އައްޑޫގެ ފެނުގެ ނިޒާމު އަޕްގުރޭޑުކުރުން ދޮޅު އަހަރު ތެރޭ ނިމޭނެ: މުއާޒު

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ލިބުމުގައި ކުރިމަތިވި ދަތިތަކަށް ވަގުތީ ހައްލެއް ހޯދާފައިވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މިހާރު ފަށާފައިވާ ފެނުގެ ނިޒާމު އަޕްގުރޭޑު ކުރުމުގެ މަސައްކަތް ނިމުމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަނީ

އައްޑޫ ސިޓީގެ ފެނުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ފެނުގެ ނިޒާމު އަޕްގުރޭޑުކުރުމުގެ މަސައްކަތް ދޮޅު އަހަރެއްހައި ދުވަސް ތެރޭ ނިމޭނެކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މުއާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. 

"މިރާ" އަށް މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވީ އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕައިޕުތައް މަރާމާތުކޮށް ބަލަހައްޓާފައި ނެތުމުގެ ސަބަބުން ކަމަށެވެ. 

މުއާޒު ވިދާޅުވި ގޮތުގައި މިހާރު އިތުރު ބޯ ހޯލް ތޮރުފައި ޕައިޕުތައް އިންސްޓޯލުކުރުމުގެ މަސައްކަތްވަނީ ކޮށްފަ އެވެ. އެއާއެކު ވަގުތީ ގޮތުން އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރެވުނީއެވެ. ނަމަވެސް ދާއިމީ ހައްލެއް ލިބޭނީ ސަރުކާރުން ފަށާފައިވާ މަޝްރޫއު ނިމުމުންނެވެ. 

"އެކަހަލަ އެއްވެސް މައްސަލައެއް މިހާރު ދިމާނުވާނެ. ޖުމްލަކޮށް އެއްކޮށް އައްޑޫއަށް ހައްލުލިބޭނީ އެމްޑަބްލިއުއެސްސީއާ ސަރުކާރުން ހަވާލުކޮށްގެން އުޅޭ އަޕްގުރޭޑުކުރުމުގެ މަސައްކަތް ނިމުނީމައި. އެ މަސައްކަތް ނިމޭނީ ދޮޅު އަހަރު ތެރޭގައި،" މުއާޒު ވިދާޅުވި އެވެ. 

"މި ވަގުތަށް ފެން ފޯރުކޮށްދެވޭނެ އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވެ،" 

މުއާޒު ވިދާޅުވި ގޮތުގައި 270 މިލިއަން ރުފިޔާއަށް ސަރުކާރުން ހަވާލުކުރި މަޝްރޫޢުގެ ދަށުން ފެން ޕަމްޕުތަކާއި ސާފު ފެން އުފައްދާ އާރްއޯ ޕްލާންޓުވެސް އަޕްގުރޭޑުކުރެވިގެންދާނެ އެވެ. އެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު އެމްޑަބްލިއުއެސްސީން އައްޑޫ ފެނުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުން މައްސަލައެއް ކުރިމަތިނުވެ ފެނުގެ ހިދުމަތް ދެވޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

އައްޑޫގެ ފެނުގެ ނިޒާމުގެ އިތުރަށް ބައެއް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށްވެސް ބުރޫއަރައި އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ. ފެނަކައިން ބުނާ ގޮތުގައި މި ދަތިތައް ކުރިމަތިވަނީ ކުރީ ވެރިކަމުގައި މެއިންޓެނެންސްގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރެވިފައި ނެތުމުންނެވެ. 

މަރާމާތުކުރުމަށް ކުރިން އިސްކަންނުދޭ ފެނަކައިގެ އައު މެނޭޖުމެންޓުން ހާމަކުރި ގޮތުގައި ފާއިތުވި ފަސް އަހަރު ފެނަކަ ހިންގާފައިވަނީ އެ ކުންފުނީގެ ވަސީލަތްތައް މަރާމާތުކުރުމަށް އިސްކަންނުދީ އެވެ. ނަތީޖާއެއްގެ ގޮތުން ފެނަކައިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުގެ 53 އިންސައްތަ ޖަނަރޭޓަރު ހުރީ ބޭނުންނުކުރެވޭ ހާލަތުގަ އެވެ. ފަސް އަހަރު ތެރޭގައި މަރާމާތަށާއި މެއިންޓެނޭންސްއަށް 275 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެކަމަށް ގެނައި ސްޕެއާ ޕާޓްސްގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަކެތި އަލުން ގަންނަން ޖެހުނުކަން އެ ކުންފުނީގެ އައު މެނޭޖުމެންޓުން ފާހަގަކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.