މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިއަދު މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތުގެ އެއްވެސް ލޯ ލާރިއެއް މިނިސްޓަރު އަދި އިސްލާމިކް މިނިސްޓްރީން ބޭނުންހާ ގޮތަކަށް ހަރަދު ނުކުރެވޭނެ ކަމަށެވެ.
ސަރުކާރު ހަރަދުގައި މީހުން ހައްޖަށް ފޮނުވަނީ ފަގީރުންގެ ޒަކާތު ފައިސާ އިން ނޫން ކަމަށް ވިދާޅުވެ ނަފްރަތު އުފައްދަން އުޅޭ މީހުންނަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.
ސަރުކާރުން މީހުން ހައްޖަށް ފޮނުވަނީ ޒަކާތު ހައުސްގެ ފަންޑުންނެވެ. ޒަކާތު ހައުސް އަކީ އިސްލާމީ ޝަރީއަތުގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމު ކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ޒަކާތް ނެގުމާއި ބެހުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން އުފެއްދި މުއައްސަސާ އެކެވެ.
ޒަކާތު ހައުސްގެ ފަންޑުން މީހުން ހައްޖަށް ފޮނުވާތީ ބައެއް އިލްމުވެރިން ދަނީ ސަރުކާރަށާއި މިނިސްޓަރަށް ފާޑުކިޔަމުންނެވެ. އެގޮތުން، ނިކަމެތިން ހައްޖަށް ފޮނުވުމަށް ދައުލަތުގެ ބައިތުލްމާލުން ނުވަތަ ޒަކާތު ފައިސާ އިން ހަރަދު ކޮށްގެން ނުވާނެ ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިއަދު މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތުގެ އެއްވެސް ލޯ ލާރިއެއް މިނިސްޓަރު އަދި އިސްލާމިކް މިނިސްޓްރީން ބޭނުންހާ ގޮތަކަށް ހަރަދު ނުކުރެވޭނެ ކަމަށެވެ. އެ މުއައްސަސާ އަކީ ސަރުކާރުގެ މާލީ މުއައްސަސާތައް ހިމެނޭ ގޮތަށް އުފެދިފަ އޮންނަ ކައުންސިލެއް ކަމަށާއި ޒަކާތު ހައުސްގައި އެތަންތަނުގެ މަންދޫބުން ތިބޭ ކަމަށެވެ.
ޒަކާތު ހައުސްއިން ހިންގާ އެއްވެސް ކަމަކަށް، އެތަންތަނުން ފާސްކޮށްގެން ނޫނީ ހަރަދު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ޝައިހުންގެ ފިތުނަވެރި ފަތުވާތަކުގެ ސަބަބުން ހަރުދަނާ ކަމާއެކު ހިނގަމުންދާ ރާއްޖޭގެ އިސްލާމީ މުއައްސަސާތަކުގެ އިތުބާރު ނަގާލަނީ. ތަނެއް ދޮރެއް ނުބަލާ ފަތުވާ ދެނީ. ދިވެހި ރާއްޖޭގެ މޯލްޑިވްސް ޒަކާތު ހައުސްގެ ޕޭޖް ބަލާލުމުން އެނގޭނެ އެތަނުން ކުރަމުންދާ މަސައްކަތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތު ހައުސް އިން ޒަކާތް ނެގުމާއި ބެހުމުގެ އިތުރުން ބޭސްފަރުވާގެ އެހީ ބޭނުންވާ ފަރާތްތަކަށް އެ އެހީވެސް ފޯރުކޮށްދެ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިން އުފައްދާފައިވާ މުއައްސަސާއެކެވެ.
ސަރުކާރުގެ ހަރަދުގައި މިއަހަރު 50 މީހުން ވަނީ ހައްޖަށް ފޮނުވާފަ އެވެ. އެމީހުން ފުރާފައި ވަނީ އިއްޔެ އެވެ. މި ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.