ސަރުކާރުގައި ހިމެނޭ އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަހުގީގެއްގެ ގޮތުގައި ބަލަމުން އަންނަ އިރު އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަހުގީގު މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފި އެވެ.
ސަރުކާރުގައި ހިމެނޭ އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަހުގީގެއްގެ ގޮތުގައި ބަލަމުން އަންނަ އިރު އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.
"އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން އޭނާ ހޯދުމަށް ފުލުހުން އެ ސަރަހައްދު ރަނގަޅަށް ބަލާ ފާސްކުރިތޯ އާއި އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯ އާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވެއެވެ. އެހެން ކަމުން މި މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވާލަމެވެ،" އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ވަނީ ގެއްލިފަ އެވެ؛ އެކަން ފުލުހުންގެ ސަމާލު ކަަމަށް އާއިލާއިން ގެންދިޔައީ އޭގެ ދެ ދުވަސް ފަހުން ސެޕްޓެންބަރު 19 ވަނަ ދުވަހުގެ އެވެ. އާންމުންނަށް އެކަން ހިއްސާކޮށް އަޒްހާން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނީ ޖެހިގެން އަައި 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަޒްހާން ހޯދަން ކުރާ މަސައްކަތުގެ މައުލޫމާތެއް ފުލުހުން ފުރަތަމަ ދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ބުނި ގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ހިޔާއަވަށުގެ 13 ވަނަ ޓަވަރު ކައިރިން ކާރަކަށް އަރަނިކޮށެވެ. ނަމަވެސް އެއީ ކޮން ކާރެއްކަން އޭރު ހޯދިފައެއް ނެތެވެ.
ހަމަ އެރޭ ނޫސްބަޔާނެއް މެދުވެރިކޮށް އެ މައްސަލައިގެ އިތުރު އަޕްޑޭޓެއް ދިނެވެ. އޭގައި ބުނި ގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީންނެވެ. ހުޅުމާލޭގައި އޭނާހުރި ގެސްޓްހައުސްއިންް ކާރެއްގައި ހިޔާގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށް ފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ކުރުން ވެސް ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ދިޔަ އެވެ. އެ ބަޔާނުގައި އޭނާ ދެ ފަހަރު މަތީން ދަތުރުކުރި ޓެކްސީ ކާރު ދެނެގަނެ ކާރުގެ ޑްރައިވަރުންނާއި ވާހަކަ ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ.
އަޒްހާން ގެއްލުނުތާ ދެ ހުފްތާ ފަހުން ރޭގެ އިރުއޮއްސި 6:41 ގައި ފުލުހުންގެ މީޑިއާއިން ވަނީ ނޫސްވެރީންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުވާފަ އެވެ. އެ މެސެޖުގައިވާ ގޮތުން ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދާ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ 5:45 އެހާކަންހާއިރު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. ކުނިވެފައި ވަނީ އެއީ މިނެވި މީހާ ކަމަށް ބުނަން ދަތިވާ ވަރަށެވެ. ނަމަވެސް ވަރަށް ބޮޑަށް ބުރެވޭ ގޮތުގައި އެއީ އެއީ އަޒްހާނެވެ. އެއީ އޭނާކަން ޔަގީން ކުރަން ޕޯސްޓްމޯޓަމް / އޮޓޮޕްސީއެއް ހަދަން ވަނީ ނިންމާފައެވެ. އަދި އެކަން ކުރަން އާއިލާގެ ހުއްދައަށް ވެސް ވަނީ އެދިފައެވެ.
"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރުގައި ލައިކްލީ މި ބޮޑީއަކީ [ލަފާ ކުރެވޭ ގޮތުގައި މި ހަށިގަނޑަކީ] މިއީ މުހައްމަދު އަޒްހާންގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ [ފުރުސަތު] ބޮޑު،"
އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައި މިވަނީ އޭނާ އެންމެެ ފަހުން ފެނުނު ކަަމަށް ފުލުހުންނަށް ދެނެގަނެވުނު ސަރަހައްދުންނެވެ. ސީސީޓީވީ ފްޓޭޖްތައް ބެލުމަށް ފަހު ރެޑްބުލް ދަނޑު ކައިރީން އަޒްހާން ފެނިފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސަރަހައްދު ބެލުމުގެ ހާއްސަ މަސައްކަތްތަކެއް ފުުލުުހުން ކުރީ އިއްޔެ އެވެ. އަޒްހާން ހޯދުމުގައި ފުލުހުން އަމަލު ކުރި ގޮތާމެދު ނޫސްވެރިންނާއި އާންމުންގެ ސުވާލުތައް އުފެދުނު ހިސާބަކީ މިއީ އެވެ.