މިއަދު ޑރ.ޖައިޝަންކަރު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާމެދު އެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެ ވަޑައިގެން މަގާމުގެ ހުވައިކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގަތީ އިއްޔެ އެވެ.
ބޮޑުވަޒީރު މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، އިންޑިއާގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސްވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ފަރިއްކޮޅުގައި މޯދީއާ އެންމެ އަރިސްކޮށް އިންނެވީ ރައީސެވެ.
އަދި އެ ފަރިއްކޮޅުގެ ހަވާސާގައި މޯދީއާއި ރައީސްވަނީ ވަކިން ބައްދަލުކުރައްވާފއެވެ. އެ ބައްދަލުވުމަށް އިންޑިއާ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަން ލިބުނެވެ.
މިއަދު ޑރ.ޖައިޝަންކަރު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާމެދު އެވެ.
އެގޮތުން ދެ ބޭފުޅުންވަނީ ހިއްސާވަނިވި މަސްލަހަތުތަކާއި އަގުކުރުންތައް ޝާމިލުވާ ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް އޮތް ޝައުގުވެރިކަން ހާމަކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިއާ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ބޮޑުވަޒީރު މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ޖައިޝަންކަރުވަނީ މޯދީގެ ދައުވަތު ގަބޫލުކުރައްވައި ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީތީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުވުން ނިންމަވައިލެއްވީ ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް އެއްބާރުލުން ދިނުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ބޭފުޅުންވެސް ބޭނުންފުޅުވާކަން ހާމަކުރައްވަމުންނެވެ.
ޑރ.ޖައިޝަންކަރަކީ ފާއިތުވި ދައުރުގައި އިންޑިއާގެ ހާރިޖީވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މުޅި އޭޝިޔާ ސަރަހައްދުގައިވެސް އެންމެ ފާހަގަކޮށްލެވޭ ނުފޫޒުގަދަ ހާރިޖީ ވަޒީރުންގެ ތެރޭ ގުނައިލެވޭ ޝަހުސިއްޔަތެކެވެ.