ޓީމުން ވަނީ ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޖަމިއްޔާގެ މަސައްކަތުން ސާވިސް ޗާޖާއި އަހަރީ ޗުއްޓީ ގާނޫނުގައި ހިމެނި އެވެ. އަދި މިހާތަނަށް 270 ރިސޯޓް މުވައްޒަފަކަށް ހިލޭ ގާނޫނީ ލަފާ ހޯދައިދީފައިވެ އެވެ.
ޓޫރިޒަމަށް ބައި ގަރުނު ފުރިގެން ދިޔައިރު މި ދާއިރާގައި ލައްކަ ބަޔަކު މަސައްކަތް ކޮށްފައިވާނެ އެވެ. ލައްކަ މީހުންގެ ހިތްވަރު ވެސް އޮންނާނެ އެވެ. ރާއްޖެ "ބްރޭންޑް" އަކަށް ހެދުމަށް މަސައްކަތް ކުރި އެތައް ބަޔަކުވާނެ އެވެ. ނަމަވެސް ޓޫރިޒަމް ރަންޔޫބީލް ފާހަގަ ކުރަން ޓޫރިޒަމް މިނިސްޓްރީން ފުލުފުލުގައި ބޭއްވި ތިން ހަފުލާ އިން ވެސް ފެނުނީ އެއް ބައެކެވެ. އަގު ވަޒަންވީ އެއް މޫނުތަކެކެވެ. ރޯދަ މަހަށް ސައޫދީން ފޮނުވައިދޭ ކަދުރު ބަހާ އުސޫލުން އެވޯޑުތައް ބަހާލިއިރުވެސް މި ދާއިރާއަށް މަސައްކަތްކޮށް "ހަންކެނޑިފައި" ތިބި އެތައް ބަޔަކު ތިބީ އަގު ވަޒަންނުވެ ހިތް ބަރު ކަމާއެކު ޓީވީ ބަލަން ސިޓިން ރޫމުގަ އެވެ. މީގެ ތެރޭގައި ޓްރެވަލް ރައިޓަރުން ހިމެނެ އެވެ. ދުވަސްވީ ނޫސްވެރިން ހިމެނެ އެވެ. އަދި އެންމެ މުހިންމު ބަޔަކީ މި ދާއިރާ ކުރިއެރުވި ހަގީގީ "ބާނީން" ކަމަށްވާ މުވައްޒަފުންގެ ހައްގު ހޯދައި ދޭން ވަކާލާތުކުރި ޓޫރިޒަމް އެމްޕޯލީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އެވެ. ތިން ރޭމަތިން ބޭއްވި ހަފުލާގައި ވެސް އެއްވެސް އިސްޓޭޖަކުން އެ ޖަމިއްޔާއެއް ނުފެނުނެބެ. ފަހަރުގައި އަގު ވަޒަންކުރާ ވަރަށް އެ ޖަމިއްޔާ އަށް މަސައްކަތް ނުކުރެވެނީ ކަމަށް މިނިސްޓްރީން ގަބޫލު ކޮށްފާނެ އެވެ. ނޫނީ އެކަން ކުރަން ޓޫރިޒަމް "ޕައިނިޔަރުން" ހިތްޕުޅާ ނުވީކަމަށް ވެސް ވެދާނެ އެވެ.
"ޓީމް އަކަށް ހަމަ ގައިމު ވެސް ދައުވަތެއް ނާދޭ [ގައުމީ ޓޫރިޒަމް ދުވަހުގެ ހަފުލާ ތަކަށް]. ފަހަރުގައި ޓީމު މުހިންމު ނުވީ ކަމަށް ވެސް ވެދާނެ. އެކަކު މި ދާއިރާގެ މުވައްޒަފުން ދެކޭނެ އަހަރެމެން [ޓީމް] އަކީ މުހިއްމު ބައެއް،" ޓީމް އުފެއްދުނު ދުވަހުން ފެށިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެ ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލް މައުރޫފު ޒާހިރު "މި" އަށް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ޓީމްގެ އަގު ވަޒަންނުކޮށް ދޫކޮށްލި ކަމަށް އެ ޖަމިއްޔާ އިން ތުހުމަތުގެ އިނގިޔެއް ދިއްކުރި ނަމަވެސް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެކަން ދޮގު ކުރައްވަ އެވެ.
"މި" ނޫހަށް ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީއާ ގާތް ވާން ބޭނުންވާ ކޮންމެ ބަޔަކަށް އެ ފުރުސަތު އޮންނާނެ އެވެ. އެ މިނިސްޓްރީން ގެންގުޅެނީ އެންމެން ގޮވައިގެން އުޅުމުގެ ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓޫރިޒަމް ސްޓީރިއަން ކޮމެޓީގައި ވެސް ޓީމްގެ ރައީސް [އެޑަމް] އިންނަވެ އެވެ. އެހެންވީމާ ޓީމުން ނުފެނީ ކީއް ވެގެން ހެއްޔެވެ؟
އެކަމަކު އެނގިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ޓީމަކަށް ދައުވަތު ކާޑެއް، މެއިލެއް ނުފޮނުވަ އެވެ. ދައުވަތު ނުފޮނުވުމުގެ އެއް ސަބަބެއްގެ ގޮތުގައި ޓީމްއަކީ ކިހާ މުހިންމުކަން މިހާރުގެ ޓޫރިޒަމް މިނިސްޓަރާއި އެ މިނިސްޓްރީގެ މިނިސްޓްރީގެ ވެރިން ނޭނގެނީ ކަމަށް ވެދާނެ އެވެ.
ޓޫރިޒަމް މަސައްކަތް ތެރިންގެ ހައްގު ތަކަށް ޓީމުގެ އަޑު ގަދަވާން ފެށީ 2008 ގެ ކުރީކޮޅުން ފެށިގެންނެވެ. އެކަމަކު، ޓީމު ޓީމެއްގެ ގޮތުގައި ނުކުތީ 2008 ގައި އޮތް "ބަދަލަކަށް ނުކުތް" ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުން ބާލަން ނުކުތް ރިޔާސީ އިންތިހާބުގެ ހޫނުގަނޑު ތެރޭގަ އެވެ.
އެ ދުވަސްވަރު ޓޫރިޒަމް ސިނާއަތުގެ ހައްގުތައް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައި ރިސޯޓުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ޖައްސައި އިންޑަސްޓްރީ ކޮށި އަރުވާލި އެވެ. ނަޖީޖާއަކީ މިހާރުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ޓީމްގެ ސެކްޓެރީ ޖެނެރަލް މައުރޫފު ޒާކިރު ފަދަ ބޭފުޅުން ވަޒީފާ ގެއްލި މަގުމަތިވުމެވެ. އޭރު ވެސް މި މަސައްކަތުގެ މުގުލުގައި ތިއްބެވީ މައުރޫފުމެނެވެ. އަަދި މި ބޭފުޅުންނާއެކު އެތައް ރިސޯޓް "ބޯއީސް" އެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހުނެވެ. އެކަމަކު ޓީމުން "ފުކެއް" ނުދީ ހިފެހެއްޓުމުގެ ނަތީޖާއަކަށްވީ ގިނަ ކާމިޔާބީ ތަކެއް ލިބިގެން ފެށުމެވެ. އެމީހުންގެ ޑިމާންޑުތަކަށް ސަރުކާރު ދޫދިނުމެވެ.
އޭރު މި ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވި މައުރޫފު ވިދާޅުވި ގޮތުގައި އިގްތިސޯދީ އޭންގަލަކުން ބެލިނަމަވެސް ޓީމުން ކޮށްދިން މަސައްކަތް މަދެއް ނުވާނެ އެވެ. ރައީސް މައުމޫން އަބްދު ގައްޔޫމުގެ 30 އަހަރުގެ ދިގު ވެރިކަމުގެ ފަހުކޮޅު ވަޒީފާއާ ބެހޭ ގާނޫނަށް ޓޫރިޒަމް އުނިކޮށްފައިވަނިކޮށް ގާނޫނުގައި ޓޫރިޒަމް މުވައްޒަފުން ހިމެނޭ އެ ޖަމިއްޔާގެ މަސައްކަތުންނެވެ.
"އިންތިހާބު ކައިރިވެފައިވަނިކޮށް 60 ރިސޯޓުގައި އެއްކޮށް މުޒާހަރާ ޖެއްސީ. އެހެންވެ ރައްޔިތުން މަޖިލީސް ޗުއްޓީގައި އޮއްވައި މަޖިލީސް ބާއްވައިގެން ވަޒީފާގެ ގާނޫނުގައި ޓޫރިޒަމް މުވައްޒަފުން ހިމެނީ އަޅުގަނޑުމެންގެ މަސައްކަތުން. އެ ވަގުތު މިހާރު މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ [އޭރު ޑީއާރުޕީގެ މެންބަރު] އައިސް ވަޒީފާއާ ބެހޭ ގާނޫނުގެ ބިލް ދީފަ ވިދާޅުވީ މި އޮތީއޭ ބިލް! ކަލޭމެން ބޭނުން އެޗެއް މީގައި ލިޔާ ށޭ! ބުނީމަ އީސަ އާއި އަހަރެން އަދި އެހެން މީހުން ވެގެން ލިޔުނީ ސާވިސް ޗާޖާއި އަހަރީ ޗުއްޓީ، އޯވަޓައިމްގެ ވާހަކަ." މައުރޫފު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީސް ޗުއްޓީގައި އޮއްވައި ކުއްލި ގޮތެއްގައި މަޖިލީސް ބާއްވައިގެން ވަޒީފާގެ ގާނޫނުގައި ޓޫރިޒަމް މުވައްޒަފުން ހިމެނީ އަޅުގަނޑުމެންގެ މަސައްކަތުން
މައުރޫފު | ޓީމްގެ ސެކްރެޓަރީ ޖެނެރަލް
"މިހާރު ޓޫރިޒަމް މަސައްކަތްތެރިންނަށް މި ހައްގުތައް ލިބެނީ އޭރު އެ މަސައްކަތް ކުރީމަ. މިހާރު ސާވިސް ޗާޖު ބަހަން ޖެހޭނެ ކަމަށް ފަހުން ގާނޫނުގައި ލިޔުނަސް މިކަންކޮށްފަ އޮންނާނެ މާކުރީގަ."
މިވަރުން ޓީމުގެ މަސަކަތް ނުނިމެ އެވެ. ޓީމުން ވަނީ މި ވޭތުވެދިޔަ 16 އަހަރުތެރޭގައި 270 އަށްވުރެ ގިނަ މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލް އާއި ކޯޓުތަކަށް ޓީމުން ހުށަހެޅި އެވެ. ވަޒީފާއާ ބެހޭ ޓްރެއިބިއުނަލް އާއި ކޯޓުތަކުގައި ވަކާލާތު ކުރަން މައުރޫފު ޕާސަނަލީ ވެސް މަސައްކަތް ކޮށްފައިވެ އެވެ.
ޓީމުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މި ފަހަރު އެ ޖަމިއްޔާގެ އަގު ވަޒަންކޮށްފައެއް ނުވެ އެވެ.
ޓީމުގެ އިތުރުން މި ވޭތުވެދިޔަ 50 އަހަރުތެރޭގައި ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދިން ރާއްޖެ ޕްރޮމޯޓް ކުރަން އެހީތެރިވެދިން ޓްރެވަލް ރައިޓަރުންގެ ނަންވެސް މި ހަފުލާތަކުގައި އިވިފައެއް ނުވެ އެވެ. އަދި 1983 ގައި އުފެއްދި ހަވީރު ނޫން ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަން ނުކުރުން ވެގެން މިދަނީ ނޫސްވެރިކަމަށް މިނެއްނެތި ހުޅުވާލާފައިވާ ކަމަށް މެޑަލްޖަހާ މީހުންނަށް ވެސް ލިބުނު ހުތުރަކަށެވެ، ސަބަބަކީ މިހާރު ފެންނާން ނެތަސް ޓޫރިޒަމަށްވީ ދުވަހެއް "ހަވީރު" ނޫހަށް ވެސްވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވި ހުރިހާ ކަމެއްގައި ދިފާއުކޮށް، ރާއްޖެ ޕްރޮމޯޓް ކުރީ "ހަވީރު" ނޫހެވެ. ނުވަތަ އެ ނޫހުގައި އޭރު ތިއްބެވި ސީނިޔަ ނޫސްވެރިންނެވެ. އެހެންވީއިރު އެ މީހުންގެ އަގު ވަޒަންނުކޮށް ތިން ހަފުލާ ކީއްކުރަން 20 ހަފުލާ ބޭއްވިއަސް އެކަންވާނީ ހިދުމަތްކުރި ގިނަ ބަޔަކަށް ކުރެވޭ ބޭއިންސާފަކަށެވެ. އަދި ޓޫރިޒަމް އަގު ވަޒަންކުރި ތިން ހަފުލާގައި ވެސް ރާއްޖޭގެ ޓޫރިޒަމް އުފެއްދި ހަގީގީ ބާނީ ރައީސް އިބްރާހިމް ނާސިރުގެ އަޑު "މަޑުކޮށް" ބޭއްވުމަކީ ޓޫރިޒަށް ވެސް އޮތް ލަދުވެތިކަކެވެ. އެންމެ ފަހުރޭ އެވޯޑެއް ދިނެއްކަމަކު މިކަމުން ސަލާމަތެއް ނުވެވޭނެ އެވެ.
ރާއްޖޭހެ ޓޫރިޒަމްގައި ހަމައެކަނި ތިބީ ތިން ޕަޔަނިއަރުން އެކަންޏެއް ނޫނެވެ. އަބަދުވެސް ގޮތުގައި ހުންނަވާ އޭރުގެ ރައީސް ނާސިރު 1972 ގައި ޓޫރިޒަމް ފައްޓަވަން ނުނިންމެވިނަމަ މިއަދު ރާއްޖޭގައި ޓޫރިޒަމް އޮންނާނެ ތޯ ސުވާލު ކުރެވިދާނެ އެވެ. ޓޫރިޒަމް ހަފުލާގައި ނާސިރުގެ އެއްވެސް ބޭފުޅަކު ނުފެނުމަކީ ބޮޑު ދެރަ އެވެ. ރައީސް ނާސިރު ފަރާތްޕުޅުން އެވޯޑާ ހަވާލުވާނެ ފަރާތެއް ނެތި ފަހުން ރައްދު ކުރާ އެއްޗަކަށްވުމަކީ ދިން އެވޯޑުވެސް ވުމަކީ ޓޫރިޒަމް ރަންޔޫބީލްގެ ކުލަ ފަނޑުވެގެން ދިޔަ ކަމަށް ނޫނީނުވެ އެވެ. އަދި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވެސް އެވޯޑު ހަވާލުވާނެ މީހަކު ނުވަތަ ރައީސް މައުމޫން ނަމަވެސް މި އިވެންޓުން ނުފެނުމަކީ ސުވާލު އުފެދޭ ކަމެކެވެ. މިވަތުން ނިމުނީއެއް ނޫނެވެ.
ފުރަތަމަ ޓޫރިޒަމް އެޖެންސީ ކްރެސެންޓް ޓޫރިސްޓް އޭޖެންސީ (ސީޓީއޭ) ކުންފުނީގައި ތިއްބެވި ބޭފުޅުންގެ އަގު ވެސް ވަޒަން ކުރެވެން ވެސް ޖެހެ އެވެ. އޭގެތެއިން ބައެއް ބޭފުޅުން މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެކަމަކު އެންމެ ކުޑަ މިނުން ސީޓީއޭ މި ނަން ވެސް ތިން ރޭގެ މަތިން ނުކިޔަ އެވެ. ޓޫރިޒަމް އުފެއްދުމަކީ ހަމައެކަނި ތިން މީހެއްގެ އަތް މަތިން ދިޔަ ކަމެއްކަމަށް ހަދައިގެން ރަންޔޫބީލް ނިންމާލީ އެވެ. އެތަށް ބަޔަކު މިންނަތް މަސައްކަތުން ކުރި މަސައްކަތް އެންމެ ތިންރޭ މަތިން ނިންމައެއް ނުލެވޭނެ އެވެ. ހެންވީއިރު "ކަދުރު ބަހާގޮތަށް" އެވޯޑު ބަހާލި ތިން ރޭ ވެސް ކޮންމެހެން ފެންނަން ޖެހޭ ގިނަ ބަޔަކު ނުފެނީ ކީއްވެގެން ތޯ ކުރިއަށް އޮތް 50 އަހަރުވެސް ސުވާލު ކުރާނެ އެވެ.