އިޒްރޭލްގެ ހަނގުރާމަ ހުއްޓާލަން އދ. ގެ ސަލާމަތީ މަޖިލީހުން ފާސް ކޮށްފި

އެމެރިކާ އިން ސްޕޮންސާކުރި ގަރާރަށް ހޯމަ ދުވަހު ނެގި ވޯޓު 14-0 އިން ފާސް ކުރިއިރު ރަޝިއާއިން އެ ގަރާރަށް ވޯޓަށް ދީފައި ނުވެ އެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން

އިސްރާއީލުން މީގެ އަށް މަސް ކުރިން ޣައްޒާއާ ދެކޮޅަށް ލޭ އޮހޮރުވުމައި ގާތުލުއާންމުގެ ހަނގުރާމައެއް ފެށި ފަހުން ފުރަތަމަ ފަހަރަށް އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން އެ ހަނގުރާމަ ހުއްޓާލަން ގޮވާލައި ފާސް ކޮށްފި އެވެ.

ވޯޓަށްފަހު އިސްރާއީލުގެ އދ. ގެ މަންދޫބު ވިދާޅުވީ އެ ގައުމުން ބޭކާރު އަދި ނިމުމެއް ނެތް މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށާއި، އޭގެ ފައިދާ ހަމާސްއިން ނަގަން ފުރުސަތު ނުދޭނެ ކަމަށެވެ. އދ. ގެ ގަރާރު ފާސްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަމާސް އިން ވަނީ އެ ގަރާރަށް މަރުހަބާ ކިޔާ ބަޔާނެއް ނެރެ، އެ ގަރާރު ތަންފީޒު ކުރަން މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އަދި ރައްޔިތުންގެ ޑިމާންޑާއި އެއްގޮތަށް އދ. ގެ ގަރާރުގެ އަސާސްތައް ތަންފީޒު ކުރުމަށް ނުސީދާ ކޮށް މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށްވެސް ހަމާސް އިން ބުނެފައި ވެއެވެ. 

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހު ފާސް ކުރި ގަރާރާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ ތާއީދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލައިގަތުމަށް ހަމާސްއަށް ގޮވާލައްވާފަ އެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެ ހުށަހެޅި ކަރުދާހެއް ކަމަށް އެމެރިކާއިން ބުނަމުން ދިޔަ ނަމަވެސް، ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންގެ ވާހަކަ ތަކުންނާއި އަދި ބޮޑުވަޒީރު ދައްކަވާ ވާހަކަތަކުން ވެސް އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުން ވެގެން އުޅޭކަމަކަށް ނުފެނެ އެވެ.

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބަނޑުހައިހޫނުކަމުގައި މަރުވާން ކައިރިވެފައި ވާތީ ވަގުތު ބޭކާރު ނުކޮށް ހަނގުރާމަ ހުއްޓާލުމުގެ ގަރާރު ފުރިހަމައަށް އަދި ވަގުތުން ތަންފީޒު ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ޗެރިޓީ އެއް ކަމަށްވާ މާސީ ކޯޕުން ވެސް ވަނީ ބުނެފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 37،124 މީހުން މަރުވެ 84،712 މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާފައިވާއިރު، ޣައްޒާގައި އަދިވެސް ބަޔަކު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.