އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް ފޮނުވަން ހުށަހަޅައިފި

ފަލާހުގެ ހުށަހެޅުއްވުމަށް އެހެން މެންބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. މަޖިލީހުގެ ނައިބް ރައީސް / ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިފަދަ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަން ސަރުކާރަށް ލިބިގެންވާ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު: އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު 241 ކޮމެޓީއަށް ފޮނުވަން ވަނީ ހުށަހަޅުއްވާފައި

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް އެމްޑީޕީން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241) ކޮމެޓީއަށް ފޮނުވަން ސަރުކާރު ހިންގާ ޕީއެންސީން ހުށަހަޅައިފި އެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ރާއްޖެއަށް އިސްރާއީލު މީހުން އެތެރެވުން މަނާކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އަދި އެކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށްވެސް އަންނަނީ އަމާޒުވަމުންނެވެ.

އާންމުންގެ އަޑުތައް ގަދަވެފައި ވަނިކޮށް މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމެވެ. ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު، ބަހުސް ކުރައްވަމުން މީކާއިލް އެދިވަޑައިގެންފައި ވަނީ މިކަން ސިޔާސީ ނުކޮށް ހުރިހާ މެންބަރުން ވެސް ބިލަށް ތާއީދުކޮށް އަވަހަށް ފާސްކޮށްދެއްވުމަށެވެ.

މި ބިލު 241 ކޮމެޓީއަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާ ވަނީ މިއީ މުހިންމު ބިލެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި ގަތުލުއާންމު ފެށުނުއިރު ވެރިކަމުގައި ތިބީ އެމްޑީޕީން ކަމަށާއި 19 ވަނަ މަޖިލީހުގައި މީކާއިލް ވެސް އިންނެވިކަން ފާހަގަކުރައްވައި، އޭރު މި ބިލު ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

ފަލާހުގެ ހުށަހެޅުއްވުމަށް އެހެން މެންބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. މަޖިލީހުގެ ނައިބް ރައީސް / ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިފަދަ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަން ސަރުކާރަށް ލިބިގެންވާ ކަމަށެވެ.

20 ވަނަ މަޖިލީހުގެ ނައިބުރައީސްކަމަށް އިންތިހާބުކުރި ނާޒިމް -- ފޮޓޯ: މަޖިލިސް


"އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ހެޔޮ އެދޭ އެދޭ ގޮތަށް ހިތާ ރޫހުން ކަން ނިންމާ ބައެއް. އަޅުގަނޑުމެން މިގޮތަށް ތިބޭ ގޮތް މާނަކޮށްދޭ މިންގަނޑަކީ ދުނިޔޭގެ އެހެން ބާރުތަކަށް ބޭނުންވާ ގޮތަކަށް ވެގެންނެއް ނުވާނެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމިއްޔަތަށާ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ އަދި މަންފާ ވާނެ ގޮތަށް އަޅުގަނޑުމެން ކަންކަން ނިންމަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

މި ބިލަށް ވާހަކަދައްކަވަމުން މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މިފަދަ ކަމެއް ކުރާއިރު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީންދޭ އަނިޔާތައް ނޭނގިގެންނޫން ކަމަށާއި މިއީ ވަރަށް ރަގަޅަށް ދިރާސާކޮށްގެން ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.

"އެމްޑީޕީން އެ މައްސަލަ ހުށަހެޅުއްވިއިރު އިއްޒަތްތެރި މެންބަރު ވިދާޅުވި ބަސްފުޅުތަކާ އަޅުގަނޑު ވަރަށް ދެކޮޅު. އެއީ އެކަމާމެދު ދިރާސާކުރަންވީ ވަރަށް ދިރާސާކުރައްވާ، ވިސްނާވަޑައިގަންނަވަންވީ ވަރަށް ވިސްނާވަޑައިގެންފަ ނެތްކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިންމާލުމަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ހުށަހެޅިފައިވާ މައްސަލައެއް މީ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރު އެހެން މެންބަރުން ވެސް ވަނީ ފަލާހުގެ ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ. މި ބިލު ބަލައިގަތުމާމެދު މިއަދުގެ ވޯޓު ގަޑީގައި އައްސަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.