ހަށިވިއްކަން ވައުދުވެ ފުލެޓަށް ގެންގޮސް ފޭރުން؛ ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

މިއަދު ފުލުހުން ވަނީ އެ މައްސަލާގައި ހައްޔަރުކުރި ފަރާތްތަކުގެ ވަނަވަރު ފުރަތަމަ ފަހަރަށް ހާމަކޮށްފަ އެވެ. އެ ހުރިހާ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ހިޔާގައި ފޭރުނު މީހުން

ހަށިވިއްކަން ވައުދުވެގެން ހިޔާ ފުލެޓަކަށް މީހުން ގެންގޮސް އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. 

މިއަދު ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލޭ ފޭސް 2 ޕޮލިސް އިންޗާޖު ރަޖްނީ ސުވޭ ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތް މީހުންނަކީ ފުލެޓަށް މީހުން ގެންދިއުމުގައި އިސްކޮށް އުޅުނު ދެ އަންހެނުންނާއި، ފަސް ފިރިހެނެއް ކަމަށެވެ. 

މިއަދު ފުލުހުން ވަނީ އެ މައްސަލާގައި ހައްޔަރުކުރި ފަރާތްތަކުގެ ވަނަވަރު ފުރަތަމަ ފަހަރަށް ހާމަކޮށްފަ އެވެ. އެ ހުރިހާ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ: 

  •  އައިމިނަތު ހުވައިނާ ޒަކަރިއްޔާ، މ.ގޯބިލިގަސްދޮށުގެ، 26އ.
  •  އާޔަތު އައްބާސް، ދަފްތަރު، 30އ.
  •  މުހައްމަދު އާދަމް، ގދ.ދާންދޫ، ޕެލެސް ހައުސް 43އ.
  •  ސަމާހު އަލީ، ގ.ހަދަމާގެއާގެ، 31އ.
  •  މުހައްމަދު މުނީރު، ދ.ކުޑަހުވަދޫ، ސަންފްލާވާ، 35އ.
  •  އަހްމަދު މާޖިދު، ނ.ވެލިދޫ، ކިފާހަތު، 33އ.

މި މީހުންގެ އިތުރަށް ފާއިތުވި އޭޕްރީލު މަހުގެ 22 ވަނަ ދުވަހުގައި ހަމަ މި އެޕާޓުމެންޓަށް މީހަކު ގެންގޮސް ބަރަހަނާކޮށް ބިރުދައްކައިގެން އެމީހާ އަތުން ފައިސާ އަތުލިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ.ސީނަރީވީއު އަހްމަދު މަދީހެވެ. އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު މިހާރުވަނީ ދޫކޮށްފަ އެވެ. 

އެ މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހުވައިނާއަކީ މާބަނޑު އަންހެނަކަށްވާތީ އޭނާ ބަންދުގައި ނުބަހައްޓައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބާކީ ތިބި އެންމެން 15 ދުވަހަށް ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފައެވެ. 

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތެރެއިން ފަސް ހާދިސާއެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ތަހުގީގުކުރަމުންދާ ފަސް މައްސަލާގައިވެސް އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ މައްސަލާގައި ހައްޔަރުކުރި ދެ އަންހެނުންކަމަށްވާ ހުވައިނާއާއި އާޔަތެވެ. 

އަދި އެ އިދާރާއިން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދައި ހައްޔަރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. 

ފުލެޓަށް މީހުން ގެންގޮސްފައިވަނީ ހަށިވިއްކާކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތުން އަންހެނުންގެ ނަމުގައި އަސްލު ނޫން ސޯޝަލް މީޑިއާ އެކައުންޓުތައް ހަދައިގެން ފިރިހެނުންނާ ވާހަކަދައްކައި އޮޅުވާލައިގެން އެމީހުން ފުލެޓަށް ގެންގޮސް، އަނިޔާކޮށް ބަރަހަނާކޮށް ވީޑިއޯކުރުމަށްފަހު، އެ ވީޑިއޯ ބޭނުންކޮށްގެން ބިރުދައްކައިގެން އެމީހުން އަތުން ފައިސާ ހޯދަމުންދިޔަަ ކަމަށް ފުލުހުން ބުންޏެވެ. 

"އެމީހުންނަށް ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސައާއި މޯބައިލް ފޯނު ފަދަ އަގުބޮޑެތި ސާމާނު ހޯދާފައިވާކަން ފާހަގަކޮށްލެވޭ. އަދި މި މައްސަލާގައި ހިމެނޭ އަންހެނުން ހިޔާ ސަރަހައްދުން މީހުންނާ ގުޅުން ބަދަހިކޮށް ހަށިވިއްކާނެކަމަށް ބުނެ އެޕާޓުމެންޓަށް ގެނެސް އިސްވެ ދެންނެވުނު ގޮތަށް އެމީހުންނަށް ބިރުދައްކައި ބުލެކްމެއިލްކޮށް މިކަހަލަ ކަންކަން ހިނގާފައިވާކަން ފާހަގަކުރަން،" ރަޖްނީ ވިދާޅުވި އެވެ. 

ފުލުހުން ފާހަގަކުރި ގޮތުގައި މި އެޕާޓުމެންޓަށް ގެންގޮސް ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައިވާއިރު، މި މައްސަލާގައި ހިމެނޭ މީހުންނަކީ ގިނަ ކުށްތަކެއްގައި ޝާމިލުވާ މީހުންނަށްވާތީއާއި، އެޕާޓުމެންޓުމެންޓަށް ދިޔައީ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން ކަމުގައިވާތީ ބައެއް މީހުން އެ މައްސަލަތައް ރިޕޯޓުކޮށްފައިނުވެ އެވެ. 

އަދި އެ މައްސަލާގައި ޝާމިލުވާ ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް ނުވަތަ އަސްލާ ހިލާފަށް ފުލުހުންނަށް ހެކިބަސްތަކާއި ބަޔާން ދެމުންދާތީ އެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.