ސިވިލް ކޯޓުން މިފަދަ ހުކުމެއް ކޮށްފައި ވަނީ ކައިވެނިކޮށްގެން އުޅުނުއިރު ކުރީގެ ފިރިމީހާއަށް ހިބައިން ދީފައިވާ ގޯތި އަތުލައި، ވަސިއްޔަތުން ރުޖޫއަވުމަށް އަންހެނަކު ހުށަހެޅި މައްސަލައެއްގަ އެވެ.
ކައިވެނި ކޮށްގެން އުޅުނުއިރު، ކުރީގެ ފިރިމީހާއަށް ހިބައިން ދިން ގޯތި އަނބުރާ ހޯދަން ކޯޓަށް ދިއުމުން އެ ގޯތި އަތު ނުލެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.
ސިވިލް ކޯޓުން މިފަދަ ހުކުމެއް ކޮށްފައި ވަނީ ކައިވެނި ކޮށްގެން އުޅުނުއިރު ކުރީގެ ފިރިމީހާއަށް ހިބައިން ދީފައިވާ ގޯތި އަތުލައި، ވަސިއްޔަތުން ރުޖޫއަވުމަށް އަންހެނަކު ހުށަހެޅި މައްސަލައެއްގަ އެވެ. ފިރިހެން މީހާއަށް ގޯތި ހިބައިން ދީފައި ވަނީ ހުޅުމާލެ ކޯޓުން ކޮށްފައިވާ ހުކުމަކުންނެވެ. ހިބައިން ދިން ބައި އަނބުރާ ހޯދަން އަންހެން މީހާ ދައުވާ ކޮށްފައި ވަނީ އޭރުގެ ހާލަތު ބަދަލުވުމުން ކަން މައްސަލައިން އެނގެ އެވެ.
ދެ މީހުން ކައިވެނި ކޮށްގެން އުޅުނުއިރު ހުޅުމާލޭގައި އޮތް ގޯއްޗެއް 2014 ވަނަ އަހަރު ވަނީ ދެ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފަ އެވެ. އެ ބިމުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާފައި ވަނީ ދެ މީހުން ލޯނެއް ނަގައިގެނެވެ.
އަންހެން މީހާ ވަނީ އެ ލޯނަށް ފިރިހެން މީހާ ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަކި މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.
ފިރިހެން މީހާ ކޯޓުގައި ބުނެފައި ވަނީ އެ ގޯތި އިމާރާތް ކޮށްފައި ވަނީ އޭނާގެ މަސައްކަތުން ކަމަށެވެ. އަދި ލޯނުގެ މައްސަލަ މިހާރު ވެސް ކޯޓުގައި ހިނގާތީ، މި މައްސަލަ އިހުތިލާފެއްނުވާ ބާވަތުގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި މައްސަލައިގެ ހުކުމުގައި ބަޔާން ކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ހިބައިން އަދި ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދުގައި ހިބަ އަނބުރާ އަތުލުމުގައި އަމަލު ކުރަންވީ އުސޫލެއް ބަޔާން ކޮށްފައި ނުވާ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަމުގައި ނިންމުންތައް ނިންމަން ޖެހޭނީ އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައަޅާފައިވާ އޮންނަ ގޮތަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ހުކުމުގައި އިސްލާމީ ފިގުހު އިލްމުވެރިންގެ ރައުޔަށް ރިއާޔަތްކޮށް، މާލިކީ މަޒްހަބާއި ޝާފިއީ މަޒްހަބުގައި އޮންނަ ގޮތް ބަޔާން ކޮށްފައިވެ އެވެ. މާލީކީ މަޒްހަބުގައި އޮންނަ ގޮތުން، ގާތްތިމާގެ މީހަކަށް ނުވަތަ ފަގީރަކަށް ހިބައިން ދޭ އެއްޗެއް ބެލެވޭނީ ސަދަގާތެއްގެ ގޮތުގައި ކަމަށާއި، އެފަދަ ހިބަ އަނބުރާ އަތު ނުލެވޭނެ ކަމަށް ހުކުމުގައި ބަޔާން ކޮށްފައިވެ އެވެ. އަދި، ޝާފިއީ މަޒްހަބުގެ އިލްމުވެރިންގެ ރައުޔުގައި، ބައްޕައަކު ދަރިއަކަށް ދީފައިވާ ހިބަ ފިޔަވައި އެހެން ހިބައިން ރުޖޫއަވުން ހުއްދަ ނޫން ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
"ދައުވާ ކުރާ ފަރާތުން ދައުވާ ލިބޭ ފަރާތަށް ހިބައިން ދީފައި ވަނީ ކައިވެންޏާއި ގުޅިގެން ކަމާއި އަދި މިހާރު މި ކައިވެނި ރޫޅިފައިވާއިރު، ހިބަ ރުޖޫއު ކުރުމަށް ދައުވާ ލިބޭ ފަރާތުން އިއުތިރާޒް ކޮށްފައި ވާތީ، އިސްލާމީ ޝަރީއަތުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި އަދި ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރުމުން މި ހިބައަކީ އަނބުރާ ރުޖޫއަ ކުރެވޭނެ ހިބައެއް ނޫންކަން އެނގެން އޮވޭ..." މި މައްސަލައިގައި ނިންމުމުގައިވެ އެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.