ގޯއެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

ގޯ އެއާގެ މައްޗަށް ދައްކަން ހުކުމްކުރި ފައިސާއަކީ އެއާޕޯޓު ސާވިސް ޗާޖާއި، ޑިޕާޗާ ޓެކްސްއާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ދައްކަންޖެހި ނުދައްކައި ހުރި 55 މިލިއަން ރުފިޔާ ނުވަތަ 3.6 މިލިއަން ޑޮލަރެވެ.

ގޯއެއާގެ މަތިންދާބޯޓެއް، ފޮޓޯ:ގޫގުލް

އިންޑިއާގެ ގޯއެއާގެ މައްޗަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް 3.6 މިލިއަން ޑޮލަރު (55.51 މިލިއަން ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. 

މި މަހުގެ ތިންވަނަ ދުވަހު ހުކުމްކުރި މައްސަލައަކީ ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުން އަތުން ޓެކުސްއާއި ފީ ނެގުމާ ބެހޭ ޤާނޫނުގެ ދަށުން ގޯއެއާއިން ދައްކަންޖެހި ނުދައްކައި ހުރި އެއާޕޯޓް ސާވިސް ޗާޖާއި، ޑިޕާޗާ ޓެކުހާއި، އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ދައްކަންޖެހޭ 3.6 މިލިއަން ޑޮލަރު އެއްފަހަރާ ނަގައިދިނުމަށް އެދި މީރާއިން ހުށަހެޅި މައްސަލައެކެވެ. 

އެ ގާނޫނުގެ ދަށުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި އިކޮނޮމިކް ކުލާހުގައި ދަތުރުކުރާ ކޮންމެ ބިދޭސީއެއްގެ ތުން 25 ޑޮލަރު އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގައެވެ. ބިޒްނަސް ކުލާހުގައި ކޮންމެ ފަސިންޖަރެއްގެ އަތުން 60 ޑޮލަރު އަދި ފަސްޓު ކުލާހުގައި ދަތުރުކުރާ ފަސިންޖަރުން އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު ނަގައެވެ. 

ޑިޕާޗާ ޓެކުސްގެ ގޮތުަގއި އިކޮނޮމިކް ކްލާސްގައި ދަތުރުކުރާ ބިދޭސީ ފަސިންޖަރުންގެ އަތުން 30 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގައެވެ. އަދި ބިޒްނަސް ކުލާސް ފަސިންޖަރުން އަތުން 60 ޑޮލަރާއި ފަސްޓް ކްލާސް ކޮންމެ ފަސިންޖަރުންގެ އަތުން 90 ޑޮލަރާއި ޕްރައިވަޓް ޖެޓުގެ ކޮންމެ ފަސިންޖަރުންގެ އަތުން 120 ޑޮލަރު ނަގައެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓުމެންޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ގޯއެއާއިން ދައްކަންޖެހޭ ފައިސާގެ އަދަދު 3.6 މިލިއަން ޑޮލަރަށް އަރައެވެ. 

އެއާގޯގެ ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ މައްސަލަ އެގޮތަށް ކުރިއަށްގެންދަންޖެހުނީ ގޯއެއާގެ އެޑުރެހެއްގެ ގޮތުގައި މީރާއިން ދިން އެޑްރެސްކަމަށްވާ އެސްޓީއޯ އައިފާނު ބިލްޑިންގެ 3 ވަނަ ފުލޯއަށް ދައުވާ ފޯމު ރައްދުކުރަން މަސައްކަތްކުރި ނަމަވެސް އަދި ފަހުން އެ ކުންފުނީގެ އެޑުރެސްގެ ގޮތުގައި ދިން މ.ނަރުގިސްއަށް ދައުވާ ފޯމު ފޮރުވުމުންވެސް އެ ކުންފުނިން ކޯޓަށް ހާޒިރުނުވުމުން ކަމަށެވެ. 

2018 ވަނަ އަހަރު އޮކްޓޯަބަރު މަހުގައި އެއާގޯއިން ރާއްޖެއަށް ދަތުރުތައް ފެށުމަށްފަހު ކޮވިޑާ ގުޅިގެން 2020 ގައި ދަތުރުތައް މެދުކަނޑައިލުމަށްފަހު އަލުން ފެށީ މާޗު 2023 ގައެވެ. ނަމަވެސް އެ ފަހުން އެ ދަތުރުތައްވެސް އެ ކުންފުނިން ހުއްޓައިލިއެވެ. 

މާލީ ގޮތުން ގޯއެއާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު އެ ކުންފުނިވަނީ ބަނގުރޫޓުވެފައެވެ. އެއީ 2019 ވަނ އަހަރު އިންޑިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިންކަމަށްވާ ޖެޓް އެއާވޭސް ބަނގުރޫޓުވުމަށްފަހު އެ ގައުމުގެ ބޮޑު އެއާލައިނެއް ބަނގުރޫޓުވި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.