ރައީސްގެ ނިންމެވުމަށް ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލުގެ އަގުހެޔޮކޮށްފި

ހުޅުމާލޭ ފަޅުން ޑީސަލް ވިއްކާ އަގު ހެޔޮކުރަން ނިންމުމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖު ނިމުމަކަށް ގެނައިކަން އެ ޖަމްއިއްޔާއިން އިއުލާނުކޮށްފައި ވެއެވެ.

މަސްވެރިންނަށް ޑީސަލް ވިއްކާ އަގުހެޔޮކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު ނިމުމަކަށް ގެނެސްފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ހުޅުމާލޭ ފަޅުން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި އެވެ. 

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން އިއްޔެ ކުރިއަށްގެންދިޔަ އިހުތިޖާޖުގައި މަސްވެރިން ސަރުކާރުގެ ކިބައިން އެދުނު އެއްކަމަކީ މަސްވެރިންނަށް މިހާރު ޑީސަލް ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. 

އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ފާހަގަކުރި ގޮތުގައި މަސްވެރިންނަށް މިހާރު ޑީސަލް ލިބޭ އަގުގައި ތެޔޮ އަޅައިގެން ދުރު ސަރަހައްދުތަކަށް ދަތުރުކޮށްގެން މަސް ބޭނުމަށްފަހު، މަސް ކިރުވައިގެން ފައިދާއެއް ނުވެ އެވެ. މަސްވެރިން ބުނެފައިވަނީ މަސް ގަންނަ އަގު ބޮޑުނުކުރެވޭ ހާލަތުގައި މަސްވެރިންނަށް ޑީސަލް ލިބޭ އަގު ހެޔޮކުރުމަކީ މަސްވެރިކަން ދެކޮޅުޖެއްސުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. 

މިކަމާ ގުޅިގެން ރޭ މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސްގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަކައި ހުޅުމާލޭ ފަޅުން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުން ވިއްކާ އަގާ އެއްވަރަށް ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. 

މޭ މަހުގެ 27 ވަނަ ދުވަހު އެސްޓީއޯއިންވަނީ އެ ކުންފުނީގެ ޝެޑުތަކުން ޑީސަލް ވިއްކަމުން އައި އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. އެގޮތުން ކުރިން ޑީސަލް ވިއްކަމުން އައި އަގަށްވުރެ 70 ލާރި އަގުހެޔޮކޮށް ޑީސަލް ވިއްކުމަށް އެ ކުންފުނިންވަނީ ނިންމާފަ އެވެ. 

މި ނިންމުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖު ނިމުމަކަށް ގެނައިކަން އެ ޖަމްއިއްޔާއިން އިއުލާނުކޮށްފައި ވެއެވެ. އެ ނިންމުން ނިންމާފައިވަނީ ޑީސަލް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރަށް، ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.