އިސްރާއީލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ސަރުކާރުން އިސްލާހު ހުށަހަޅަނީ

އެމްޑީޕީން ހުށަހަޅާފައި އޮތް ބިލު އޮތީ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ގޮތަކަށް ނޫންކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެ ބިލަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން؛ މިއަދު ވަނީ 19 ވަނަ މަޖިލީހުގެ ގަވައިދަށް އަމަލުކުރުމަށް ވަގުތީގޮތުން ފާސްކޮށްފައި -- ފޮޓޯ: މަޖިލިސް

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހަޅުއްވާފައިވާ ބިލަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާނެކަން ބަންޑާރަނައިބު އަހްމަދު އުޝާމު ހާމަ ކުރައްވައިފި އެވެ. 

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއީލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ގާނޫނަށް އިސްލާހުތަކެއް ގެންނަަން ނިންމާފައިވާއިރު ސަރުކާރުގެ ވިސްނުން ހުރީ ކޮން ގާނޫނުތަކެއް އިސްލާހުކުރަންތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމު ވިދާޅުވީ ސަރުކާރުންވެސް ވިސްނާފައި އޮތީ މީކާއިލު އިސްލާހު ކުރައްވަން ހުށަހެޅުއްވި އިމިގުރޭޝަން ގާނޫނުގެ ނުވަވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށް ކަމަށެވެ. 

އިތުރަށް ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ވަކި ކަމަކާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެކަމާ ގުޅޭ އިތުރު ބިލެއް މަޖިލީހަށް ހުށަނޭޅޭނެ އެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އިމިގުރޭޝަން ގާނޫނުގެ ނުވަވަނަ މާއްދާ އިސްލާހުކުރަން ބިލެއް ހުށަހެޅުމުގެ ފުރުސަތު މިހާރު ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެއްކަމަކާ ގުޅޭ ގޮތުން ބިލެއް ހުުށަހަޅާފައި އޮތްނަމަ ދެވަނަ ފަހަރަކަށް [އެކަމާ ގުޅޭ] ބިލެއް ހުށަނޭޅޭނެ. އަޅުގަނޑުމެންވެސް ބޭނުންވީ އިމިގުރޭޝަން ގާނޫނުގެ ނުވަވަނަ މާއްދާއަށް އިސްލާހެއް ގެންނަން،" އުޝާމު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު އޮތް ބިލު ބަލައިގަނެފައި ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމޭ އެންމެ ރަނގަޅު ގޮތަކަށްވާނީ. އެހެންވީމާ ސަރުކާރުން އިތުރު ބިލެއް ދެން ހުުށަނާޅާނެ،"

އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމު ވިދާޅުވީ އެ ބިލު މިހާރު އޮތީ އެ މައްސަލައަށް އެންމެ އެކަށީގެންވާ ހައްލެއް ހޯދައިދެވޭނެ ގޮތަށް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ބިލަކީ އިސްލާހު ކުރަންޖެހޭ ބިލެއް ކަމަށް ގަބޫލުކުރައްވާ ކަމުގައި އުޝާމު ވިދާޅުވި އެވެ.

އެގޮތުން އުޝާމު ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ މިހާރު ބިލު ފަރުމާކޮށްފައި އޮތް ގޮތުން އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށްވެސް ރާއްޖެއަށް ޒިޔާރަތް ނުކުރެވޭނެ މައްސަލައެވެ. އިސްރާއީލުގައި މިލިއަނަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެ އެވެ. 

އިމިގުރޭޝަން ގާނޫނުގެ ނުވަވަނަ މާއްދާ އިސްލާހުކުރުމަށް މީކާއީލު ހުށަހެޅުއްވި ބިލުގައި އޮންނަނީ އިސްރާއީލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ވަނުން މަނާވާނެ ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލު ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ޝާމިލުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.