އަބީޝެކް ބައްޗަން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސައިޔާމީ ކޭރާއެކު "ގޫމޭރް" އިންނެވެ. އަމީތާބު ބައްޗަންގެ 'ކަލްކީ 2898' ޖޫން 27 ގައި ރިލީޒް ކުރާނެ އެވެ.

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަންގެ ކުރިއަށް އޮތް ފިލްމުގައި ފެނިގެން ދާނީ ދަރިފުޅު އަބީޝެކް ބައްޗަން އާއެކުގައި ކަމަށް ބުނެފި އެވެ.
އަމީތާބާއި އަބީޝެކް މީގެ ކުރިން ފިލްމު 'ބަންޓީ އޯރް ބަބްލީ" އާއި "ސަރްކާރް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އާއި "ސަރްކާރް ރާޖް" އަދި "ޕާ" އިން އެކުގައި ފެނިގެން ގޮސްފައި ވާއިރު މިފަހަރުގެ މަސައްކަތް ވެގެން ދާނީ ދެބަފައިން އެކުގައި ފެނުމަށް އެދޭ ގިނަ ބައެއްގެ އިންތިޒާރުގެ ނިމުން ގެނެސްދޭ ކަމަކަށެވެ.
އަމީތާބު އެކްސްގައި ކުރި ޕޯސްޓެއްގައި ދެބަފައިން އެކުގައި ސްޓޫޑިއޯއެއްގައި ތިބި ފޮޓޯއެއް ހިއްސާ ކޮށްފައި ވާއިރު، ފޮޓޯއިން ފެންނަ ގޮތުން ހީވަނީ ޑަބިން ސެޝަންއެއްގައި ތިބި ހެންނެވެ. ދެ ތަރިން ވެސް ހެޑްފޯން އަޅައިގެން މައިކް ކުރިމަތީގައި ތިބިތަން ފެނެ އެވެ.
ކުރިއަށް އޮތް ޕްރޮޖެކްޓާ ބެހޭ ތަފްސީލެއް ނުދީ އަމީތާބް، ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ބައްޕަ އާއި ދަރިފުޅު އެކުގައި މަސައްކަތުގައި އަދި ވަރަށް އަވަހަށް އެކުގައި މި ކުރާ ހިތްގައިމު މަސައްކަތް ފެނިގެން ދާނެ" ކަމަށެވެ.
އަމީތާބް ވަނީ ޑަބިން ސެޝަންގެ އިތުރު ފޮޓޯތަކެއް އޭނާގެ ބްލޮގްގައި ހިއްސާ ކޮށްފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަބީޝެކްގެ ފިލްމު "ޔޫވާ" އަށް 20 އަހަރު ފުރިފައިވާއިރު، އެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން އަމީތާބު ވަނީ އިންސްޓަގްރާމްގައި ކުރީގެ ހިތްގައިމު ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އެ ފޮޓޯގައި އަބީޝެކާއި އަމީތާބް ތިބީ ޔޫވާއަށް ލިބުނު އެވޯޑެއް ހިފައިގެނެވެ. ދެހާސް ހަތަރު ވަނަ އަހަރު ރިލީޒްކުރި މަނީ ރަތުނަމްގެ "ޔޫވާ" ގައި އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު، ރާނީ މުކަރްޖީ އަދި ވިވެކް އޮބެރޯއީ ވެސް މުހިއްމު ރޯލުތަކުން ފެނިގެން ދިޔަ އެވެ.
އަބީޝެކް ބައްޗަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސައިޔާމީ ކޭރާއެކު "ގޫމޭރް" އިންނެވެ. އަނެއްކޮޅުން އަމީތާބު ބައްޗަންގެ ކަލްކީ 2898 ޖޫން 27 ގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. ނާގް އަޝްވިން ޑައިރެކްޓްކުރާ މި ފިލްމުގައި ދީޕިކާ ޕަދުކޯން، ޕްރަބާސް އަދި ކަމަލް ހަސަން މުހިއްމު ރޯލުތަކުން ފެނިގެން ދެއެވެ.