ފައިސާ ލަސްވާތީއާ ލޭނު ހުއްދައާ ދެކޮޅަށް މަސްވެރިން މުޒާހަރާގައި

މަސްވެރިންނަށް ނުދެވި މިހާތަނަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތްކަމަށް ވެއެވެ. އަދި މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމުން ވެސް މަސްވެރިން އަންނަނީ މުޒާހަރާކުރަމުންނެވެ.

މަސްވެރިން މަސް ކިރުވައިގެން ދޭން ޖެހޭ ފައިސާ ލަސްވާތީ އާއި، ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން މަޝްވަރާ ކުރާތީ މުޒާހަރާ ކޮށްފި އެވެ. 

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ލަސްވެގެން މުޒާހަރާ ކުރަމުން ދަނީ ގދ. މަޑަވެލީގަ އެވެ. އެމީހުން މުޒާހަރާ ކުރަނީ މިފްކޯއަށް ކިރުވާ މަހަށް ފައިސާ ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސް ވެފައި ވާތީ އެވެ. 

ލޭނު މަސްވެރި ކަމަށް ހުއްދަ ދޭން ސަރުކާރުން ވިސްނުން ގެންގުޅޭ ކަމަށް ބުނެ ހުޅުމާލޭ ބަނދަރުގައި މުޒާހަރާ ކުރަނީ ބޮޑު ކަންނެލި މަސްވެރިންނެވެ. 

ހުޅުމާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިއަކު "މިރާ" އަށް ބުނީ މަސްފެކްޓްރީތަކަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން މަޝްވަރާ ކުރާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ދޯނިތަކުން ކުރާ ބޮޑުކަންނެލި މަސްވެރިކަން އެއްކޮށް ނެތިގެން ދާނެ ކަމަށެވެ. 

"އެގޮތަށް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދީފި ނަމަ ޑިމާންޑަށްވުރެ އިތުރަށް އޭގައިން ސަޕްލައި ލިބޭނެ. އެހެންކަމަށްވަންޏާ އަހަރުމެން މި ބާނާ މަސްކޮޅު ގަންނާނީ ކާކު" މުޒާހަރާގެ ބައިވެރިއަަކު ބުންޏެވެ. 

ހުޅުމާލޭ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބޮޑުކަންނެލި މަސްވެރިން ޖަމާވެ މުޒާހަރާ ކުރަމުން އަންނަ އިރު، ސަރުކާރުން އެކަމަށް އިޖާބަ ނުދޭހާ ހިނދަކު މުޒާހަރާ ރުޅާނުލާނެ ކަމަށް މަސްވެރިން ބުނެ އެވެ. 

ގިނަ އަދަދަށް ދޯނި އެއްތަނަކަށް ޖަމާކޮށްގެން ކުރާ މި މުޒާހަރާގައި، ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލަ އެވެ. 

"ގަބޫލުކުރައްވާ ބައެއް މަސްވެރިން އެތިބީ ބޭންކުތަކަށް ދަރާފައި. ބައެއް އާއިލާތަކުން ދެ ދޯނި ތިން ދޯނި މިއަދު އެބަ އޮތް ފަޅުގައި ފުރޭނެ ގޮތެއް ނެތިފައި" މުޒާހަރާގެ ތެރެއިން ގޮވާލަމުން ދެއެވެ. 
 

މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް

  •  ބޮޑު ކަންނެލީގެ މަސްވެރިން ބާނާ މަހަށް ކިލޯއަކަށް 80-100 ރުފިޔާ ދިނުން
  •  ސަރުކާރަށް ތެޔޮ ލިބޭ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދިނުން
  •  މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން

މިދިޔަ ސަރުކާރުގައި މަސްވެރިންނަށް އަޅާނުލައި، ފައިސާ ނުދީ ބިކަކޮށްފައި ތިބި އިރު، މިސަރުކާރުން ވެސް މިހާތަނަށް އެމީހުނަށް ވީ ވައުދުތައް ފުއްދަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބޮޑުކަންނެލި މަސްވެރިން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.