ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން އިންޑިއާގައި ރޯޑް ޝޯއެއް ބާއްވަނީ

މި ރޯޑުޝޯގެ ބޭނުމަކީ ދުނިޔޭގައި މިހާރު އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ގައުމުން ބޭރަށް ދަތުރުކުރުމުގެ މާކެޓުކަމަށްވާ އިންޑިއާގެ ބާޒާރުގައި ރާއްޖޭގެ ހިއްސާ އިތުރުކުރުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާ ފަތުރުވެރިންތަކެއް، ފޮޓޯ: ސަން

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އިންޑިއާގައި ރޯޑްޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ. 

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއާއި، ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި އެމްއެމްޕީއާރުސީ ގުޅިގެން އިންޑިއާގައި ބާއްވާ ރޯޑް ޝޯ އޮންނާނީ އިންޑިއާގެ ބޮޑު ތިން ސިޓީއެއްގަ އެވެ. 

ރާއްޖެ ޕްރޮމޯޓުކުރުމަށް ބާއްވާ މި ރޯޑްޝޯއާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި މަޓާޓޯއިން ބުނީ މި ޝޯ ބާއްވަން ހަމަޖެހިފައިވަނީ މުމްބާއީއާއި ބެންގަލޯރާއި ނިއު ދިއްލީގައި ކަމަށެވެ. 

ރޯޑް ޝޯ އޮންނަ ދުވަސްތައް

  •  ބެންގަލޯރުގައި 22 ޖުލައިގަ
  •  މުމްބާއީގައި 24 ޖުލައިގަ
  •  ނިއުދިއްލީގައި 26 ޖުލައިގަ

މި ރޯޑުޝޯގެ ބޭނުމަކީ ދުނިޔޭގައި މިހާރު އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ގައުމުން ބޭރަށް ދަތުރުކުރުމުގެ މާކެޓުކަމަށްވާ އިންޑިއާގެ ބާޒާރުގައި ރާއްޖޭގެ ހިއްސާ އިތުރުކޮށް ރާއްޖޭގެ ޝާމިލުވުން ފުޅާކުރުންކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ. 

މަޓާޓޯއިން ބުނި ގޮތުގައި މި ރޯޑްޝޯގައި ރާއްޖޭގެ ތަފާތު ކަންކަން ދައްކުވައިދޭނެ އެވެ. އެގޮތުން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކައި، ރިސޯޓުތަކާއި، ގެސްޓުހައުސްތަކުގެ އިތުރަށް ކަނޑުގެ ތަފާތު ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަ ދައްކައިދޭނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. 

އަދި މި ރޯޑްޝޯގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަންދޫބުން ޕްރެޒެންޓޭޝަންތައް ދައްކައިދިނުމުގެ އިތުރަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ރާއްޖެއަށް ދަތުރުކުރުމަށް ތައާރަފުކުރެވިފައި ހުރި ޓްރެވަލް ޕެކޭޖުތަކުގެ މައުލޫމާތު ދޭނެ އެވެ. ހާއްސަކޮށް އިންޑިއާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖުތަކުގެ މައުލޫމާތު ފޯރުކޮށް ދޭނެ އެވެ. 

އެ ޝޯގެ ތެރެއިން ރިސޯޓުތަކާއި ޓުއާ އޮޕަރޭޓަރުންނާއި ގެސްޓު ހައުސްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެހެނިހެން ހިއްސާދާރުންނާ ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އެ ރޯޑްޝޯގައި ބައިވެރިވާ މީހުންނަށް ލިބޭނެ އެވެ. 

މަޓާޓޯއިން ބުނެފައިވަނީ މި ޝޯއަށް އެހީތެރިވުމަށް އިންޑިއާގެ 1،800 އަށްވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔޯޓާ)އިން އެއްބަސްވެފައިވާ ކަމަށެވެ،. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.