"މި ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް. ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނު ތަންފީޒު ކުރަން ދަތިވާ ބައެއް ކަހަލަ އިޖުރާއަތްތައް ހުރުމުން،" މިކަމާ ގުޅިގެން އުޝާމް ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައި ވަނީ އެ ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތައް ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ އާރްޓީއައި ގާނޫނަށް ގެންނަން ނިންމާފައި ވަނީ މާ ބޮޑެތި އިސްލާހު ތަކެއް ނޫން ކަމަށެވެ.
މި ގާނޫނު އިސްލާހު ކުރަން ނިންމާފައިވާކަން މީޑިއާއަށް ތިލަވުމާއެކު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގާނޫނު އުވާލަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުމެވެ.
"މި ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް. ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނު ތަންފީޒު ކުރަން ދަތިވާ ބައެއް ކަހަލަ އިޖުރާއަތްތައް ހުރުމުން،" މިކަމާ ގުޅިގެން އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުލޫމާތު ހޯދަން ދަތިވާ އެއްވެސް އިސްލާހެއް ހުށަހަޅުއްވަން ނިންމަވާފައި ނުވާ ކަމަށެވެ. އިސްލާހު ގެންނާނީ އިންފޮމޭޝަން ކޮމިޝަނަރާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކާ ވެސް މަޝްވަރާ ކޮށްގެން ކަމަށެވެ. މި ގާނޫނު ތަންފީޒު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކަކާ ކުރިމަތިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އާރްޓީއައި ގާނޫނުގެ ދަށުން އައިކޮމްއަށް ހުށަހަޅައިގެން މައުލޫމާތު ހޯދެ އެވެ. ސަރުކާރުން އާރްޓީއައި ބިލަށް އިސްލާހު ހުށަހަޅަން ނިންމާފައި މިވަނީ ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ރައީސް އޮފީހުން އައިކޮމްގެ އަޑުއެހުންތަކަށް ހާޒިރުނުވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެފައިވެ އެވެ.