ފެނަކައިގެ ކުރީގެ އެމްޑީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އޭސީސީއަށް ހާޒިރުކޮށް، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށް، ތަހުގީގަށް ބަޔާން ނަގާފައިވާކަން "މިރާ" އަށް ވަނީ ކަށަވަރުވެފައެވެ.

ފެނަކަ އިން ހިންގި މަޝްރޫއު އެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު ގައި ކުރީގެ ރައީސް ސޯލިހާއި ފެނަކައިގެ ކުރީގެ އެމްޑީ ސައީދު

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގައިފި އެވެ. 

"މިރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް ސައީދު ހާޒިރު ކޮށްފައި ވަނީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު އެ ކުންފުނީގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު އޮތް ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެންނެވެ. އޭސީސީއަށް ފާއިތުވި ދައުރުގައި ފެނަކައާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހެޅިފައި ވެއެވެ. 

އޭގެ އިތުރަށް، ސަރުކާރު ބަދަލުވުމަށް ފަހު ފެނަކައިގެ އާ މެނޭޖުމެންޓުން ވަނީ ކުރީ ދައުރުގައި އެ ކުންފުނީގެ ތެރޭގައި ހިނގިކަމަށް ތުހުމަތުވާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ފެނަކައިން އެކި ފަރާތްތަކާ ކޮންޓްރެކްޓުކުރި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުގެ އަސްލު އަގަށް ވުރެ ބޮޑު އަގުގައި އެކި ކުންފުނިތަކާ ހަވާލު ކޮށްފައި ހުރި މަޝްރޫއުތަކާއި، ނުކުރާ މަސައްކަތްތަކަށް ކުންފުނިން ފައިސާ ދޫކޮށްފައި ހުރި މައްސަލަތަކާއި ޕްރޮކިއުމެންޓު އުސޫލުތަކާ ހިލާފަށް އެއިރު ހިންގާފައިވާ މައްސަލަތައް ހިމެނެ އެވެ. 

އެގޮތުން ފެނަކައިގެ އާ މެނޭޖުމެންޓުން ވަނީ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފަ އެވެ. އެ މައްސަލަތަކަކީ ފެނަކައަށް އިންތިހާއަށް ގެއްލުންވާ ގޮތަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ މައްސަލަތައްކަމަށް ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައި ވެއެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި ފެނަކައާ ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކާމެދު ސުވާލު ކުރުމަށް ސައީދު ކޮމިޝަނަށް ހާޒިރުކުރީ މޭ މަހުގެ ފަހު ހަފުތާގަ އެވެ. ސައީދު ކޮމިޝަނަށް ހާޒިރުކޮށް، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށް ތަހުގީގަށް ބަޔާން ނަގާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. 

ސަރުކާރު ބަދަލުވިއިރު ފެނަކަ އޮތީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއިން ދަރަނިވެރިވެފަ އެވެ. އެއިން ދެ ބިލިއަނެއްހައި ރުފިޔާއަކީ އެ ކުންފުނިން އަމިއްލަ ވިޔަފާރިތަކަށް ދޫކުރަންޖެހޭ ފައިސާއެވެ. 

އައު މެނޭޖުމެންޓުން ފެނަކައާ ހަވާލުވިއިރު ކުންފުނި މާލީ ގޮތުން ހާލަތު ސިފަކުރައްވަމުން ފެނަކައިގެ އައު މެނޭޖިން ޑިރެކްޓާ މުއާޒު ވިދާޅުވެފައިވަނީ ފެނަކަ އޮތީ "ރޭޕުކޮށްލާފައި" ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.