އިސްރާއީލުން ލުބުނާނަށް ދިން "ވައިޓް ފޮސްފަރަސް' ހަމަލަތަކުން ބޮޑެތި ގެއްލުން

އައިއޯއެމްއިން ބުނާ ގޮތުގައި ހަމަލާތަކުގެ ސަބަބުން ލުބްނާނުގެ ދެކުނުގައި އޮންނަ އަވަށްތަކުން 92،600 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރާއި ވަޒަން ދޫކޮށް ދާން ޖެހިފަ އެވެ.

އިސްރާއީލުން ލުބުނާނަށް ދީފައިވާ ކެމިކަލް ހަމަލާތަކުގެ ސަބަބުން ދަނޑުވެރިކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

އިސްރާއީލުން ލުބުނާނުގެ ދެކުނުގައި ހުދު ފޮސްފަރަސް ހަތިޔާރު ބޭނުން ކުރަމުން ދާތީ އޭގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބި، އެ ސަރަހައްދުގެ މީހުން ވަޒަން ދޫކޮށް ދާންޖެހިފައި ވެއެވެ. އަދި އިސްރާއީލުން ވަނީ ލުބުނާނުގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ހަނގުރާމައެއް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުދަ ދުވަހު ނެރުނު އާ ރިޕޯޓެއްގައި ބުނެފައި ވަނީ ހުދު ފޮސްފަރަސްގެ ހަމަލާތަކުގެ ސަބަބުން އާންމުން ނުރައްކަލަށް ހުށަހެޅޭ ކަމަށާއި އަދި ގެ ދޮރު ގެއްލި ނިކަމެތިވާ މީހުން އިތުރުވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން ދެކުނު ލުބްނާނުގެ އަވަށްތަކުން 92،600 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނެފި އެވެ.

އެޗްއާރުޑަބްލިއުގެ ލުބްނާން ރިސާޗަރު ރަމްޒީ ކައިސް ރިޕޯޓުގައި ބުނެފައި ވަނީ އިސްރާއީލުން އާބާދީ ބޮޑު ސަރަހައްދުތަކުގައި ވައިގެ މަގުން ވައިޓް ފޮސްފަރަސް މުޅި ސަރަހައްދަށް ފޮނުވުމުގެ ސަބަބުން އާންމުންނަށް ނުހަނު ބޮޑެތި ގެއްލުން ލިބި، ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.

އިޒްރޭލްގެ ހަމަލާއިން ގެއްލުންތައް ވެފައިވާ މީހެއް: އެތައް ބަޔަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައި

އެޗްއާރްޑަބްލިއުއިން ކުރި ތަހުގީގުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ދެކުނު ލުބްނާނުގެ މަދުވެގެން 17 މުނިސިޕަލްޓީއެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހުދު ފޮސްފަރަސް ހަތިޔާރު ބޭނުން ކުރިކަން ވެސް ކަށަވަރުކޮށްދީފަ އެވެ.

އެމީހުން، ކްފަރު ކިލާ އާއި މީސް އަލް ޖަބަލް އާއި ބޫސްތާނޭ އާއި މަރްކަބާ އަދި އައިތާ އަލް ޝާބްގެ މުނިސިޕަލްޓީތަކުގައި އާބާދީ ބޮޑު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް އެއާބާސްޓް މިއުނިޝަން ބޭނުންކުރިކަން ކަށަވަރުކޮށްފަ އެވެ.

ވައިޓް ފޮސްފަރަސްގެ ސަބަބުން ލިބޭ ޒަހަމްތަކަކީ ވަރަށް ވޭންދެނިވި އަދި ގެއްލުން ބޮޑު ޒަހަމްތަކެކެވެ. އަވަސް ފަރުވާ ނުދެވިއްޖެނަމަ ހަންގަނޑު ވެސް އަނދައިގެން ދެއެވެ. އަދި މީގެ ސަބަބުބް ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތަކާއި ފުއްޕާމެއާއި ލޮލަށް ސީރިއަސް ގެއްލުމެއް ލިބުމާއި ކަށީގެ ސީރިއަސް ބަލިތަކާއި ކުރިމަތި ވެއެވެ.

އިޒްރޭލުން ދޭ ވައިޓް ފޮސްފަރަސް ހަމަލާއެއް: ލުބުނާނުގެ 117 ސަރަހައްދަކަށް މި ހަމަލާ ދީފައިވޭ

އޮކްޓޯބަރު މަހުން ފެށިގެން މެއި މަހުގެ ފަހުކޮޅު ވައިޓް ފޮސްފަރަސް ޖެހުމުގެ ސަބަބުން 173 މީހަކަށް އަނިޔާވެފައިވާ ކަމަށް ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ފޮސްފަރަސްއާ ކޮންޓެކްޓް ވުމުން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނޭވާލުމަށް ހޮސްޕިޓަލަށް ގެންދިޔަ އާންމުން ވެސް ހިމެނެ އެވެ. އަދި ޖޫން މަހާއި ހަމައަށް މިކަމުގެ ސަބަބުން ގެއްލުންވި ކޭސްތައް ރިޕޯޓު ކޮށްފައި ވެއެވެ.

ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ހުދު ފޮސްފަރަސް ބޭނުންކުރި މައްސަލައިގައި ލުބުނާނުގެ ތަޖުރިބާކާރުން ބުނެފައި ވަނީ އިސްރާއީލުން މަސައްކަތް ކުރަނީ އެ ސަރަހައްދަކީ މީހުން ދިރި ނޫޅޭ އަދި ދަނޑުވެރިކަން ނުކުރެވޭ ސަރަހައްދަކަށް ހަދައިގެން ބަފާ ޒޯނެއް އުފައްދަން ކަމަށެވެ.

ދެކުނު ލުބްނާނުގެ ޖީޑީޕީގެ 80 އިންސައްތަ ހިއްސާ ކުރަނީ ދަނޑުވެރިކަން ކަމަށް އދ. ގެ ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުން ދޭ ވައިޓް ފޮސްފަރަސް ހަމަލާއެއް: ލުބުނާނުގެ 117 ސަރަހައްދަކަށް މި ހަމަލާ ދީފައިވޭ

އަލްޖަޒީރާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް 117 ފޮސްފޯރިކް ބޮން ވައްޓާލައި، އޮކްޓޯބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް މަދުވެގެން 32 އަވަށަކަށް ހަމަލާ ދީފައިވެ އެވެ. ލުބްނާނުގެ 100 ކިލޯމީޓަރު ދެކުނުގެ ބޯޑަރުގެ ގާތްގަނޑަކަށް މުޅި ސަރަހައްދަށް އެ ހަމަލާގެ އަސަރުކުރި އެވެ.

އިސްރާއީލުން ތަކުރާރުކޮށް ހުދު ފޮސްފަރަސް ބޭނުން ކުރުމުން ބައިނަލްއަގްވާމީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. މާޗް މަހުގެ 19 ވަނަ ދުވަހު އޮކްސްފާމް އާއި އެޗްއާރްޑަބްލިއު އިން ވަނީ ވަނީ އިޒްރޭލަށް ހަތިޔާރު ބަދަލު ކުރުން ވަގުތުން މެދުކަނޑާލުމަށް ބައިޑަންގެ ސަރުކާރަށް ގޮވާލާފައި އެވެ.

އިޒްރޭލްގެ ހަމަލާއިން ގެއްލުންތައް ވެފައިވާ ކުޑަކުއްޖެއް: އެތައް ބަޔަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައި

އެޗްއާރްޑަބްލިއުގެ ރިޕޯޓުގައި ލުބްނާނަށް އިލްތިމާސް ކޮށްފައި ވަނީ ބައިނަލްއަގްވާމީ ބޮޑެތި ޖަރީމާތަކުގެ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭނެ ގޮތް ހެދުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ޑިކްލަރޭޝަނެއް ހުށަހެޅުމަށެވެ.

މިދިއަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލު ކުރުން ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ލުބުނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އާއި އިސްރާއިލާއި ދެމެދު މިހާތަނަށް ގިނަ ހަމަލާތަކެއް ވަނީ ބަދަލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.