ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު މި އަހަރުގެ މޭ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ދަށްވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު އެ އިދާރާއަށް ފާއިތުވި މޭ މަަހުގެ ނިޔަލަށް ލިބުނީ 1.66 ބިލިއަން ރުފިޔާއެވެ. އެއިން 66.57 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާއަކީ ޑޮލަރުން ލިބުނު އާމްދަނީ އެވެ.
މި އަހަރުގެ މޭ މަހުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 1.6 ބިލިއަން ރުފިޔާ ލިބުނުއިރު ފާއިތުވި އަހަރު 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންކަމުން މި އަހަރުގެ މޭ މަހުގައި ލިބުނު އާމްދަނީ ވަނީ ފާއިތުވި އަހަރަށްވުރެ 4.8 އިންސައްތަ ދަށްވެފަ އެވެ.
މީރާއިން ބުނި ގޮތުގައި މައިގަނޑު ގޮތެއްގައި ދަށްވީ ކޯޕަރޭޓު އިންކަމް ޓެކުހާއި، ޖީޖީއެސްޓީ އަދި އެއާޕޯޓު ޓެކުހާއި ފީތަކުން ލިބުނު އާމްދަނީ އެވެ. މޭ މަހު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވީ އެ މަހު ޓެކުސް ދައްކާ ސުންގަޑި ހަމަވިއިރުވެސް ޓެކުސް ނުދައްކަ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.
އަދި އޭޕްރީލު މަހުގައި އެއާޕޯޓުން ފުރި ފަސިންޖަރުންގެ އަދަދު 0.9 އިންސައްތަ މަދުވެފައިވާކަމަށާއި، އެކަމުގެ ސަބަބުން މޭ މަހު އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ދިޔަކަމަށް މީރާއިން ފާހަގަކުރެ އެވެ.
މޭ މަހު ލިބުނު ޖުމްލަ 1.6 ބިލިއަން ރުފިޔާގެ ތެރެއިން 1.4 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަކީ 230 މިލިއަން ރުފިޔާ އެވެ.
ޓެކުސް އާމްދަނީގެ ތެރެއިން ޑޮލަރުން ލިބުނީ 58.9 މިލިއަން ޑޮލަރު ނުވަތަ 908 މިލިއަން ރުފިޔާއެވެ. 522.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ޓެކުހުގެ ގޮތުގައި ދިވެހި ރުފިޔާއިން މީރާއަށް ލިބުނެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު 230 މިލިއަން ރުފިޔާގެ ތެރެއިން 118.2 މިލިއަން ރުފިޔާ އަކީ ޑޮލަރުން ލިބުނު އާމްދަނީއެވެ. އެއީ 7.6 މިލިއަން ޑޮލަރެވެ. 112.6 މިލިއަން ރުފިޔާއަކީ ދިވެހި ފައިސާއިން ލިބުނު އާމްދަނީ އެވެ.
މި އަހަރުގެ ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް މީރައަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.9 ބިލިއަން ރުފިޔާއެވެ. އެއިން 4.5 ބިލިއަން ރުފިޔާ ލިބުނީ ދިވެހި ރުފިޔާއިންނެވެ. ޑޮލަރުން ލިބުނީ 409.6 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) އެވެ.
ދައުލަތުގެ އާމްދަނީ މޭ މަހުގައި ފާއިތުވި އަހަރަށްވުރެ ދަށްވި ނަމަވެސް ޖަނަވަރީ އެއްވަނަ ދުވަހުން މޭ މަހުގެ ނިޔަލަށް ލިބުނު އާމްދަނީވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.