ތޮއްޑޫގައި މުޒާހަރާކޮށް ސިލްސިލާ ހަމަނުޖެހުންތަކެއް ހިންގަމުން ދަނީ ރަށުގެ ދަނޑުބިންތަކެއް ދިގު މުއްދަތަށް ދޫކުރާ މައްސަލާގަ އެވެ.
އއ. ތޮއްޑޫގައި ދިގު މުއްދަތަކަށް ދަނޑުބިންތަކެއް ދޫކުރާ މައްސަލާގައި، ރަށުތެރޭގައި ހަމަނުޖެހުން ހިންގި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންނަކީ ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާއުކި އަށް މީހުންނާއި، އެރަށު މަގެއްގެ ހޭޅިފަށުގައި ރޯކޮށްލި މީހެއް ކަމަށެވެ. ދަނޑުބިންތަކުގެ މައްސަލާގައި ބުދަ ދުވަހު ތޮއްޑޫގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް ހޫނުވެ، ކައުންސިލް އިދާރާއަށް ގާއުކުމުގެ ތެރޭގައި، ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރި ފުލުހެއްގެ ބޮލުގައި ގާބުރިއަކުން ޖެހި އަނިޔާލިބިގެން ފަރުވާދޭން ވެސް ޖެހުނެވެ.
ރާއްޖޭގެ އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ މީހުން ދިރިއުޅޭ ރަށް، ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް "މިރާ"އަށް ވިދާޅުވީ ބަޔަކު ނިކުމެ ހަމަނުޖެހުން ހިންގީ، އެރަށުން ދިގު މުއްދަތަށް ދަނޑުބިން ދޫކުރާތީ އެކަމާ ނުރުހިގެން ކަމަށެވެ. ދަނޑުބިންތައް ދިގުމުއްދަތަށް ދޫކުރީ އެގްރިކަލްޗާ މިނިސްޓްރީގެ ލަފާޔާ އެކު، ދަނޑުވެރިންގެ މެދުގައި ފެންނަ/ނުފެންނަ ވޯޓެއް ވެސް ނަގައި އެކަމަށް ރުހުން ހޯދައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަން ބަލާއިރު ޑިއުރޭޝަން ކުޑަވީމަ ވިޔަފާރި އުސޫލުން އިންވެސްޓެއް ކޮށްގެން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭ. ހާއްސަކޮށް ގްރީންހައުސް ކަހަލަ އެއްޗިހި ޖަހައިގެން އެކަންކަން ކުރަން ބަލާއިރު ފަސް އަހަރު ވީމަ ކުރުވޭ މުއްދަތު" ކަރަމް ވިދާޅުވި އެވެ.
ތޮއްޑޫއިން މި ބަދަލު ގެނައުމާ ހަމައަށް ބިން ދޫކުރީ ތިން ސަރަހައްދަކަށް ބަހާލައިގެން، ރޯދަމަހު ކަރާ އިންދާ ސަރަހައްދުން އަހަރަކު އެއްފަހަރު އަދި ދެން އޮތް ދެ ސަރަހައްދުން ވެސް ކޮންމެ ފަސް އަހަރަކުން ނެވެ. މިފަހަރު ކައުންސިލުން ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމީ ފަސް އަހަރަށް ދޫކުރާ ދެ ސަރަހައްދުން އެއް ސަރަހައްދުގެ ދަނޑުތަކެވެ.
"[ކުރިން އޮތްގޮތުން] ކޮންމެ ފަސް އަހަރަކުން އަލުން ދަނޑުބިންތައް ބަހާލާއިރު، އެހެން ސަރަހައްދަކުން ދެން ބިން ލިބޭނީ." ކަރަމް ވިދާޅުވި އެވެ.
ކަރަމް ވިދާޅުވީ 15 އަހަރަށް ދޫކުރާ ދަނޑުތަކަށް އެދުމުގެ މުއްދަތު ފާއިތުވި ހަރޯދަޔާ ހަމައަށް ހަމަވެ، މިހާރު އޮތީ ދަނޑުތައް ދޫކުރާ ހިސާބަށް ކަންކަން ގޮސްފައި ކަމަށެވެ. ރަށުގެ މަދު ބަޔަކު ނިކުމެ ކައުންސިލް އިދާރާ ކުރިމަތީގައި އާއި ރަށު ތެރޭގައި ހަމަނުޖެހުން އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫއިން އަލަށް ދިގުމުއްދަތަށް ދޫކުރާ ދަނޑުތައް ހަވާލުކުރާނީ އެތަނަށް ބޭނުންވާ ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިގެން ކަމަށް ކަރަމް މައުލޫމާތު ދިނެވެ.