއްދި ނިއުކުލިއާ އަސަރުތައް 700 އަކަމޭލުގެ ސަރަހައްދަކަށް ފެތުރުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.