ގެވެށި އަނިޔާ ލިބޭ އަންހެނުންގެ ނިސްބަތް ދަނީ އިތުރުވަމުން

މި މައްސަލަތަކުގައި ޖުމްލަ 973 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރެއިން 619 މީހުންނަކީ އަންހެނުންނެވެ.

ގެވެށި އަނިޔާ ދައްކުވައިދޭ ފޮޓޯއެއް

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމެލީ އެންޑް ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް މިދިޔަ އަހަރު ގެވެށި އަނިޔާގެ 614 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނަށް އަނިޔާ ކުރާ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެފްޕީއޭ އިން މިއަދު ވަނީ 2023 އަހަރުގެ ގެވެށި އަނިޔާގެ މައްސަލަތައް ހިމެނޭ ތަފާސްހިސާބު ރިޕޯޓު އާންމު ކޮށްފަ އެވެ. މި ރިޕޯޓުގައި ފާއިތުވި އަހަރުތަކުގައި ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ވަނީ ހިމަނާފަ އެވެ. 

  •  2020 - 558 މައްސަލަ
  •  2021 - 577 މައްސަލަ
  •  2022 - 720 މައްސަލަ
  •  2023 - 614 މައްސަލަ

ރިޕޯޓުން އެނގޭ ގޮތުގައި އެންމެ ގިނައިން ގެވެށި އަނިޔާ ކުރަނީ މައިންބަފައިން ނުވަތަ ބެލެނިވެރިއެއްގެ ފަރާތުންނެވެ. ދެން އެންމެ ގިނައީ ކައިވެނި ކޮށްގެން އުޅޭ ނުވަތަ އިނދެ ވަރި ކޮށްފައިވާ މީހުނެވެ. 

މިދިޔަ އަހަރު އެފްޕީއޭއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ ރިފަރަލްތަކުން އެންމެ ގިނަ އަދަދަކަށް ހިނގާފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ:

  •  ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާ - 553 ފަހަރު
  •  ޖިސްމާނީ އަނިޔާ - 464 ފަހަރު
  •  ބިރުދެއްކުން - 310 ފަހަރު

މިދިޔަ އަހަރު އެފްޕީއޭއަށް އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައި ވަނީ ޖެންޑާ މިނިސްޓްރީންނެވެ. ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން ޖެންޑާ މިނިސްޓްރީން ވަނީ 421 މައްސަލަ އެ އޮތޯރިޓީއަށް ހުށަހަޅާފަ އެވެ. ދެން އެންމެ ގިނަ މައްސަލަ ހުށަހެޅީ ފުލުހުންގެ ހިދުމަތުންނެވެ. އެއީ 236 މައްސަލަ އެވެ. 

މި މައްސަލަތަކުގައި ޖުމްލަ 973 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރެއިން 619 މީހުންނަކީ އަންހެނުންނެވެ.

  •  18 އަހަރުން ދަށް - 469 ކުދިން
  •  18 އަހަރުން މަތި - 503 މީހުން
  •  އުމުރުގެ މައުލޫމާތު ނުލިބޭ - އެކަކު

ރިޕޯޓުން އެނގޭ ގޮތުގައި 240 ފިރިހެނަކަށް ގެވެށި އަނިޔާ ލިބިފައިވެ އެވެ. ޖިންސުގެ މައުލޫމާތު ކަށަވަރު ނުވާ 114 މީހަކު ތިބި ކަމަށް ވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.

"އަނިޔާ ލިބިފައިވާ އަންހެނުންނާއި އަންހެން ކުދިންގެ ތެރެއިން، އަނިޔާ ލިބިފައިވާ އަންހެނުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ ބޮޑުވެ، އަދި 18 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުންގެ ތެރެއިން، އަނިޔާ ލިނިފައިވާ އަންހެނުންގެ އަދަދު ގާތްގަނޑަކަށް ފަސް ގުނަ ބޮޑު،" ރިޕޯޓުގައި ހުރި ނަންބަރުތަކަށް ރިއާޔަތްކޮށް އެފްޕީއޭ އިން ފާހަގަ ކޮށްފައި ވެއެވެ.

ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް

މިދިޔަ އަހަރު އެކި ކޯޓުތަކުން 28 ރައްކާތެރިކަމުގެ އަމުރާއި 103 އަވަސް އަމުރެއް ވަނީ ނެރެފަ އެވެ. މި އަމުރުތަކަކީ އަނިޔާ ލިބުނު މީހާގެ ރައްކާތެރިކަމަށް ނެރެފައިވާ އަމުރުތަކެކެވެ. މިފަދަ އެންމެ ގިނަ އަމުރުތައް ނެރެފައި ވަނީ ފެމެލީ ކޯޓުންނެވެ.

ރިޕޯޓުން އެނގޭ ގޮތުގައި، 67 މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 10 މައްސަލަ ސާބުތުވެފައިވާއިރު 44 މައްސަލަ އޮތީ ކޯޓުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.