"މިރާ" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީން ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ގެއަށް ވަދެފަ އެވެ.
އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ޕްރޮގުރާމުގެ ތެރެއިން ދޫކުރަން ނިންމި 4،000 ހައުސިން ޔުނިޓު ދޫކުރި ގޮތާ ގުޅޭ ތަހުގީގުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީ ސަރުކާރުގެ ބައެއް ވެރިންގެ ގެދޮރު ބަލައި ފާސް ކުރަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު "މިރާ" އަށް މައުލޫމާތު ދެއްވި ގޮތުގައި، ގެދޮރުވެރިޔާ މަޝްރޫއާ ގުޅުންހުރި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން އަންނަނީ ހިންގަމުންނެވެ. އެ ތަހުގީގުގެ ބޭނުމަަަށް އެ މައްސަލައާ ގުޅުންހުރި ބައެއް ބޭފުޅުންގެ ގެދޮރު އެ ކޮމިޝަނުން ބަލައި ފާސްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުގެ ތަހުގީގުގައި ބަލައިފާސް ކުރަނީ ކޮން ބޭފުޅުންގެ ގެތަކެއްތޯ ސުވާލުކުރުމުން ކޮމިޝަނުން ބުނެފައިވަނީ އެފަދައިން ތުހުމަތުކުރެވޭ ބޭފުޅުންގެ ނަންފުޅުތައް ހާމަނުކުރެވޭނެ ކަމަށެވެ.
ނަމަވެސް "މިރާ" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީން ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ގެއަށް ވަދެފަ އެވެ. އަދި އޭނާގެ ފޯނުވެސް އޭސީސީން އަތުލާފައިވާކަމަށް އަކްރަމުގެ ގާތް ބޭފުޅަކު ނަން ހާމަނުކުރުން ޝަރުތުކޮށް "މިރާ"އަށް މައުލޫމާތު ދީފައިވެ އެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ޕްރޮގުރާމުގެ ތެރެއިން 9،000 ފަރާތަކަށް ފުލެޓު ލިބޭނެކަމުގެ ލިޔުން ދޫކުރިއެވެ. ނަމަވެސް އެއިރު ސަރުކާރުން އަޅާފައިހުރީ 4،000 ފުލެޓެވެ. އެ 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު އެއިރުގެ ސަރުކާރުން އެކުލަވާލާފައިވަނީ ބޭއިންސާފުން އުސޫލުތަކާ ހިލާފަށް ކަމުގައި ބުނެ ގިނަ ބަޔަކު މައްސަލަތައް ޖައްސަން ފެށުމުން އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފެށި އެވެ.
ފުލެޓުތައް ދިނުމުގެ މަސައްކަތް ހުއްޓުވުމަށްފަހު އޭސީސީން ލިސްޓާ ގުޅޭ ތަހުގީގެއް ހިންގުމަށްފަހު ބުނެފައިވަނީ، އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ގެދޮރުވެރިޔާ ޕްރޮގުރާމުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވަނީސް ފުލެޓު ދިނުމަށް ނިންމާފައިވާ މީހުން ކަމަށެވެ.
ފުލެޓު ލިބޭ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ހުއްޓިފައިވަނީ އޭސީސީގެ ތަހުގީގުން ފާހަގަކުރި މައްސަލަތަކާ ގުޅިގެންނެވެ. އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާ، އެ ކޮމިޓީން ދަނީ އެ މައްސަލަތަކާމެދު ގޮތެއް ނިންމަން މަސައްކަތްކުރަމުންނެވެ.