ސިވިލް ސާވިސްގެ ހިދުމަތްތައް ޒަމާނާ ފައިހަމަވާ ގޮތަށް ފޯރުކޮށްދޭން ނައިބުރައީސް އެދިވަޑައިގެންފި

ނައިބުރައީސް ވިދާޅުވީ، ކިއުތަކުގައި ޖެހިގެން ރައްޔިތުން ހިދުމަތް ހޯދުމުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގޭގައި ތިބެގެން ވެސް ލިބޭނެ އަވަސް ހިދުމަތަކަށް ސިވިލް ސާވިސްގެ ހިދުމަތްތައް ވުން މުހިންމު ކަމަށެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު -- ފޮޓޯ؛ ރައީސް އޮފީސް

ސިވިލް ސާވިސްގެ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ސިވިލް ސާވިސްގެ ހިދުމަތްތައް ދިނުމުގައި ދެކަމަކަށް ސަމާލުވާން ޖެހޭ ކަމަށާއި، އެއީ ދޭސީއެއް ބިދޭސީއެއް ބެލުމެއް ނެތި އޯގާތެރިކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމާއި، ޒަމާނާ އެއްގޮތަށް، ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ދިނުމަށް އިސްކަން ދިނުން ކަމަށެވެ. 

"ކިއުގާ ތިބެގެން ހިދުމަތް ހޯދަން އެތައް އިރަކު ތިބުން ފަދަ ކަންކަމަކީ މި ޒަމާނުގެ ޓެކްނޮލޮޖީއާ އެކު ހައްލު ހޯދޭނެ ކަންކަން. އޮފީސްދޮށަށް ނުގޮސް ގޭގައި އިނދެގެން ވެސް އޮންލައިންކޮށް ހިދުމަތް ލިބެން ޖެހޭ" ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

އަދި ހިދުމަތްތައް ދިނުމުގައި ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށް ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނާއި ސަރުކާރުން ގެންގުޅޭ ރައްޔިތުންގެ އަޑާއި ހިޔާލާ މަޝްވަރާއާ އެކު ކަންކަން ކުރުމުގެ ސިޔާސަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވާ މުވައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަން ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ދިވެހި ސިވިލް ސާވިސް ކޮމިޝަނުން، އަދި ސިވިލް ސާވިސްގެ މުވައްޒަފުން އެދިވަޑައިގަންނަވާ ކަންކަން ފަސޭހަކޮށްދިނުމުގައި ސަރުކާރުން ރެޔާ ދުވާލު މަސައްކަތް ކުރާނަން" ނައިބު ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.