ތިންވަނަ ދައުރަކަށް މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

މޯދީއަށް މަގާމުގެ ހުވާ ލައިދެއްވީ އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމޫއެވެ. ކެބިނެޓުގެ އެންމެ ބާރުގަދަ ހަތަރު ވުޒާރާ ކަމަށްވާ އިންޓީރިއާ، ފޮރިން، ފިނޭންސް އަދި ޑިފެންސް ހިމެނޭ ގޮތަށް ކެބިނެޓުގެ އެންމެ އިސް މަގާމުތައް އޮންނާނީ ބީޖޭޕީއަށެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިޔާތުގެ ތެރެއިން

ބީޖޭޕީއަށް އަޣުލަބިއްޔަތު ލިބުނު ފުރިހަމަ ދެ ދައުރަކަށް ފަހު، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގެ އެންމެ އިސްވެރިޔާގެ މަގާމުގެ ހުވާ، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ކުރައްވައިފި އެވެ.

މިއާއެކު އުމުރުފުޅުން 73 އަހަރުގެ މޯދީ މިވަނީ 1952، 1957 އަދި 1962 ވަނަ އަހަރުގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ކާމިޔާބީއާ އެއްވަރު ކުރައްވައިފަ އެވެ. މިއަދުގެ ހުވާ ކުރެއްވުމުގެ ރަސްމިޔާތުގައި މޯދީއަށްފަހު، ރާޖްނާތު ސިންގް، އަމިތު ޝާހް، ނިތިން ގަޑްކަރީ ވެސް ވަނީ ކެބިނެޓްގެ އެހެން ވަޒީރުންނާއެކު ހުވާ ކުރައްވާފައެވެ.

ބީޖޭޕީގެ ކޯލިޝަން އެންޑީއޭގެ ޕާޓްނަރުންގެ ތެރެއިން ގިނަ މެންބަރުންތަކެއް ވަނީ މޯދީ އަލަށް އެކުލަވާލެއްވި ކެބިނެޓްގައި ހިމަނުއްވާފަ އެވެ. ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގެ ފަރާތުން ލޮކްސަބާގެ އަންދްރަޕްރަދޭޝްގެ 25 ގޮނޑީގެ ތެރެއިން 21 ގޮނޑި ކާމިޔާބުކުރި ތެލެގޫ ދޭސަމް ޕާޓީ (ޓީޑީޕީ) އާއި އިތުރު ޕާޓީއަކުން ދެ މެންބަރަކު ހުވާ ކުރައްވާފައެވެ. 

އޭގެ ތެރޭގައި ޓީޑީޕީގެ ރާމް މޯހަން ނައިޑޫ، ޕެމްމަސާނީ ޗަންދްރަޝޭކަރު، ޖޭޑީއެސްގެ އެޗްޑީ ކުމާސްވާމީ، ބީޖޭޕީގެ ސަރްބާނަންދް ސޮނޮވާލް ފަދަ ގިނަ ލީޑަރުން ވަނީ ކެބިނެޓުގައި ހިމެނިފަ އެވެ. ޔޫނިއަން މިނިސްޓަރުން ކަމަށްވާ ނިތިން ގަޑްކަރީ އާއި ނިރްމަލާ ސިތާރަމަން ވެސް މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކެބިނެޓުގެ އެންމެ ބާރުގަދަ ހަތަރު ވުޒާރާ ކަމަށްވާ އިންޓީރިއާ، ފޮރިން، ފިނޭންސް އަދި ޑިފެންސް ހިމެނޭ ގޮތަށް ކެބިނެޓުގެ އެންމެ އިސް މަގާމުތައް ދެމި އޮންނާނީ ބީޖޭޕީއަށެވެ.

މި ފަހަރުގެ އިންތިހާބުގައި އެންޑީއޭ އަށް 286 ގޮނޑި ލިބުނުއިރު، ބީޖޭޕީއަށް 240 ގޮނޑި ލިބިފައި މިވަނީ 272 އަޣުލަބިއްޔަތު ލިބޭ އަދަދަށްވުރެ މަދުކޮށެވެ. މިއީ 2019 ވަނަ އަހަރާއި 2014 ވަނަ އަހަރު ބީޖޭޕީއަށް އެކަނި އަޣުލަބިއްޔަތު ލިބުނު 303 ގޮނޑި އާއި 282 ގޮނޑިއަށް ވުރެ ދަށް އަދަދެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެކުނު އޭޝިއާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަތް ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ރަސްމިޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.