ރަޝިޔާއަށް ހަނގުރާމަ ކޮށްދިން އިންޑިއާގެ ދެ މީހަކު ޔޫކްރެއިންގައި މަރާލައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުނަށް އޮޅުވާލައިގެން ރަޝިއާގެ ހަނގުރާމައަށް ގެންދާކަމުގެ މައްސަލަތަށް ވަނީ އިތުރުވެފަ އެވެ.

ޔުކުރޭންގެ އަމާޒަކަށް ރަޝިއާއިން ރޭ ދިން ހަމަލާއެއްގައި ހުޅު ރޯވެ އަނދަނީ: ހަނގުރާމައަށް އޮޅުވާލައިގެން އެހެން ގައުމުތަކުން މީހުން ގެންދޭ
  •  ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުނަށް އޮޅުވާލައި ހަނގުރާމައަށް ގެންދޭ

ރަޝިޔާ - ޔޫކްރެއިން ހަނގުރާމާގައި ރަޝިޔާގެ އަސްކަރިއްޔާއިން ރެކްރޫޓް ކުރި އިންޑިއާގެ ދެ މީހަކު މަރުވެފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ މަރުވި ދެ މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލަން ރަޝިއާގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައި ވާނެ ކަމަށެވެ. އަދި ރަޝިއާގެ އަސްކަރިއްޔާގައި ތިބި އިންޑިއާގެ އެންމެން އަވަހަށް ދޫކޮށްލައި އަނބުރާ ގައުމަށް ފޮނުވާލަން ވެސް މޮސްކޯއަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެކަމާއި ގުޅުވައި މޮސްކޯއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފައިސާ އާއި ރަޝިއާ ޕާސްޕޯޓުގެ ދަހިވެތި ކަމުގައި ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް އެހީތެރިވެދޭ އެޖެންޓުން އިންޑިއާގެ އެތައް ބަޔަކަށް އޮޅުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް މީހުން ބުނަނީ ރަޝިއާގެ އަސްކަރިއްޔާގައި ހަނގުރާމައިގެ ރޯލުތައް އަދާ ކުރަން މަޖުބޫރުކުރި ކަމަށެވެ. އަނެއް ބަޔަކު ހަނގުރާމައިގައި ބައިވެރިވެފައި ވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވެއެވެ.

"ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ދާދި ފަހުން ރަޝިއާގެ އަސްކަރިއްޔާއިން ރެކްރޫޓް ކުރި އިންޑިއާގެ ދެ މީހަކު މަރުވެފައިވާކަން ހިތާމައާއެކު ދަންނަވަން،" މަރުވި މީހުންގެ ނަން ހާމަ ނުކޮށް އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ. އަދި ރަޝިއާއިން ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ސަމާލު ވުމަށް ވެސް އެ މިނިސްޓްރީން އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައި ވެއެވެ.

ވަޒީފާ ނުވަތަ ތައުލީމުގެ ވައުދާއެކު ޒުވާނުން ރަޝިއާއަށް ގެންގޮސް، ހަމައެކަނި ޔޫކްރެއިންގައި ހަނގުރާމަ ކުރަން މަޖުބޫރު ކުރުވުމުގެ އިންސާނީ ވަގުފާރި ކުރާ ނެޓްވޯކަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިދިޔަ މެއި މަހު އިންޑިއާގެ ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ރަޝިއާ ސިފައިންނަށް ހަނގުރާމަ ކޮށްދެމުން ދަނިކޮށް މި އަހަރުގެ ކުރީކޮޅު އިންޑިއާގެ އިތުރު ދެ މީހަކު ވަނީ މަރުވެފަ އެވެ.
ރަޝިއާގެ އަސްކަރިއްޔާގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ރަޝިއާއަށް ގޮވާލިއިރު އިންޑިއާއިން ވަނީ ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުން ގެންދާ އަތްގަދަ ކުރުމުގެ އަމަލުތައް ކުށްވެރި ކުރުމަށް ދެކޮޅުހަދާ، މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ސުލްހަ ހޯދުމަށް ދެ ފަރާތަށް ގޮވާލާފަ އެވެ.

އިންޑިއާގެ އިތުރުން އަވައްޓެރި ނޭޕާލާއި ސްރީލަންކާއިން ވެސް ވަނީ އިންސާނީ ވަގުފާރި ކުރާ މީހުންގެ ދޮގު ވައުދުތަކަށް އެ ގައުމުގެ ރައްޔިތުން ނުހެއްލުމަށް އިންޒާރު ދީފައި ވެއެވެ. ވެރިރަށް ކަތަމަންޑޫން ބުނީ ރަޝިއާއަށް ހަނގުރާމަ ކޮށްދެމުން ދަނިކޮށް މިހާތަނަށް ނޭޕާލްގެ 20 މީހަކު މަރުވެފައިވާ ކަމަށެވެ.

މި ހަނގުރާމައިގައި މިހާތަނަށް ސްރީލަންކާގެ ކުރީގެ ސިފައިންގެ 16 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަ ސިފައިންނަކީ ރަޝިޔާގެ އަސްކަރިއްޔާއާއި ގުޅިފައިވާ މީހުނެވެ. މި މައްސަލައިގައި ސްރީލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާ ހޯމަ ދުވަހު މޮސްކޯގައި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.