"މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމުގެ ފޯނު ހިފަހައްޓާފައިވަނީ ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ޕްރޮގުރާމުގެ ދަށުން ދޫކުރަން ކަނޑައެޅި 4،000 ހައުސިން ޔުނިޓު ލިބޭ މީހުން ކަނޑައެޅި މައްސަލާގަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން އެދިގެން ކޯޓު އަމުރެއްގެ ދަށުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ފޯނު ހިފަހައްޓައިފި އެވެ.
"މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމުގެ ފޯނު ހިފަހައްޓާފައިވަނީ ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ޕްރޮގުރާމުގެ ދަށުން ދޫކުރަން ކަނޑައެޅި 4،000 ހައުސިން ޔުނިޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އަކްރަމުގެ ފޯނު ހިފަހެއްޓިކަން ރަސްމީކޮށް އޭސީސީން ޔަގީންކޮށް ނުދިން ނަމަވެސް، "މިރާ"އަށް ކަށަވަރުވެފައިވާ ގޮތުގައި އަކްރަމާއި އިތުރު ދެ ބޭފުޅެއްގެ ފޯނު ފުލުހުން މެދުވެރިކޮށްވަނީ ހިފަހައްޓާފަ އެވެ. އެއީ ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފާއި އެ މިނިސްޓްރީގެ ހައުސިން ޑިޕާޓުމެންޓުގެ ޑިރެޖްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ.
މި ތިން ބޭފުޅުންގެ ފޯނު ހިފަހައްޓާފައިވާއިރު އަކްރަމާ ގުޅުންހުރި ދެ ތަނެއް އޭސީސީން ބަލައިފާސްކޮށްފައިވެ އެވެ. އަދި ދެން ތިއްބެވި ބޭފުޅުންގެ ގެދޮރުވެސް އެ ކޮމިޝަނުން ބަލައިފާސްކުރިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ހައުސިން ޔުނިޓާ ގުޅޭ ޖިނާއީ ތަހުގީގެއް އޭސީސީން ހިންގަމުންދާ ކަމަށާއި، އެ ތަހުގީގުގެ ތެރެއިން އެ މައްސަލައާ ގުޅުންހުރި ބައެއް މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަމުންދާކަން އެ ކޮމިޝަނުންވަނީ "މިރާ"އަށް ކަށަވަރުކޮށްދީފައެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ޕްރޮގުރާމުގެ ތެރެއިން 9،000 ފަރާތަކަށް ފުލެޓު ލިބޭނެކަމުގެ ލިޔުން ދޫކުރިއެވެ. ނަމަވެސް އެއިރު ސަރުކާރުން އަޅާފައިހުރީ 4،000 ފުލެޓެވެ. އެ 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު އެއިރުގެ ސަރުކާރުން އެކުލަވާލާފައިވަނީ ބޭއިންސާފުން އުސޫލުތަކާ ހިލާފަށް ކަމުގައި ބުނެ ގިނަ ބަޔަކު މައްސަލަތައް ޖައްސަން ފެށުމުން އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފެށި އެވެ.
ފުލެޓުތައް ދިނުމުގެ މަސައްކަތް ހުއްޓުވުމަށްފަހު އޭސީސީން ލިސްޓާ ގުޅޭ ތަހުގީގެއް ހިންގުމަށްފަހު ބުނެފައިވަނީ، އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ގެދޮރުވެރިޔާ ޕްރޮގުރާމުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވަނީސް ފުލެޓު ދިނުމަށް ނިންމާފައިވާ މީހުން ކަމަށެވެ.
ފުލެޓު ލިބޭ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ހުއްޓިފައިވަނީ އޭސީސީގެ ތަހުގީގުން ފާހަގަކުރި މައްސަލަތަކާ ގުޅިގެންނެވެ. އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާ، އެ ކޮމިޓީން ދަނީ އެ މައްސަލަތަކާމެދު ގޮތެއް ނިންމަން މަސައްކަތްކުރަމުންނެވެ.