ޔޫކްރޭނަށް އަސްކަރީ އެހީ ލަސްވުމުން ބައިޑަން މައާފަށް އެދިވަޑައިގެންފި

އެހީ ދިނުން ލަސްވެފައި ވަނީ ކޮންގްރެސްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ސަބަބުންނެވެ.

ޔޫކްރޭނަށް ދޭ އަސްކަރީ އެހީ ލަސްވަމުން ދާތީ އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑަން، މައާފަށް އެދިވަޑައިގެންފި އެވެ.

ޑީ-ޑޭ ލޭންޑިން އަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ފްރާންސްގެ ޕެރިހުގައި ބޭއްވި ހަފްލާގެ އެއް ދުވަސް ފަހުން ޕެރިހުގައި ދެ ބޭފުޅުން ބައްދަލު ކުރައްވާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ރަޝިޔާއިން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައިގަނެ ފުޅަލަށް ހަމަލާދޭން ފަށާފަ އެވެ.  އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ ދިފާއަށްޓަކައި ދޭ އެހީގެ އާ ޕެކޭޖުގައި ހަތިޔާރާއި އެންޓި އެއާކްރާފްޓް މިސައިލް ހިމެނޭނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ އެހީ ދިނުން ލަސްވެފައި ވަނީ ކޮންގްރެސްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ސަބަބުން ކަމަށެވެ. އަދި ހަމައެއާއެކު އެމެރިކާއިން ޔޫކްރޭނަށް ތާއީދު ކުރާ ކަން ތަކުރާރު ކުރައްވާފައި ވެއެވެ. އަދި މިހާރެކޭ އެއްގޮތަށް ހަނގުރާމައިގައި ދެމިތިބެ ކުރިއަށް ދިޔުމަށް ބައިޑަން އެދިވަޑައިގަތެވެ.

"އެމެރިކާ އޮންނާނީ އަބަދުވެސް ތިޔަ ބޭފުޅުންނާ އެކުގައި،" ޒެލެންސްކީއަށް ބައިޑަން ވިދާޅުވި އެވެ. 

ޖަވާބުގައި ޒެލެންސްކީ ވިދާޅުވެފައި ވަނީ ރަޝިޔާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ ގުޅުން ވަރަށް މުހިންމު ކަމަށާއި އަބަދުވެސް ޔޫކްރޭނާއެކު އެމެރިކާއިން ތިބޭތީ ޝުކުރު ކުރާ ކަމަށެވެ.

ފްރާންސްގެ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މި މަހުގެ ފަހުކޮޅު ސްވިޒަލޭންޑްގައި ބާއްވާ ސަމިޓުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

ޔޫކްރެއިންގެ ރައީސް ގެ މި ދަތުރުފުޅުގައި ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ފްރާންސްގެ ޓީވީގައި މެކްރޮން ވިދާޅުވީ ޕެރިހުން މިރާޖް 2000 ފައިޓާ ޖެޓްތައް ޔޫކްރެއިނަށް ފޮނުވައި ޔޫކްރެއިންގެ ޕައިލެޓުން ތަމްރީނު ކުރާނެ ކަމަށެވެ. އަދި މި އަހަރުގެ ހޫނު މޫސުމުގައި އެ ތަމްރީނުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ފްރާންސްގެ ރައީސްގެ ވާހަކަތަކުން އެނގެނީ ޔޫކްރޭންގެ ހަމަނުޖެހުންތަކުގައި "ސީދާ" ދައުރެއް އަދާ ކުރަން ތައްޔާރަށް ހުންނެވި ކަމެވެ.

ހުކުރު ދުވަހު މި މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ ހުޅަނގުގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ މަގުސަދުގައި މޮސްކޯއިން ގައުމުތަކަށް ހަތިޔާރު ފޮނުވާނެ ކަމުގެ އިންޒާރު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވާފައި ވަނިކޮށެވެ. ޕޫޓިން މިހެން ވިދާޅުވީ ހުޅަނގުން ޔޫކްރޭނަށް ދުރު ރާސްތާގެ ހަތިޔާރު ފޯރު ކޮށްދެމުން ދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހަތިޔާރު ފޯރުކޮށް ދެވޭނީ ކޮން ގައުމުތަކަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެމެރިކާ ފަދަ ގިނަ ގައުމުތަކަކުން ވަނީ ރަޝިއާގެ އެތެރޭގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ޔޫކްރޭނަށް ފެހި ސިގްނަލް ދީފަ އެވެ.
ބައިޑަން ވަނީ އެމެރިކާއިން ފޯރު ކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ހުއްދަ ޔޫކްރޭނަށް ދެއްވާފައި ކަމަށާއި ނަމަވެސް ހަމަލާ ދޭން ވާނީ ހަމައެކަނި ޚަރްކީވް ސަރަހައްދު ކައިރިއަށް ކަމަށެވެ. ވައިޓް ހައުސްއިން ބުނީ ރަޝިޔާގެ ބިމުގައި ޔޫކްޜޭންއަށް ދުރު ރާސްތާގެ އޭޓީއޭސީއެމްއެސް މިސައިލް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ޔޫކްރޭން ސަރުކާރު ވައްޓާލާ އެގައުމު ހިފުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަމުރު ކުރެއްވީ 2022 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.